އިބޫ ނޫން ގޮތެއް ނެތް
ވާދަވެރިންގެ ކޮންމެ މީހަކުވެސް ބުނަނީ އިބޫ ނޫން ގޮތަކީ އެމީހަކުކަމަށް
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތުގައި ދެވަނަ ދައުރުގެ "ސިއްކަ" ޖަހާދޭނެ ދުވަހެވެ. އެއްބުރުން ރައީސް ސޯލިހު ވެރިކަމަށް ހޮވާދީ ދެވަނަ ދައުރަށް އިންތިހާބު ކުރާ ދުވަހެވެ. އެދުވަހަކީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތުގައި ނިމުމުގެ ސިއްކަ ޖަހަން ފައިނަގައިގެން އުޅޭ ވާދަވެރިން ރޮއެ ހޭރެމުން ބޮނދާ ދުވަހެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ.
ވެރިކަން ކުރާހިތުން ރޭނިދި ނުދިގެން އުޅޭ އެންމެން ގަދަވެ ސަލާމަތުން އެތިބީ ހެޔޮ ހާލުގައެވެ. އެންމެން އެންމެނާ އުޅެނީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދާށެވެ. އެ މީހަކާ އެ މީހަކު ވާދަކުރަމަށް އަތުކުރި އޮޅައިގެން ތިބެ މިކިޔަނީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދާ ވާހަކައެވެ. ރައީސް ނޫން ގޮތަކީ ތިމަންނައޭ އެއިން ކޮންމެ މީހަކު އެބަ ބުނެއެވެ.
ކާނަލް ނަޒިމް ބުނަނީ އެމީހަކީ ނާޒިމް ކަމަށެވެ. އުމަރު ނަސީރު ބުނަނީ އެމީހަކީ އުމަރު ކަމަށެވެ. ރައީސް ނަޝީދަށް އެމީހަކީ ނަޝީދެވެ. ގާސިމަށް އެމީހަކީ ގާސިމު ނޫން ދެވަނަ މީހެއް ނޫނެވެ. ދެން އޮތީ ޔާމީނެވެ. އެ ފަކީރު އެއުޅެނީ އިސްތިއުނާފުތަކުން އަރާ ނުގަނެވިގެންނެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަން ރައީސް ޔާމީނަށް އެނގެއެވެ. އެކަމަކު ޕީޕީއެމްގެ ޓިކެޓް ޔާމީނު ނޫން މީހަކަށް ލިބުނަކަ ނުދޭނެއެވެ. ޑރ. މުއިއްޒާއި އާދަން ޝަރީފާއި ގައްސާނާއި ޑރ. ވަހީދާއި މުހައްމަދު ސައީދުވެސް އެތިބެނީ އެޓިކެޓަކާ ހެދި ދަތް ވިކި ވިކިއެވެ.
އެކަމަކު ބުނަން ހެއްޔެވެ. މައުމޫނަށް ޑީއާރުޕީއާއި ޕީޕީއެމް ގެއްލި ނަޝީދަށް އެމްޑީޕީ ގެއްލުނުހެން ޔާމީނަށް ޕީޕީއެމް ގެއްލޭކަށް ޔާމީނު ބޭނުމެއް ނޫނެވެ. މިނިކާ ބާޒުތަކަށް ޕީޕީއެމް ދޫކޮށްލުމަށް ވުރެ ޖަލުގައި އޮތުންވެސް ޔާމީނަށް މާ ރަނގަޅެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރުދީގެން ކްލެމެންސީގެ ތެރެއިން މިނިވަންވުންވެސް ޕީޕީއެމް ބާޒަކަށް ދޫކޮށްލުމަށް ވުރެ ޔާމީނަށް ފައިދާ ބޮޑެވެ. ޕާޓީ ޓިކެޓް ދީގެން މީހަކު ވެރިކަމަށް ގެނެސްގެން ޖަލުން މިނިވަން ވިޔަސް ވެރިކަމެއް ޔާމީނަކަށް ނުލިބެއެވެ. ޓިކެޓްދޭ މިނިކާ ބާޒަކަށް ވެރިކަން ދީގެން މިނިވަންވެ އެމީހެއްގެ ބަނޑުވާ ހެދިގެން ހުރުމަށް ވުރެ ހުރިމީހާ ބަހައްޓައިގެން ކްލަމެންސީގެ ތެރެއިން މިނިވަންވެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުރެ 2028އަށް ތައްޔާރުވުން ޔާމީނަށް ބުއްދިވެރިއެވެ.
ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތް މިހެން އޮތުމުން 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި މީހަކު ވާދަ ކުރުމަށްވުރެ ކައިރީ ވާދަ ނުކުރުމާއެވެ. ޔާމީނުގެ ރުހުމާ ދެކޮޅަށް ޕީޕީއެމްގެ އެއްވެސް މީހަކު ޕީޕީއެމްގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރަން ނިކުތަސް ޔާމީނުގެ އެއްވެސް ލޯޔަލިސްޓަކު ޔާމީނު ނުބުނާ މީހަކަށް ވޯޓެއް ނުދޭނެއެވެ. އެހެން ކަމުން އެންމެ ކައިރި ގޮތަކީ ޕީޕީއެމްވެސް ފަޅައިގެން ދިޔުމެވެ. ގަނޑުކޮށް އޮތް ޕީޕީއެމްގެ ވޯޓުތައް ވެސް ބައިބަޔަށް ބެހިގެން ދާނީއެވެ.
ރައީސް ސޯލިހުގެ ސަޕޯޓަރުން ކުރެ އެންމެ ވޯޓެއްވެސް އެހެން އަތަކަށް ފިރާލުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ރައީސް ސޯލިހުގެ ވޯޓު ބަކެޓް އުނިނުވެ ދާނީ ގަނޑުވަމުން އިތުރުވަމުންނެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ މަންފާ ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އެހެން އެކަން އޮއްވާ އެނޫން ގޮތެއް ހޯދަން އުޅޭ ވާދަވެރިންނަށް އެ އުޅޭގޮތަކުން ރައީސް ސޯލިހާ ވާދަކޮށް ބަލިކޮށެއް ނުލެވޭނެއެވެ. އެއްބުރުން ރައީސް ސޯލިހު ނުހޮވޭނެ ފޯމިއުލާއެއް އިދިކޮޅަކު ނެތެވެ.
ވެރިކަމަށް ފެން ބޮވައިގެން އިބޫ ނޫން ގޮތެއް ހޯދަން މަށަށް މަށަށް ކިޔަކިޔާ ތިބީ މީހުންގެ އިދިކޮޅު ވޯޓުތައް ގަނޑު ވުމުގެ ބަދަލުގައި ރޫޅި ބައިބައި ވާނީއެވެ. އެ ބައިވުމުގެ ތެރެއިން އިބޫއަށްވެސް އިދިކޮޅުން ވޯޓުތަކެއް ފުރޮޅިގެން ދިޔުން ކައިރިއެވެ. ޔާމީނުގެ މަސްލަހަތު ހުރި ހުރިހާ ވޯޓެއް އެންމެ ފަހު ވަގުތު ފުރޮޅިގެން އިބޫއަށް އެވޯޓުތައް ލެއްގުން ގާތެވެ. ސިޔާސީ ގޮތުން ޔާމީނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ވާތީއެވެ.