މުއިއްޒު ތިޔަ ހައްދަވަނީ ބޮޑު ގޯހެެއް
ރަނގަޅުވާނީ އޭތިމީތި ލައިގެން ސަރުކާރު ތަޣައްޔަރު ނުކުރެއްވުން
ސަރުކާރު ހިންގުމުގައި ހެދިފައި ހުރި އެކިކަހަލަ ގޯހާއި ރަނގަޅު އޮތީ ސާފުކޮށް ފެންނާށެވެ. ވެރިކަމަށް އައުމަށް ކޯލިޝަން ހަދާ ވެރިކަން ލިބުމުން ކޯލިޝަން ރޫޅާލީ ރައީސް ނަޝީދާއި ރައީސް ޔާމީނެވެ.
ނަޝީދުގެ ވެރިކަން ވައްޓާލުމަށް އިސްވެ ނުކުތީ ރޫޅާލި ކޯލިޝަންގައި ތިބި ލީޑަރުން އިސްވެ ތިބެއެވެ. ވީމާ ވެރިކަން ލިބުމުން ކޯލިޝަން ރޫޅާލުމަކީ ގޯހެއްގެ ގޮތުގައި ބެލިދާނެއެވެ.
ދެން ރައީސް ޔާމީނެވެ. ވެރިކަމަށް ވަޑައިގަތް ކޯލިޝަން ރޫޅާ ލުމުން އެފަހަރު ތިބި ކޯލިޝަން ބައިވެރިން ރައީސް ޔާމީނާ ދެކޮޅަށް ނުކުތެވެ. ނަޝީދުގެ ވެރިކަން ފަދައިން ރައީސް ޔާމީންގެ ވެރިކަން ވައްޓާނުލެވުނީ އެހުރިހާ އެންމެން ޖަލުގައި ބައިތިއްބައިގެން ދައުރު ހަމަ ކުރެއްވީމައެވެ.
ދެންއައީ ދައުރު ހަމަވެގެން އައި 2018 ގެ ރިޔާސީ އިންތިޚާބެވެ. ޖަލު ކޯލިޝަން އެކުގައި ތިބެ އިންތިޚާބުން ރައީސް ޔާމީން ބަލި ކުރީއެވެ. މިހާތަނުން މިލިބުނު ތަޖްރިބާއަކީ ކޯލިޝަން ރޫޅާ ލުމަކީ ބޮޑު ގޯހެއް ކަމެވެ.
ދެން އޮތީ އޭގެ އަނެއް ކޮޅެވެ. އެއީ ކޯލިޝަން ދެމެހެއްޓީމާ ވާގޮތެކެވެ. ވީ ގޯސް ހެއްޔެވެ. ނޫނީ ވީ ރަނގަޅު ހެއްޔެވެ.
ރައީސް އިބްރާހީމް މުޙަންމަދު ޞޯލިހަކީ ކޮންމެ ހާލެއްގައި ވެސް ދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓެވި ރައީސެވެ. ނަތީޖާ ސުމެކެވެ. ކެބިނެޓާއި ދެންވެސް ހުރިހާ މަގާމު ތަކުގައި ތިބެގެން ގޯލް ޖެހީ އިދިކޮޅަށެވެ. ރިޔާސީ އިންތިޚާބަށް އިއުލާން ކުރުމުން ދިމާ އިދިކޮޅަށް ނުކުމެ ކުރި ކެމްޕޭން ދެކެފީމެވެ.
ރަނގަޅަށް ބަލާލިއިރު ހަރުތާކު ޖެހޭ ވަރުގެ ވޯޓެއްވެސް އެއިން ބަޔަކަށް ލިބުނީއެއް ނޫނެވެ. ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެން ކަމަށް ތިބެ ފަހު ބުރުގައި ފުރަގަހުން ވަޅިޖެހީއެވެ.
ރައީސް ޑޮކްޓަރ މުޢިއްޒެވެ. ދެނަން ކިޔަސް ޕީޕީއެމް - ޕީއެންސީއަކީ އެކައްޗެކެވެ. މިފަހަރު ވެރިކަން ތިޔަ ހޯއްދެވީ ކޯލިޝަން އެއްބަސް ވުމެއްނެތިއެވެ. ފޮޓޯގަނޑެއްގެ ކައިރީގައި ނަން ޖައްސަވައިގެންނެވެ. މަނިކުފާނުގެ ލޯޔަލިސްޓުން ވެސް ތިބީ ތިޔަ ތަނުގައެވެ. އޭގެ ބޭރުން އެކިއެކި ވަކި އެއްބަސްވުންތައް ހައްދަވައިގެން ވެރިކަން ކުރައްވަން ހައްދަވައި ފިއްޔާ ވާނީ ހަމަ އެއްގޮތެކެވެ. ފުރަގަހުން ޖަހާނީ ވަޅިއެވެ. މިއީ އަލުން ދަސްކުރަން ޖެހޭ ފިލާވަޅެއް ނޫނެވެ.
އެމްޑީޕީ އަކީ އިންތިޚާބުން ބަލިވީމާ ކޯޓަށް ގޮސް، މަގުމަތިން ވެރިކަން ވައްޓާލުމާ ދެކޮޅު ބައެކެވެ. ވީމާ މަނިކުފާނުގެ އަސްލު މީހުންނާ އެކު ވެރިކަން ކުރައްވާށެވެ. ޑިމޮކްރެޓިކް ހަމަތަކުން އެމްޑީޕީގެ އެއްބާރުލުން މަނިކުފާނުގެ ސަރުކާރަށް ލިބުނީމާ ތިޔަ ވެރިކަމަށް ލޮޅުން އަރުވާލެވޭނެ އުރައްޕެއް ހުރި އެކަކުވެސް ސަރުކާރުގެ މަގާމުތަކާ މަޖިލިސް ގޮނޑިހޯދަން ގޮސް ތިޔަތާކު ނެތެވެ.
ހަމަޖެހޭ ސުލްހަވެރި އަމާން ވެރިކަމެއް ކުރައްވަން އެންމެ ރަނގަޅުވާނީ އޭތިމީތި ލައިގެން ސަރުކާރު ތަޣައްޔަރު ނުކުރެއްވުމެވެ. އެހެން ނޫނީ ތިޔަ ހައްދަވަނީ ބޮޑު ގޯހެކެވެ.