ކޮންގްރެހުން ނިންމިޔަސް އަންނި ބޮލެއް ނުލަނބާނެ!

ޓިކެޓާމެދު އޮތް އެންމެ ފަހު ގޮތަކީ ކޮންގްރެހުން ގޮތް ނިންމުން

ކޮންގްރެހުން  ނިންމިޔަސް އަންނި ބޮލެއް ނުލަނބާނެ!

ތަކުރާރުކޮށް އެމްޑީޕީގެ އަސާސީ ގަވައިދާ ރައީސް ނަޝީދު ހިލާފުވެ ވަޑައިގަންނަވަމުން އެބަދެއެވެ. ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކާއި ކުރައްވާހާ ކަމަކަށް ތައީދުކުރާ މެންބަރުންތަކެއް ޕާޓީގައި ތިބުމަކީ ރައީސް ނަޝީދު ކުރައްވާނެ ކަމެއް ކުރައްވަން އޮތް ހުއްޖަތެއް ނޫނެވެ. ރައީސް ނަޝީދެއް ކަމަކު ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި ހަމަތަކާއި ޕާޓީގެ ނިންމުންތަކަށް ބޯލަނބާ ކިޔަމަން ގަތުމަކީ އޮތް ކަމެކެވެ. 

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓެއް މިހާރު އެ އޮތީ އާއްމު މެންބަރުންގެ ވޯޓަކުން ނިންމާފައެވެ. ކިތަންމެ ރުހި ވަޑައި ނުގަތަސް އެނިންމުމަށް ޖެހިވަޑައިގަންނަވާނީ ބޯލަނބާ ކިޔަމަންވެ ވަޑައި ގަންނަވާށެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 މާއްދާގައި މެންބަރުންގެ މަސްއޫލިއްޔަތު ސާފުކޮށް އެއޮތީއެވެ. އެ މާއްދާގެ (ބ)ގައި ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި ވޯޓު ހޯދާދޭން މަސައްކަތް ކުރުމާއި ވޯޓު ދިނުން މެންބަރުންގެ މައްޗަށް ލާޒިމު ކުރެއެވެ. ރައީސް ނަޝީދެއް ކަމަކު އެކަމުން އިސްތިސްނާއެއް ނުވެއެވެ.

ޝަކުވާ ބަލާ ފިޔަވަޅު އެޅުމުގެ ނިޒާމް އެމްޑީޕީގެ އޮނިގަނޑު ތެރޭގައި އެބައޮތެވެ. ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ހުރިނަމަ ހުރި ޝަކުވާއެއް ހުށަހަޅާ އެ ނިޒާމުގެ ތެރެއިން ހައްލު ހޯދެން އެބައޮތެވެ. ނިޒާމުން ހޯދައިދޭ ހައްލަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ނުވިޔަސް އެކަމާ ދެކޮޅު ހައްދަވާ ބަގާވަތް ކުރެއްވުމުގެ ހައްގެއް ރައީސް ނަޝީދަކަށް ވެސް ނުއޮންނާނެއެވެ. އިންތިހާބީ ކޮމިޓީއާއި ފިޔަވަޅު އަޅާ ކޮމެޓީއާއި ގައުމީ ހިންގާ ކޮމެޓީއާއި ގައުމީ މަޖިލީހުގެ ނިންމުން ތަކަކީ ރައީސް ނަޝީދު އެދިވަޑައިގަންނަވާހާ ގޮތަކަށް ނިންމޭ ނިންމުން ތަކަކަށް ނުވެ ހިގައިދާނެއެވެ. އެ ހުރިހާ ތަންތަނުން ނިމޭ ނިންމުން ތަކަކީ ގިނަ ބައެއްގެ މެދުން ނިންމޭ ގާނޫނީ ބުރަދަން ލިބިގެންވާ ނިންމުން ތަކެކެވެ. ޕާޓީގެ ކޮންމެ މީހަކަށްމެ ލާޒިމު ވެގެންވަނީ ޕާޓީގެ ނިންމުންތަކަށް ބޯލެނބުމެވެ. 

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަނަކީ ކޮންގްރަސްއެވެ. ކޮންގްރަސް އެއްވަނީ ފަސް އަހަރުން އެއް ފަހަރުއެވެ. ޕާޓީގެ އެހެނިހެން ގުނަން ތަކުގެ ނިންމުންތައް ބަލައިނުގަނެވޭ ނަމަ އާދަޔާ ހިލާފު ކޮންގްރެސް އަކަށް ގޮވާލައި ކޮންގްރެސްއަށް އެކަމެއް ހުށަހަޅައިގެން ގޮތް ނިންމިދާނެއެވެ. އެނިންމުން ވާނީ އެންމެ ފަހުގެ ނިންމުމަށެވެ. 

ރިޔާސީ ޓިކެޓާ މެދު ރައީސް ނަޝީދުގެ ހިތްޕުޅު ހަމަ ޖެހިވަޑައިނުގަންނަވާ ނަމަ  ރައީސް ނަޝީދަށް އޮތް އެންމެ ފަހު ގޮތަކީ ކޮންގްރަސް އެއްކުރުމެވެ. އެ ހިއްވަރުފުޅު ހުރިއްޔާ ފަސާދަ ނުއުފައްދަވާ އެކަމާ އުޅުންވަންވީއެވެ.

އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އޮންނަނީ  ދެ ގޮތަކަށެވެ. އެއްގޮތަކީ ގައުމީ މަޖިލީހުން އާދަޔާ ހިލާފް ކޮންގްރެސް އެއް ބޭއްވުމަށް ނިންމުމެވެ. އަނެއް ގޮތަކީ ކޮންގްރަސްމަނުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ކޮންގްރެސް އެއް ބާއްވަން ބޭނުން ވެގެން ހުށަހެޅުމެވެ. 

އިސްވެ ބުނެވުނު ދެ ގޮތުންކުރެ ގޮތަކަށް އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވައިގެން ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމޭ ވަރުގެ ހަކަތައެއް ހުންނެވި ނަމަ އެކަން ކުރެއްވުމަކަށް ރައީސް ނަޝީދަށް ހުރަހެއް ނެތެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ގައުމީ މަޖިލީހުން އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވާ ދީގެން ކޮންގްރެސްގައި ރިޔާސީ ޓިކެޓާ މެދު ކޮންގްރެސް ގެ ނިންމުމެއް ހޯދުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޮތް ކަންބޮޑުވުމަކީ ރިޔާސީ ޕްރައިމަރީން މިހާރު ނިންމާފައި އޮތް ނިންމުން ކޮންގްރެސްއިން ދަމަހައްޓައިފި ނަމަ ދެން ރައީސް ނަޝީދުގެ ބޯލަންބަވާފާނެ ކަމުގެ ޔަގީކަން ނެތުމެވެ.