އުނދަގޫތައް ވަމުން އެބަދޭ | ކުރެވޭނެ މާބޮޑުކަމެއް ނެތް : އަމީތާބް

ބަލިވެއްޖެކަމަށް އަމީތާބު އެއްބަސްވެއްޖެ

އުނދަގޫތައް ވަމުން އެބަދޭ | ކުރެވޭނެ މާބޮޑުކަމެއް ނެތް : އަމީތާބް

އަމީތާބް ބައްޗަން ވަނީ އޭނާގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވަމުންދާކަމަށް އެއްބަސްވެ، ފަހަކަށް އައިސް ވަރަށް ގިނައިން މައާފަށް އެދެންޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށްވެސް ބުނެއެވެ.

ސިއްހީ ހާލަތާމެދު ކަންބޮޑުވުން އުފެދި އިތުރުވަމުން ދިޔަނަމަވެސް ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ބްލޮގް މެދުވެރިކޮށް ސަޕޯޓަރުންނަށް ދިވާލީގެ ތަހުނިޔާ ފޮނުވާފައެވެ. ނަމަވެސް އޭނާ ހުށަހަޅައިދޭ މަގުބޫލު ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޮރްޕަތީ 18" ގެ ޝޫޓިންގްތަކަށް ވެސް މިދަނޑިވަޅު ވަނީ މެދުކެނޑުމެއް އައިސްފައެވެ. 

އަމީތާބް ބައްޗަން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުން

"ވަރަށް ގިނަ ހެޔޮއެދޭ ފަރާތް ފަރާތުން ތަހުނިޔާގެ މެސެޖުތަކާއި ހަދިޔާތައް ލިބެމުންދޭ. އެ ތަކެތި ބަހައްޓާނެ ޖާގަ ނެތް މިންވަރަށް ހަދިޔާތައް ވަނީ ގިނަވެފައި. އެ ތަކެތި ރަނގަޅަށް ނުބެލެހެއްޓުމަކީ އެ ފަރާތްތަކަށް ކުރެވޭ އިހުތިރާމް ކުޑަކުރުމެއް ކަމަށް އަހަރެން ދެކެން. އެހެންކަމުން، ލޯތްބާއެކު ހަދިޔާ ފޮނުއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި ކޮންމެ މީހަކަށް ވަކިވަކިން ސިޓީއަކުން ޖަވާބު ދެވޭތޯ ވެސް މަސައްކަތް ކުރަމުންދަން،" ބައްޗަން އޭނާގެ ބްލޮގްގައި ލިޔެފައިވެއެވެ.

"މި ޖަވާބުތައް އަހަރެން އަމިއްލައަށް ލިޔަން ބޭނުންވި ނަމަވެސް، ލިޔަން ބޭނުންކުރާ އަތަށް ވަމުންދާ އުނދަގޫތަކެއްގެ ސަބަބުން ލަސްތަކެއް ވަނީ ކުރިމަތިވެފައި. އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު މައާފަށް އެދެން،" މަޝްހޫރު އެކްޓަރު އިތުރަށް ބުންޏެވެ. އަދި ފަހަކަށް އައިސް އޭނާގެ ސިއްހީ ހާލަތަށް އިޝާރާތްކޮށް، ވަރަށް ގިނައިން "މައާފަށް އެދެން" ބުނަންޖެހޭ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

"އެކަމަކު ކުރެވޭނީ ކީއްތޯ؟ ހާލަތު ހުރިގޮތުން މައާފަށް އެދުމަކީ މިހާރު ފަސޭހަކަމަކަށް ވެއްޖެ. ކުށެއް ކުރެވިއްޖެނަމަ މައާފަށް އެދެންޖެހޭނެ. މައާފަށް އެދުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އަނެއް ފަރާތުން މައާފު ނުކޮށްފާނެ، ނުވަތަ މައާފު ގަބޫލުކޮށްފާނެ. މައާފު ގަބޫލުކޮށްފިނަމަ އަހަރެންގެ ހިތަށް އުފާވެރިކަން ލިބޭނެ. މައާފު ނުކޮށްފިނަމަ އެމީހެއްގެ ހިތް ނުތަނަވަސްކަންމަތީ ދެމިއޮންނާނެ،" އޭނާ ލިޔެފައިވެއެވެ.

