އެކީތިބި ގިނިކާމާދޫނިތަކަށް ފިޔަވަޅު ނޭޅެންޏާ އިސްތިއުފާދީ

އެކީތިބި ގިނިކާމާދޫނިތަކަށް ފިޔަވަޅު ނޭޅެންޏާ އިސްތިއުފާދީ

އަދިވެސް ލަދެއް ނުގަނެއެވެ. އެވެނި ރަށެއްގެ މިތައްގޮޑި ޕީއެންސީއިން ކާމިޔާބު ކޮށްފިއޭ ބުނެ އެބަ ފުއްޕައެވެ. ވެރިކަމާ އާރާ ބާރުގައި ނުފޫޒާ ރިޝްވަތާ ވަޒީފާ ބަހައިގެން ބޮޑު ބައްޔަކުން ބަލިވީމާ ދައްކާން އޮތީ ދެން ކޮންވާހަކައެއް ހެއްޔެވެ. 

ރައްޔިތުންގެ މައިނޯތިޓީން ލިބިފައި އޮތް މަޖިލިސް މެޖޯރިޓީއެއް އޮވެގެން ގަންނާނެހާ ގަޑެއް ނުގަނެވޭނެކަން ރައްޔިތުން ކިތަންމެހާވެސް ރަނގަޅަށް ޕީއެންސީއަށް އަންގާދީފިއެވެ. މެންބަރުން ވަގަށް ނަގައިގެން ޕާޓީ ދަފުތަރު ބޮޑުކޮށްގެން ދަވާލެވެނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭފައިސާ ކަމަށް ރައްޔިތުން ބުނެފިއެވެ. ރައްޔިތުންގެ ވޯޓު އެހެން ދަމައި ނުގަނެވޭނެކަން ރައްޔިތުން އިއްޔެ އެއަންގާލީއެވެ. 

މުއިއްޒު ގަޅަހައްދައިގެން ދައުލަތް ދަވާލަން އުޅޭ ބައިގަޑަށް ފިސާރި ހެޔޮވަރުގެ ފިލާވަޅެއް ރައްޔިތުން ދީފިއެވެ. ދައުލަތުގެ މާލިއްޔާ ކިހިލިޖަހައިގެން ނިކުމެ ވޯޓު ގަންނަން އުޅުނު ބައިގަޑު މުއިއްޒަށްވެސް އެދިނީ ކެއްސެވެ. ބޮޑުކުރީ އަމިއްލަ އަންބޮޑިއެވެ. މުއިއްޒަށް އަވާމެންދުރު ދައްކައިގެން ދައުލަތް ނޮޅާކާ ބޮޓޭކޯމެން މައިކުމެންގެ ހަގީގީ ސޫރަ މުއިއްޒަށް މިހާރު ހުންނާނީ ފެނެފައެވެ. 

ބުރުމާއަކުން ރޮންދާއަކުން ލޮލީއަކުން ބަގީޗާއަކުން ސަރަނގަކުން ކުރާނެ ބޭނުމެއް ނެތްކަން މިހާރު މުއިއްޒަށް އެނގޭނެއެވެ. ކަޅުވެނު ގޮހޮރަށް އަލާ އެއްޗަކުން މަންފާއެއް ނެތްކަންވެސް މިހާރު އެނގޭނެއެވެ. ފަތަރާސީ ކަންމަތީ މަގަށް ނެރެފައި އެލްސޯފާ މައްޗަށް ދޫނިއަރުވުން ހަޖަމުނުވާކަން މިހާރު އެނގޭނެއެވެ. 

ކޮށީގައިތިބި ކުކުޅުތަކުގެ ފައިގާ ބިސްމަޅިދުއްވަން ނަނުޖަހައިގެން ނަނުމައްޗަށް އަރާއިންދާ ބިސްފީވެގެން ކުކުޅުތައް ބޮލަށް އަރައިގަތުމުގެ ދުވަސް ދެން މާދުރެއް ނޫނެވެ. ކޮރަޕްޝަނާ ހިޔާނާތުން ކަޅިވެފައިވާ ކަލާސީން ނަވުން ބާލާ އަވަހަށް އޮޑިވަރު ކުރާށެވެ. ދައުލަތް ކައިފުރައިގެން ކައިރީގައި ތިބި ބޮޑު ހޯގުޅާތައް ހިފާ ހައްޔަރުކޮށް އަދަބުދޭށެވެ. އެހެން ނޫނީ މުއިއްޒަށް ދެން ނަގާ ރާޅު މާ ބޮޑުވާނެއެވެ. ޖަންތާ އަދާލަތުގެ ދިގުއަށް ހުރާލުމުގެ ކުރިން ވަގުތު އޮއްވާ ކައިރީގައި ތިބި މާދޫނިތަކަށް އަވަހަށް ފިޔަވަޅު އަޅާށެވެ.