ރައްޔިތުންގެ ކޯޓުގެ ހުކުމް ތަންފީޒު ކުރަންޖެހޭ
ރައީސް ޔާމީނު ދޫކޮށްލަން ޖެހޭ
ޝަރުއީ ހުކުމްތައް ކުރަނީ ރައްޔިތުންގެ މަޖިލީހުން ހަދާ ތަސްދީގު ކުރާ ގާނޫނުތަކާ އެއްގޮތަށެވެ. ގާނޫނުތައް ހަދައި ފާސްކުރަނީ ރައްޔިތުންގެ ވޯޓަކުން ހޮވާފައިތިބޭ މެންބަރުންނެވެ.
ގައުމެއްގެ އެންމެ މަތީ ބާރަކީ ރައްޔިތުންނެވެ. ގައުމެއްގެ އެންމެ މަތީ ހުކުމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާ ނިންމުމެވެ. ވޯޓަކުން ރައްޔިތުން ނިންމާ ނިންމުމަކީ އިސްތިސްނާއެއް ނެތި ތަންފީޒު ކުރަން ޖެހޭ ހުކުމެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައްޔިތުން ނިންމައިފިއެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ވެސް ރައްޔިތުން ނިންމައިފިއެވެ.
ސެޕްޓެމްބަރ ތިރީހުގައި ދިވެހި ރައްޔިތުން ބުނެފައި ވަނީ އެހެންނެވެ. ޑރ. މުއިއްޒު ރައީސް ކަމަށް ގެންނަން ވޯޓުދީގެން ރައްޔިތުން އެބުނީ ރައީސް ޔާމީނު ދޫކޮށްލާށޭޢެވެ.
ރައްޔިތުން ވޯޓުދިނީ ރައީސް ޔާމީނު މިނިވަން ކުރާށެވެ. މުއިއްޒަށް ރައްޔިތުން ވޯޓު ދިނުމުގެ ފުރަތަމަ ބޭނުމަކީ ރައިސް ޔާމިން މިނިވަން ކުރުމެވެ. އެކަން ނުކޮށް ކުރަން އޮތް އެހެން ކަމެއް ނުއޮންނާނެއެވެ.
ރައީސް ޔާމީނުގެ ފޮޓޯފުޅު ކުރިއަށް ނެރެގެން ރައްޔިތުންގެ ބަސް އިއްވައިފިއެވެ. މިހާރު އޮތް ކަމަކީ ރައްޔިތުންގެ ކޯޓުން އިއްވި ހުކުމް ތަންފީޒު ކުރުމެވެ. ރައީސް ޔާމީނު މިނިވަން ކުރުމެވެ. ލަހެއް ފަހެއް ނެތިއެވެ.