ރަސްމާލެ ހިއްކުމަކީ ލޫޓުވާލުމަށް ހިންގާ ބޮޑުސްކޭމެއް

ރަސްމާލެ ހިއްކުމަކީ ލޫޓުވާލުމަށް ހިންގާ ބޮޑުސްކޭމެއް

ފުށިދިއްގަރުފަޅުގައި އަށް މަސްތެރޭގައި ހިއްކާ ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. ވިދާޅުވިގޮތަށް ރަސްމާލެ ނުހިއްކި ދެ އަހަރުވާން ދަނިކޮށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޖައްރާފު ގެނެސްގެން މިހާރު އެވަނީ ރަސްމާލެ ހިއްކަން ފަށާފައެވެ. 

ސަރުކާރުން ލޯލާރިއެއްވެސް ހަރަދުނުކޮށް ހިއްކާ ނިންމާނެ ކަމަށް ވިދާޅުވެ ރާޖޫ ކުންފުންޏާ ހަވާލުކުރީ އެތައް ހެކްޓަރ ބިމަކާ ލާޖައްސާފައެވެ. ވީގޮތެއްވެ އެއްބަސްވުން ބާތިލުކޮށް މުއާމަލާތް ދިޔަގޮތް ދެނަހުރި މީހަކުނެތެވެ. ގެއްލުމުގެ ބަދަލުގައި ދައުލަތަށް އަދާކުރަން ޖެހެނީ ކިހާވަރެއްގެ ކޮންޒިންމާއެއް ކަމެއްވެސް ނޭގެއެވެ. ޔަގީނުން ވެސް ރާޖޫ ކުންފުންޏާއެކުވީ އެއްބަސްވުން ބާތިލުކުރުމުން ދައުލަތުން އުފުލަންޖެހޭ ބޮޑު ޒިންމާއެއް ނެތިއެއް ނުދާނެއެވެ.

އަތްގުޅިނުކާވަރުގެ ބޮޑު ލޯނެއް އެޗްޑީސީން ނަގައިގެން ބޭރުގެ ދެކުންފުންޏަކާއި ހަވާލުކޮށްގެން ރަސްމާލެ ހިއްކިމާ ސަރުކާރުން ލޯލާރިއެއްވެސް ހަރަދު ނުވަނީހެއްޔެވެ. ހަމަ ގައިމުވެސް އެޗްޑީސީއަކީ ސައްތައިންސައްތަ ސަރުކާރު ކުންފުންޏެކެވެ. އެޗްޑީސީން ކުރާ ކޮންމެ ހަރަދަކީ ސަރުކާރުން ކުރެވޭ ހަރަދެކެވެ. އެޗްޑީސީން ނަގާ ކޮންމެ ލޯނެއްގެ ޒިންމާއަކީ ސަރުކާރުން އުފުލަންޖެހޭނެ ޒިންމާއެކެވެ. 

ރައްޔިތުންގެ ކަންބޮޑުވުމަކީ އެޗްޑީސީން ނުވަތަ ސީދާ ސަރުކާރުން ހަރަދު ކުރުމެއް ނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ އެހާ ބޮޑު ހަރަދެއްކޮށްގެން ރަސްމާލެ ހިއްކާ ހިއްކުމެވެ. ރަސްމާލެ ހިއްކުމަށް ކުރާ ބޮޑު ހަރަދުނުކޮށް ރައްޔިތުންނަށް ހިޔާވަހިކަން ހޯދާދެވެން އޮއްވާ އެކަން ނުކޮށް ރަސްމާލެ ހިއްކާ ހިއްކުމަކީ ރައްޔިތުންގެ ކަންބޮޑުވުމެވެ. 

ސަރުކާރުން އެތައް ހަރަދެއްކޮށްގެން ހުޅުމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުން އެތައް ހެކްޓަރެއްގެ ބިންއޮތީ ހިއްކާފައެވެ. އެތަންތަނަކީ ފަސޭހަކަމާއެކު މާލެއާއި ގުޅާލެވެން އޮތްތަންތަނެވެ. ރައީސް މުއިއްޒު ވެރިކަމަށް އެރިއިރު ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް 9 ހާހަށްވުރެ ގިނަ ގޯތި އޮތީ ދީފައެވެ. އެ 9ހާސް ގޯއްޗަށް ބޭނުންވާ ބިމުހެ ތެރެއިން އެންމެ ހަސަތޭކަ ގޯތިނޫން ހުރިހާ ގޯއްޗަކަށް ބޭނުންވާ ބިން އޮތީ ހިއްކާފައެވެ. އަނެއްކޮޅުން ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރެއް އުތުރުތިލަފަޅުން ހިއްކި ބިމުން ގޯތި ދިނުމަށް އޮތީ އިއުލާނުކޮށްފައެވެ. 

ވެރިކަމަށް އިސްވުމާއެކު މުއިއްޒު ކުރައްވަން އޮތް ފުރަތަމަ ކަމަކީ ނުހިކި އޮތް 600 ގޯއްޗަށް ބޭނުންވާ ބިން ހިއްކާ ގޯތިތައް ހަވާލުކޮށްލުމެވެ. އެއާއިއެކު ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކި ބިމުން ގޯތި ދީފައިވާ ސަރަހައްދުގެ މަގުތައް ހަދާ، ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމެވެ. ސްކޫލާއި މިސްކިތާއި އެނޫންވެސް އިޖުތިމާއީ އަސާސީ ހިދުމަތްތައް ގާއިމުކުރުމެވެ. ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރުތިލަފަޅުން ހިއްކި ބިމުން ގޯތި ހޯދަން އެދިފައިވާ މީހުނަށް ގޯތި ދިނުމެވެ. އުތުރުތިލަފަޅާއި ގިރާވަރުފަޅާ ހަމައަށް ބްރިޖުން ގުޅާލުމެވެ. 

ފުށިދިއްގަރުފަޅު ހިއްކައިގެން ކަނޑުއަޑީ ޓަނަލަކުން މާލެއާ ގުޅާލާ ރަސްމާލޭގެ ނަނާ ހުވަފެން ދެއްކުމަށްވުރެ ކުރެވޭވަރުގެ ކަމެއްކޮށްގެން ނަތީޖާ ނެރެދޭން އުޅުނުނަމަ މިހާރު އޮތީހީ އެތައްހާސް ބަކަށް ހިޔާވަހިކަން ލިބިފައެވެ. ދަރާވިކިގެން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެނެސްގެން ހިއްކާ ރަސްމާލެއަކުން ރަަައްޔިތަކަށް އައުވާ އުންމީދެއްނެތެވެ. ޒަމާންތަކަކަށް ގައުމު ދަރުވާލައިގެން ރަސްމާލެ ހިއްކުމަކީ ލޫޓުވާލުމަށް ހިންގާ ބޮޑުސްކޭމެއް ކަމަށް ދެކެނީ މަދު ބަޔަކު ނޫނެވެ.