ހެޔޮވެރިކަން: ލ. މާބައިދޫ އައު އިންޖީނުގެ ހުޅުވުން
38 އަހަރުވީ ބައު އިންޖީނުގޭގެ ބަދަލުގައި ޒަމާނީ އައު އިންޖީނުގެއެއް
އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީ ފެނަކައިގެ ކޮންމެވެސް އައު ކާމިޔާބެއް ފާހަގަ ކުރަން ޖެހޭ ދުވަހަކަށް އޮންނަނީ ވެފައެވެ. ހީވާގި ފެނަކަ ޓީމުގެ ކުޅަދާނަ ހިންގުންތެރި މެނޭޖިންގ ޑިރެކްޓަރ ސައީދުގެ މޭސްތިރިކަމުގެ ދަށުގައި ފެނަކައިން ލަޑު ދަނޑިތައް ހާސިލު ކުރަމުން އެދަނީ ފަތު އަޑު ކިޔާފައެވެ. ރަށްރަށުގެ ރައްޔިތުންނަށް މި ހަގީގަތް ސާފުވާނެއެވެ.
ލ. މާބައިދޫގައިވެސް ކަރަންޓުގެ ހިދުމަތް ދެމުން އައީ މީހުން ދިރިއުޅޭ ގޯތިތަކުގެ ތެރޭގައި ހުރި އިންޖީނު ގެއަކުންނެވެ. އެ ތަނުން އިވޭ އަޑުން އެތައް ބައެއްގެ އިވުމުގެ ހިއްސަށް ގެއްލުންތައް ލިބިފައިވެއެވެ. ކައިރި ގޭގޭގެ ވަޅު ވަޅުގެ ފެންގަޑު ތަގައްޔަރު ވެފައިވެއެވެ. ހިސާބު ގަނޑުގެ ވައި ނުސާފުވެ މީހުނަށް ދިރިއުޅުމަށް އޮތީ ދަތި ވެފައެވެ. އެ ހާލުގައި އެ ރަށުގެ ރައްޔިތުން އުޅޭތާ 38 އަހަރު ވެއްޖެއެވެ.
އެތައް އަހަރަކަށް ފަހު އެ ދަތި އުދަގޫ ހާލަތުން އެ ރަށުގެ ރައްޔިތުން ސަލާމަތްކޮށް ދިނީ މިސަރުކާރުންނެވެ. ފެނަކައިންނެވެ. ވޭތުވެ ދިޔަ 38 އަހަރު ވެސް ރާއްޖޭގައި ސަރުކާރުތައް އޮތެވެ. މާބައިދޫ ރައްޔިތުން އެ ހާލުން ސަލާމަތްކޮށް ދީ އެ މީހުންގެ ހާލު ދުށް ސަރުކާރެއް ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ސަރުކާރު ނޫނީ ނެތެވެ.
ފެނަކަ ޓީމުގެ މިންނަތް މަސައްކަތުން މާބައިދޫގައި ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް ބިނާކޮށް މީހުން ދިރިއުޅޭ ސަރަހައްދުން އިންޖީނުގެ ބޭރު ކޮށްދީފިއެވެ. އިންޖީނު ރޫމާއި އޮފީހަކާއި ގުދަނެއް ހިމެނޭގޮތައް ކުރިން ހުރި ބައު އިންޖީނުގޭގެ ބަދަލުގައި އަލަށް އިމާރާތްކޮށް ހިދުމަތް ދޭން ފެށި އައު އިންޖީނުގެ މި އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވާ އެ އިންޖީނުގެއިން ލ. މާބައިދުއަށް ކަރަންޓް ދޭން ފަށައިފިއެވެ.
އާބާދީގެ ކުޑަ ބޮޑަކަށް, ރަށެއްގެ ސައިޒަކަށް ބެލުމެއް ނެތި, ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ރާއްޖޭގެ ބޮޑު ބައެއްގައި ކާމިޔާބު ކަމާއެކު ފެނަކަ ކޯޕަރޭޝަނުން ދެމުން އެބަދެއެވެ. އުދަގޫ ބުރަ މަސައްކަތެކެވެ. އަބަދާ އަބަދުމެ ފާރަވެރިވެ ބަލަހައްޓަން ޖެހޭ ހިދުމަތްތަކެކެވެ. ފެންވަރު މަތިކޮށް ފުޅާ ކުރުން ނިމުމެއް ނެތް ހިދުމަތް ތަކެކެވެ. އެހެނަސް އެތައް ޒަމާނަކުއްސުރެ ލަސްވެ ފަސްވެ ފަރުވާ ކުޑަ ކުރެވިފައިވާ އަސާސީ ހިދުމަތްތައް ދިނުން މި ސަރުކާރުން އޮތީ މެކުހުގައެވެ.
ފެނަކައިގެ ހީވާގި ޓީމުގެ ވަރުބަލި ކަމެއް ނެތް ފެން ވަރު ހުރި މަސައްކަތުން ރަށްރަށުގައި ކަރަންޓުގެ ހިދުމަތް އަޖައިބެއްހާ ރަގަޅަށް ދަނީ ދެވެމުންނެވެ. ބަލި މީހަކަށް އައިވީ ދޭ އުސޫލުން ރަށްރަށުގައި ދެމުން އައި ކަރަންޓްގެ ހިދުމަތުގެ ފެންވަރު ޒަމާނީ ކުރެވި ބޭނުންވާ މިންވަރަށް ރައްޔިތުންނަށް އަތްފޯރާ އަގުގައި ފެނަކައިން ހިދުމަތް ދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.