ދައުލަތުގެ އެސެޓުން ޖީބު ފުރުން
ދައުލަތުގެ އެސެޓްތަކުގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު ބަންދު ކުރާކަށް ނުވޭތަ
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ ބިމެވެ. ރިސޯޓުގެ ގޮތުގައާއި އެނޫން ގޮތް ގޮތަށް ވެސް ރާއްޖޭގެ ބިންބިމާއި ފަޅުފަޅާއއި ފަރުތައް ދަނީ ބޭނުން ކުރެވެމުންނެވެ. 99 އަހަރަށް ކުއްޔަށް ހިފާފައިވާ ތަންތަނާއި ވިހި ފަންސަވީސް އަހަރުން މައްޗަށް އެތައް އަހަރަކަށް ކުއްޔަށް ދީފައިވަނީ އެތައް ބައިވަރު ތަންތަނެވެ.
އިކްއިޒިޝަންގެ ގޮތުގައާއި ކުއްޔާ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ނޫން އެއްޗެއް ދައުލަތަށް އެތަން ތާކުން ނުލިބެއެވެ. ދައުލަތުގެ މިލްކިއްޔާތު ބޭނުންކޮށްގެން ކުޑަ މިންވަރެއްގެ ފައިސާކޮޅެއް ދައުލަތަށް ދީގެން މަލްޓި މިލިއަނަރުންނަށް ވަކިވަކި މީހުން ވަމުން އެބަދެއެވެ. ކަމަކީ ގޯސްކަމެއް ނޫނެވެ. ރަނގަޅު ކަމެކެވެ. ފޯރުންތެރި ތަނަވަސް ގިނަ ބަޔަކު އުޅުމަކީ ގައުމަށް ފައިދާ ބޮޑު ގޮތެކެވެ. އެހެނަސް މުޅި ގައުމުގެ ކޮންޓްރޯލު ވަކި ބައެއްގެ މުށުތެރޭގައި ތާށިވެ ދައުލަތުގެ ހަގީގީ ބާރު ކެނޑިގެން ދިޔުމުގެ ސަބަބަކަށް އެކަން އޮންނަނީ ވެފައެވެ.
ދިގު މުއްދަތަށް ދައުލަތުގެ މިލްކިއްޔަތު ބޭނުން ކޮށްގެން ކުރާ ކޮންމެ ވިޔާފާރިއެއްގައި ދައުލަތުގެ ހިއްސާ ނުއޮންނަ ގޮތަކަށް އެއްވެސް ކަމަކަށް ދައުލަތުގެ އެސެޓެއް ދޫވެފައި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޕަބްލިކް ހިއްސާ ނުވާ ގޮތަކަށް އެއްވެސް ފަރާތަކަށް ދައުލަތުގެ މިލްކެއް ދޫކުރެވިގެން ނުވާނެ ކަމަށް ބައެއް މާހިރުން ބުނެއެވެ. ކުޑަކުޑަ އެންމެ މިސާލެކެވެ.
މާލޭގައި ހިންގި ސެންޓްރަލް ހޮސްޕިޓަލް އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވަނި ނިސްބަތުން ދާދި ކުޑަކުޑަ ކުއްޔަކަށެވެ. ތަން އަޕްގްރޭޑްކޮށް ޒަމާނީ އާލާތާއެކު ވަރުގަދަ ހޮސްޕިޓަލެއް އެހެރަ ހިގަނީއެވެ. ބޮޑު ފައިދާގައެވެ. އެ ތަނުން ދައުލަތަށް ލިބެނީ ކުއްޔާއި ޓެކްސްއެވެ. އާސަންދައިގެ ހިދުމަތަށް އޮތީ ހުޅުވިފައެވެ. އުޑާ ވާހަކަ ގޮވާ ހިސާބަށް އިމާރަތްތައް އެޅި މިސަރަހައްދުގައި ނެތްވަރު ވަރުގަދަ ހޮސްޕިޓަލެއްގެ ގޮތުގައި އޭޑީކޭ އެހުރީ ދައުލަތުގެ އެސެޓެއްގެ މަތީގައެވެ. އެެހެނެކޭ ކިޔާ އެބިން އަތުލާ ހޮސްޕިޓާ ހުއްޓުވާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތަށް ޖެހެނީ އެކަން ކުރެވޭނެ ހުރިހާ ގޮތްތަކެއް ހަދާދޭށެވެ. އޭޑީކޭ ހޮސްޕިޓަލަކީ މިހާރު ޕަބްލިކް ހިއްސާ ކުރާ ދައުލަތުގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދާން ޖެހެއެވެ.
ދައުލަތުގެ މިލްކިއްޔާތެއް ބޭނުންކޮށްގެން ހިންގާ އިންވެސްޓްމަންޓްތަކުގެ ކޮންޓްރޯލު ހިންގާ ފަރާތަށް ނުގެއްލޭ ވަރަށް ދައުލަތަށް ނުވަތަ ޕަބްލިކަށް ހިއްސާ ދީގެން ކުރިއަށް ގެންދިއުމުގެ އުސޫލެއް އެކަށަ އަޅާކަށް ނުވޭބާވައެވެ. އަމިއްލަ އެކި ފަރާތްތަކަށް އެކި ބޭނުމަށް ކުއްޔަށް ދީފައިވާ ހުރިހާ ބިމާ ފަޅާ ފަރާ ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ގޮސް ގާނޫނީ ހައްލެއް ހޯދައިގެން ދައުލަތުގެ އެސެޓްތަކުގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު ބަންދު ކުރާކަށް ނުވޭބާވައެވެ. ހޮސްޕިޓަލެއް ކޮލެޖެއް ތެޔޮޝެޑެއް ރިސޯޓެއް ގެސްޓް ހައުސްއެއް ތަފާތު ނުވާ ގޮތަށެވެ.