މުއިއްޒުގެ ކަނޑުކުއަރީ ކަމިޝަންގެ ހިލަންވެސް ނެތް

ގެއްލުނު ކަނޑާ ގުޅުވާ "ކޮމިޝަން އޮފް އިންކުއަރީ" އުފައްދާނެކަމަށް އިއުލާނުކުރި

މުއިއްޒުގެ ކަނޑުކުއަރީ ކަމިޝަންގެ ހިލަންވެސް ނެތް

ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް ކުރީ ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް ޑރ. މުއިއްޒު ސަރުކާރުން އަންނަނީ ބުނަމުންނެވެ. ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ، ދިވެހިރާއްޖޭގެ އީ.އީ.ޒެޑް.ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ދޫކޮށްލައިފައިކަމަށް ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. 

ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ކަމަށެވެ. އިޓްލޮސްގެ އެ ނިންމުމަކީ ގަބޫލުކުރާ ނިންމުމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން ގެއްލުނު ބައި ހިމަނައިގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ފަށާފައިވާކަމަށްވެސް ރައީސް އެދުވަހު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ އޮފީހެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ގާއިމުކުރަން ނިންމަވާ އެކަން އެދުވަހު މަޖިލީހުގައި އިއުލާނުކުރެއްވިއެވެ. 

އޭގެ އިތުރުން އިޓްލޮސްއިން ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ނިންމައިފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން، ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ އެ ނިންމެވުންތައް ނިންމެވި ފަރާތްތަކުގެ ތަހުގީގު ހިންގަން "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފައްދަވާނެކަމަށް ވެސް އިއުލާނު ކުރެއްވިއެވެ.

ގެއްލުނުކަމަށް ބުނާ ކަޑުގެ މައްސަލައިގައި ނިންމެވުންތައް ނިންމެވި ބޭފުޅުންނާ ސުވާލުކޮށް ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ގާނޫނީގޮތުން ފިޔަވަޅު އަޅަން އުފައްދަން ނިންމި އިންކުއަރީ ކޮމިޝަން އަދިވެސް ނުއުފައްދައެވެ.  އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް އުފައްދަން ވިދާޅުވި އެ ކޮމިޝަން އުފައްދާ އެ މުހިންމު މަސައްކަތް ކުރާތީއެއް ނުފެނެއެވެ.

އެހާ ސީރިއަސް ސިޔާދަތާގުޅޭ ކަމެއްގައި ދޭންޖެހޭ ސަމާލުކަން ދޭތީއެއް ނުފެނެއެވެ. ބައިނަލް އަގުވާމީ ކޯޓަކުން ނިންމާ ނިންމުމެއް ގަބޫލުނުކޮށް ބޮލާލާ ޖެހިއިރު އިންކުއަރީ އޮތީ އޮތްތާނގައެވެ. ތޯތޯ ވާހަކައިގެ މައްޗަށް ގައުމީ ބޮޑެތި ނިންމާއިރުއެހެ ން ކަންކަން ފަދައިން ސަރުކާރުގެ ބަހާ އަމަލު މިކަމުގައި ވެސް ދިމައެއް ނުވެއެވެ. ކަނޑުކުއަރީ ކަމިޝަން ގަރުބަގަނެ ނުވިހެނީސް ބައިގެންދިއީހެއްޔެވެ.