7 މީހެއްގެ މަރުގެ ހުކުމް އެއްދުވަހުން ތަންފީޒުކޮށްލައިފި

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މަރުގެ ހުކުމް

7 މީހެއްގެ މަރުގެ ހުކުމް އެއްދުވަހުން ތަންފީޒުކޮށްލައިފި

ސައޫދީ އަރަބިއްޔާގެ ސަރުކާރުގެ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އެ ގައުމުން އެއް ދުވަސް ތެރޭގައި 7 މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ. މީގެ ތެރެއިން 5 މީހުން މަރާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައެވެ.

މި މަރުގެ ހުކުމްތަކާ އެކު، މިއަހަރު ސައޫދީ އަރަބިއްޔާއިން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ މީހުންގެ އަދަދު 236 އަށް އަރާފައިވާ ކަމަށް އޭއެފްޕީގެ ހިސާބުތަކުން ދައްކައެވެ.

ސައުދީގެ ދާހިލީ ވުޒާރާއިން އެސްޕީއޭ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޔަމަނުގެ ހަތަރު ރައްޔިތުން ކަމަށްވާ ޔަހްޔާ ލުތުފުއްލާ އާއި އަލީ އަޒީބް އާއި އަހްމަދު އަލީ އަދި ސާލިމް ނަހާރީއަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އެގައުމަށް "ހަޝީޝް އެތެރެކުރުމުގެ" ކުށުގައެވެ. މި ހަތަރު މީހުނަށް މަރުގެ ހުކުމް ތަންފީޒުކުރީ އަސީރު ސަރަހައްދުގައެވެ.

ހަމަ އެދުވަހު، ޕާކިސްތާނުގެ ރައްޔިތަކަށްވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށްވެސް އެސްޕީއޭ އިން ހާމަކުރިއެވެ. މިއާއެކު މިއަހަރު މަސްތުވާތަކެތީގެ ކުށުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ މީހުންގެ އަދަދު 71 އަށް އަރާފައިވެއެވެ.

ސީރިއާ އާއި ލުބުނާނުން އެތެރެކުރާ ކެޕްޓަގޮން ކިޔާ އެމްފެޓަމައިން ބާވަތުގެ މަސްތުވާތަކެއްޗަށް ސައޫދީ އަރަބިއްޔާ ވެފައިވަނީ ބޮޑު މާކެޓަކަށެވެ. މިކަމާ ގުޅިގެން، ފާއިތުވި އަހަރު ސައޫދީ އޮތޯރިޓީތަކުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށައި، ގިނަ ރެއިޑްތަކެއް ކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، މީހުން މެރުމުގެ ކުށުގައި ބުދަ ދުވަހު ސައުދީ ދެ ރައްޔިތަކަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށްވެސް އިންޓީރިއާ މިނިސްޓްރީން ހާމަކުރިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ޗައިނާ އާއި އީރާނަށް ފަހު، އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ސައޫދީ އަރަބިއްޔާއިންނެވެ. ސައޫދީ އަރަބިއްޔާއިން މަރުގެ އަދަބު ދިނުމާމެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ފާޑުކިޔާފައެވެ. އެ ޖަމާއަތްތަކުން ބުނާ ގޮތުގައި، މިއީ ބައިނަލްއަގުވާމީ މައިދާނުގައި ޒަމާނީ އިމޭޖެއް ދައްކަން މަސައްކަތްކުރާ ސައޫދީ އަރަބިއްޔާގެ މަސައްކަތްތަކާ ފުށުއަރާ ކަމެކެވެ.