ކަނޑު ހޯދާދޭ ނަމުގައި މިލިޔަނުން ޑޮލަރު ކައްވާލަނީ!
ގާނޫނާ ހިލާފީ އިޓްލޮސްގެ ނިންމުމެއް ނޫން. ގާނޫނާ ހިލާފީ ބަންޑާރަ ނައިބު
ރާއްޖޭއާއި މޮރޮޝަސް އާއި ދެމެދުގައި އޮންނަ ކަނޑުގެ އިގްތިސާދީ ސަރަހައްދީ އިމުގައި ހައްލު ކުރަން ޖެހޭ ފުށުއެރުމެއް އޮތްކަމަށް ކަނޑައަޅާ އެކަން ބަލަން ނިންމީ އިޓްލޮސްގެ ނުވަ ފަނޑިޔާރުން ހިމެނޭ ހާއްސަ ޗެންބަރަކުންނެވެ. ރަށެއްގެ އޮޑި ހަރުގެއަކުން ނޫނެވެ. އެހެން ނޫނަސް އިޓްލޮސްގެ ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫންކަމަށް ކަނޑައަޅަށް ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ ކާކު ހެއްޔެވެ.
އިޓްލޮސްއިން އެ މައްސަލަ ބަލަން ނިންމީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ކުރި ދައުވާއަށް އިންކާރުކޮށް ފަސް ނުކުތާއެއް ފާހަގަކޮށް ރާއްޖޭން އިންކާރު ކުރަމުން ދަނިކޮށެވެ. ރާއްޖޭން ފާހަގަ ކުރި ނުކުތާތަކުުން ދެނުކުތާއެއް ބަލައިނުގަތީ 9 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެހެން ނުކުތާ ތަކަށް ރާއްޖޭއާއި އެއް ކޮޅަށް ތާއީދުކުރީ އެންމެ ފަނޑިޔާރެކެވެ. އަނެއް 8 ފަނޑިޔާރުން ރާއްޖޭގެ ނުކުތާތައް ބަލައެއް ނުގަތެވެ. އެހެން ކަމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތްކަމަށް ބުނެ މޮރިޝަސްއިން ދައުވާކުރި މައްސަލައަކީ އިޓްލޮސްއަށް ނުބެލޭނެ މައްސަލަ އަކަށްވާ ރޮކެޓް ސައިންސެއް ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު ހޯދީމާ އަންނަނީ ހިންޏެވެ. ކޮންމެ ކަމެއްގައި އޮޅުވާލައިގެން ސިޔާސީ ޑްރާމާ ކުޅެން ނޫޅޭށެވެ.
އެތަނެއްގެ ނިންމުމެއް އިސްތިއުނާފް ނުކުރެވޭ 21 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ކޯޓެއް ކަށްމަށްވާ އިޓްލޮސްއަށްވުރެ ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް މާބޮޑީތާއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ހަބީރުންނާ ހަވާލާ ދީގެން ބޮޑެތި ނޫސް ބަޔާން ނެރުނަސް ތިޔަ ހޮއްލަނީ ހަމަ ހޮޅިއެވެ.
ރާއްޖޭގައި ހުންނެވި ކަނޑުގެ ގާނޫނީ މާހިރު ޑރ. މުނައްވަރުގެ ނަން ބޭނުން ކުރަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އިގިރޭސިވިލާތާއި އެހެން ތަންތަނުން ހަބީރުން ހޯދާއިރު ރާއްޖޭގައި ހުންނެވި ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯދަން މަސައްކަތްކުރާ ވާހަކަ ތިޔަ ބުނަނީ ތިޔަ ގިރާ ރަނބައިގާ ޑރ. މުނައްވަރު ބައިވެރިވެ ވަޑައިނުގަތުމުން ނޫން ހެއްޔެވެ. ޑރ. މުނައްވަރަކީ އުޝާމް ކަހަލަ ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ހާވާ ހަޑިއެއްގައި އުނގުޅޭ ވަރަށްވުރެ ވިސްނުން ތޫނު ބޭފުޅެކެވެ.