"އެހެންކަމުން އުފާވެރިކަން ނުވަތަ ނުރުހުންތެރިކަން - މިއީ އުފެދޭ ސުވާލަކީ. އެއްކަމުން ހިތަށް ހަމަޖެހުން ލިބޭއިރު، އަނެއް ކަމަކުން ހިތްދަތިކަން އުފެދޭ. މިހާރު ތިޔަބޭފުޅުން ނިންމަވަންވީ: ބޭނުންވަނީ ހިތްހަމަޖެހުންތޯ ނުވަތަ އެ ހިތްދަތިކަންމަތީ ދެމިހުންނަންތޯ؟ ގިނަ ބަޔަކު ހިތާމައިގެ ތެރޭގައި ތިބެގެން ހިތްހަމަޖެހުން ހޯދާއިރު، އަނެއް ބަޔަކު ހިތްހަމަޖެހުން ހޯދަނީ އުފާވެރިކަމުން. ދިރިއުޅުމުގެ މިފަދަ ތަފާތުތަކަކީ ދިރިއުޅުމުގެ ސިއްރަކީ. އަދި މިފަދަ ސިއްރުތަކަކީ ވަރަށް ފުން، ތަފާތު އަދި ހާލަތާ ގުޅިފައިވާ ކަންތައްތަކެއް،" އޭނާ ނިންމާލަމުން ބުނެފައިވެއެވެ.

އަމީތާބް ބައްޗަންގެ ފަހުގެ ސިއްހީ ހާލަތު

ބައްޗަންގެ ސިއްހީ ހާލަތާ މެދު ފުރަތަމަ ކަންބޮޑުވުން އުފެދުނީ މިދިޔަ މަހު އޭނާގެ 'އެކްސް' (ކުރީގެ ޓްވިޓާ) އެކައުންޓުގައި، އަރާމުކުރަން ޑޮކްޓަރުން ލަފާދީފައިވާތީ ގަވާއިދުން ޕޯސްޓު ނުކުރެވޭނެ ކަމަށް ބުނުމުންނެވެ. އަދި އޭނާގެ ބްލޮގްގައި ނިދުމަށް އުނދަގޫވާ ކަމަށް ވެސް ބުނެފައިވެއެވެ.

"ޖިމަށް ދިއުން ވަނީ އާދަޔާ ހިލާފަށް މެދުކެނޑިފައި، އެހެންކަމުން އެކަން އަލުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މިދަނީ. ބުރަ މަސައްކަތުގެ ސަބަބުން ހަށިގަނޑާއި ސިކުނޑި ވަރުބަލިވޭ، އެހެންކަމުން އަމިއްލަ ނަފްސަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ. ސިކުނޑި ބުނަނީ - އާނއެކޭ-" އަމީތާބު ބުނެފައިވެއެވެ. "އެކަމަކު ހަށިގަނޑު ބުނަނީ - މަޑުކޮށްލާށޭ - އުމުރުން ދުވަސްވީ މީހާއަށް ފުރުސަތު ނުދޭށޭ'. މިއީ ބުނާހާ ފަސޭހަ ކަމެއް ނޫން. އެކަމަކު ކުރަންޖެހޭނެ! އެހެންވީމާ އަހަރެން އެކަން ކުރާނަން،" އޭނާ ލިޔެފައިވެއެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅު، ބައްޗަންގެ ސިއްހީ ހާލަތު ހުރިގޮތުން ސޮނީ އެންޓަޓައިންމަންޓް ޓެލެވިޒަނުން ވަނީ "ކޯން ބަނޭގާ ކްރޮރްޕަތީ" ގެ އާ އެޕިސޯޑުތައް ދެއްކުން މެދުކަނޑާލާފައެވެ. ނަމަވެސް، އޭނާ މަޑުމަޑުން އާންމު ހާލަތަށް ރުޖޫއަވަމުންދާ ކަމަށް ބްލޮގްގައި ބުނެފައިވާއިރު، ނޮވެމްބަރު 11 ގެ ފަހުން އޭނާ އަލުން ޝޯ ހުށަހަޅައިދޭން ފަށާނެ ކަމަށް ޝޯއާ ގުޅުންހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ޝޯގެ އާ އެޕިސޯޑުތައް ނޮވެމްބަރު 16 އިން ފެށިގެން ދައްކަން ފަށާނެއެވެ.