ނިޕޮޓިޒަމް ކާމިޔާބީގެ އަސްލަކީ މަސައްކަތުގެ ފެންވަރު
ފިލްމީ ދާއިރާގައި އޮންނަ އާއިލީ ނުފޫޒު ނުވަތަ 'ނެޕޮޓިޒަމް' އާ ގުޅޭގޮތުން އެކްޓަރު އިމްރާން ހާން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކައިފިއެވެ. އޭނާ ބުނި ގޮތުގައި، 2008 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވީއްސުރެ އޭނާއަށް މިފަދަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ތަރިންގެ ދަރިންނާ މެދު ކުރެވޭ މި ބަހުސަކީ އިންޑިއާގެ ފިލްމީ ސިނާއަތުގައި ޒަމާނުއްސުރެ އޮތް ކަމެކެވެ.
"ޖާނޭ ތޫ ޔާ ޖާނޭ ނާ" ގެ އެކްޓަރު ހަނދާން އާކުރި ގޮތުގައި، އޭނާގެ ފުރަތަމަ ފިލްމަކީ ބޮޑުބޭބެ އާމިރު ހާން ޕްރޮޑިއުސްކުރި ފިލްމަކަށް ވާތީ، އޭނާގެ އާއިލީ ފަސްމަންޒަރާ ގުޅޭގޮތުން އޭރުވެސް ގިނަ ވާހަކަތަކެއް ދެކެވުނެވެ.
ޢިމްރާން ފާހަގަކުރި ގޮތުގައި، ބޮލީވުޑަކީ ތާރީހީ ގޮތުން ބަލާއިރު އާއިލީ ވިޔަފާރިއެއްގެ އުސޫލުން ހިނގަމުން އަންނަ ދާއިރާއަކަށް ވުމުން، އާއިލީ ނިސްބަތާ ގުޅޭގޮތުން ވާހަކަދެކެވުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ.
ނަމަވެސް އާންމުންގެ މެދުގައި މަގުބޫލުކަން ލިބުމުގެ އަސްލަކީ އެ މީހެއްގެ ކިބައިގައި ހުރި ހުނަރު ކަމަށް އިމްރާން ބުނެއެވެ. މިސާލެއްގެ ގޮތުން ރަންބީރު ކަޕޫރުގެ ނަން ފާހަގަކުރަމުން ޢިމްރާން ބުނީ، ރަންބީރަކީ ފިލްމީ ގޮތުން ނުފޫޒުގަދަ "ޝާހީ" އާއިލާއަކަށް ނިސްބަތްވާ މީހެއް ނަމަވެސް، އޭނާ ދައްކުވައިދޭ މޮޅު މަސައްކަތްތަކުގެ ސަބަބުން ގިނަ ބަޔަކު އޭނާ ބަލައިގަންނަ ކަމަށެވެ.
އިމްރާން ދެކޭގޮތުގައި، މިފަދަ ފާޑުކިޔުންތައް ވަރުގަދަވަނީ ކުރާ މަސައްކަތުގެ ފެންވަރާ މެދު ބެލުންތެރިން ހިތްހަމަނުޖެހޭ ހާލަތްތަކުގައެވެ. ނެޕޮޓިޒަމްގެ ބަހުސް މިހާ ބޮޑުވެފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާވެ، ފިލްމާއި، ޓީވީ ޝޯތަކުގެ އިތުރުން ވެބް ސީރީޒްތައް އިތުރުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އާ ފަންނާނުން، އޭގެ ތެރޭގައި ތަރިންގެ ދަރިންވެސް ހިމެނޭހެން މި ދާއިރާއަށް ވަންނަމުންދާތީ ކަމަށް އޭނާ ބުންޏެވެ.
"މި ބަހުސް ބިނާވެފައިވަނީ މަސައްކަތުގެ ފެންވަރުގެ މައްޗަށް،" އިމްރާން ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، މިއަދުގެ މީޑިއާގެ މާހައުލު އޮތްގޮތުން ތަފާތު ހިޔާލުތަކަށް ފުރުސަތު ލިބިގެންދާއިރު، މޮޅު ހުނަރާއި ދެރަ ހުނަރުގެ ތަފާތު މިހާރު ވަރަށް ސާފުކޮށް ފެންނަން އޮވެއެވެ.