އަނެއް ކޮޅުން ހޯދައިގެން އުޅޭ ބައިނަލްއަގުވާމީ ހަބީރުންނަކީ ވެސް މޮޔަބައެއް ނޫނެވެ. އެއްވެސް ބަޔަކަށް ތެޔޮވަޅެއް ފެނުނީމާ ބައިތޯލާ ތެޔޮ ނަގާފާ ތެޔޮވަޅު ފޮރުވައެއް ނުލާނެއެވެ. ކަނޑު ހޯދާދޭ ނަމުގައި އެ މީހުން ބޭނުން ވާނީ ނެގެން އޮތް އެންމެ ގިނަ އަދަދަކަށް ފައިސާ ނަގާށެވެ. ކަނޑު ހޯދާދޭ ނަމުގައި ކުރަމުން މިދާކަމަކީ މުއިއްޒު އިސްވެ ހުރެ ބައި އަޅައިގެން މިލިޔަން މިލިޔަނުން ދައުލަތް ދަވާލުމެވެ.
އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފް ކުރެވޭ ކަމެއް ނޫނެވެ. ގެއްލުނު ކަނޑުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވާހަކަ މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ބޮޑުކޮށް ލިޔެގެން ދޮގު ވިއްކާއިރު އެކަމަކީ އިސްތިއުނާފް ނުކުރެވޭ ކަމެއްކަން ނޭގުނެވެ. އިސްތިއުނާފް ނުކުރެވުނަސް ގޭނި ހުސްވެގެން ވެސް ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ އިޓްލޮސްގެ ހުކުމުގައި އޮޅުމެއް އޮތްކަމަށް ދައްކައިގެން މާނަ ކުރަން ހުށަހެޅުމެވެ. ނޫނީ އިޓްލޮސްގައި އެ ޝަރީއަތް ހިނގިއިރު އޮވެމެ، އެ ޝަރީއަތުގައި ރިއާޔަތް ނުކޮށް ދޫކޮށްލެވިފައިވާ ކަމެއް ދައްކައިގެން މައްސަލަ ރިވިއު ކުރުމަށް ހުށަހެޅުމެވެ. ދެ ކަމަކީވެސް ހަރަދު ބޮޑު އުދަނގޫ ދެކަމެވެ. ކާމިޔާބު ކުރެވިދާނެ ކަމަށް ކުޑަވެސް އުންމީދެއް ނެތް ކަމަކަށް ދައުލަތުން މިލިޔަން މިލިޔަނުން ޑޮލަރު ބޭކާރު ކޮށްލުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތް ކަމަށް ވާނަމަ އެކަން ވާނީ ކޮންމެހެން ކުރާށެވެ.
75 މޭލަށް ވުރެ ބޭރުން މަސްވެރިކަން ކުރުން މަނާ ދިވެހި މަސްވެރިންނަށްޓަކައި ސަރުކާރުން ކޮށްދޭން މާ ރަނގަޅު ކަންތައް އެބަހުއްޓެވެ. ޗާގޯސް ކަނޑާ ހިފުމަށްވުރެ އުތުރުން ދޫވެފައިވާ މަލިކާއި ލެކެޑިވްސް ކަނޑު ހޯދަން އުޅުނިއްޔާ ދިވެހި މަސްވެރިންނަށް މާ ރަނގަޅުވާނެއެވެ. އެ ހިސާބުގައި މިހާރު ވެސް ދިވެހި މަސްވެރިންނަށް ޖެހޭ ދުއްތުރާ ނުލާހިކު ބޮޑެވެ.
އިޓްލޮސްގެ ނިންމުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށް ބުނާ، ގައިރު ގާނޫނީ ބަންޑާރަ ނައިބުގެ ގައިރު ގާނޫނީ ކަން މާބޮޑެވެ. ފުރަތަމަ ހައްލު ކުރަން ޖެހޭ ކަމަކީ ދައުލަތު ގާނޫނީ ވަކީލް (ބަންޑާރަ ނައިބު) ގާނޫނީ އިމުގެ ތެރެއަށް ވެއްދުމެވެ. ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަހުމަދު އުޝާމް ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން ލިބިގެންވާ ކަންކަމެއް ނޫނެވެ. ބަންޑާރަ ނައިބުކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުދިން މީހަކު މަތި މައްޗަަށް އައްޔަނު ކުރިޔަސް ވާނީ ގައިރު ގާނޫނީ ބަންޑާރަ ނައިބަކަށެވެ. ރައްޔިތުން މަޖިލީހުން ނިންމީ އުޝާމު ބަންޑާރަ ނައިބުކަން ކުރުމަށް ނުރުހޭ ކަމަށެވެ.