ފެލިދޫ ކައިންސިލުން ދަރަނި ދައްކުވަނީ ބްލެކްމޭލްކޮންގެން
ފެލިދޫގައި އޮންނަނީ ޕީޕީއެމްގެ ރަށުކައުންސިލެއް
ރައްޔިތުން އެ މީހުންގެ ވެރިންނަށް މީހުން ހޮވަނީ އެ މީހުނަށް ހިދުމަތް ކުރާށެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ރަށު ކައުންސިލް ތަކަށް ދާންދެން މީހުން ހޮވާ ބޮޑު މުސާރަދެނީ ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ރައްޔިތުން ކަރުއަޅާލާ ގޮހޮރުގަނޑު ދަމައިގަންނާކަށް ނޫނެވެ. ރައްޔިތުން ބްލެކްމޭލް ކުރާކަށް ވެސް ނޫނެވެ.
ހާއްސަކޮށް ލާމަރުކަޒީ ނިޒާމު އެކުލަވާލާ ކައުންސިލްތައް ގާއިމު ކުރީ ރައްޔިތުންނަށް ގާތުން ހިދުމަތް ދޭށެވެ. ރައްޔިތުންގެ ހައްގު ކަށަވަރު ކޮށްދޭށެވެ. ދަރަނިވެރި ރައްޔިތުންގެ ދަރަނި ފިލުވައިދީ ރައްޔިތުން ބާރުވެރި ކުރުމަށެވެ. ރައްޔިތުންނަށް ދަތިކޮށް އުދަގޫކޮށް އެއްވެސް ސަބަބަކާހުރެ ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ކައުންސުލުން ހިދުމަތް ދިނުން ހުއްޓާލާކަށް ނޫނެވެ. ކައުންސިލަށް ފައިސާއެއް ދައްކަން އޮތްހާ މީހަކަށް އެތަނުން ހިދުމަތް ދިނުން ހުއްޓާލާ ބްލެކްމޭލު ކުރާކަށް ނޫނެވެ.
ޕީޕީއެމްގެ މެންބަރުން މުޅި ކައުންސިލްގައި ހިމެނޭ ވ. ފެލިދޫ ކައުންސިލުން އެ ރަށުގެ ވަކި ބަޔަކަށް އެ ކައުންސިލުންދޭ ހުރިހާ ހިދުމަތެއް ދިނުން ހުއްޓާލަން ނިންމުމަކީ ރައްޔިތުންނަށްދޭ ލާއިންސާނީ އަނިޔާއެކެވެ. ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު ކައުންސިލަށް ދަރާފައި އޮވެ ދަރަނި އަދާނުކޮށްގެން ކައުންސިލުން ދޭ ހުރިހާ ހިދުމަތެއް އެ މީހުނަށް ދިނުން ހުއްޓާލަން ނިންމުމަށްވުރެ ވަކީން ބޮޑު ޓޯޗަރއެއް ނުއޮންނާނެއެވެ. އަމްދުން ކައުންސިލަށް ދަރާފައިވާ މީހާގެ އަނބި ދަރީންނަށް ދާންދެން ކައުންސިލުން ހިދުމަތް ދިނުން ހުއްޓާލުމަކީ މުޅި ކައުންސިލުގެ މައްޗަށް ލާއިންސާނީ އަނިޔާ ދިނުމުގެ ކުށުގައި ދައުވާކޮށް ޝަރީއަތް ހިންގަން ޖެހޭ ކަމެކެވެ.
ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތުމަކީ ފައިސާ ނުދައްކާ މީހާއާއި އެމީހާގެ އަނބި ދަރިންނަށް ޓޯޗަރ ކުރުމަށް އޮތް ލައިސަންސެއް ނޫނެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާ މެދު އަމަލު ކުރަންޖެހޭ ގާނޫނީ ހަމަތަކެއް ހުރެއެވެ. ގާނޫނީ ހަމައިގެ ތެރެއިން ދައުލަތަށް ހޯދަންޖެހޭ ފައިސާ ނުހޯދާ އުސޫލުން ބޭރުން ކައުންސިލުން ދޭ ހިދުމަތްތައް ހުއްޓާލުމެކޭ ބަޔަކު ރަހީނުކޮށްގެން ފައިސާ ހޯދުމެކޭ ތަފާތެއްނެތެވެ.