މުއިއްޒު މިނިވަން ކުރަންޖެހޭ ގައުމުވަނީ ބަންދުގައި
ޕޯޗުގީޒުން ކަރަށް އެޅީ ރާ - އިންޑިއާއިން އަޅަނީ މަގަށް ތާރު
ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ގާނޫނު އަސާސީ ބުނެއެވެ. ދުނިޔޭގެ ޗާޓުގައި ރާއްޖެ ފާހަގަ ވަނީ މިނިވަން ގައުމެއްގެ ގޮތުގައެވެ. އޮންނަނީ ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ ސަރުކާރެކެވެ. މިނިވަން ގައުމަކަށް ލިބިގެންވާ ހުރިހާ ހައްގަކާ އިހުތިޔާރަކާ އިމްތިޔާޒެއް ދުނިޔޭގައި ރާއްޖެއަށް އޮވެއެވެ. އެއް އިންވެފައިވާ ގައުމުތަކުން ފެށިގެން ދުނިޔޭގައި ތިބިއްޔާ ތިބި ބަޔަކު ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ގަބޫލު ކުރެއެވެ.
އަޅުވެތިވެފައި ނެތި މިނިވަން ވާން އުޅެންޖެހޭ ސަބަބެއް ނެތެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އިސްވެ އޮވެ ގައުމު މިނިވަން ކުރަން އުޅޭނީ ގައުމު އަޅުވެތި ކަމެއްގައި އޮވެގެންނެވެ. ތިލަދުން މަތީން މުޖާހިދަކު ނިކުމެ މީގެ ކުރިން ގައުމު އޮތީ މިނިވަން ކޮށްފައެވެ. އެފަހަރު ނިކުތީ އުތީމުންނެވެ. މިފަހަރު ވަށަފަރުންނެވެ.
ދެފަހަރުގެ އަޅުވެތިކަމުގައި ތަފާތު ތަކެއް އެބަހުއްޓެވެ. އުތީމުން މުޖާހިދަކު ނިކުމެ ފައްސާލީ ޕޯޗުގީޒުންނެވެ. ވަށަފަރުން ނިކުތް ފަހުލަވާނަށް ފަހާލަންޖެހިފައި އޮތީ އިންޑިއާއެވެ. ޕޯޗުގީޒުން ރަށްރަށަށް އަރާ ބަޑިޖަހާ މެރީ ދިވެހިންނެވެ. އިންޑިއާއިން ރަށް ރަށަށް އަރާ ސަލާމަތް ކޮށްދެނީ ބަލި މީހުންގެ ފުރާނައެވެ. ޕޯޗުގީޒުން ކަނޑު ފޭރުނީއެވެ. އިންޑިއާއިން ހުއްޓުވަނީ ކަނޑު ފޭރުމެވެ. ޕޯޗުގީޒުން ދިވެހިންގެ ކަރަށް އެޅީ ރަލެވެ. އިންޑިއާއިން އަޅަނީ މަގުތަކަށް ތާރެވެ.
އާނއެކެވެ. ޕީޕީއެމުން ވަށަފަރު މީހަކަށް ވެރިކަން ހޯދަދިނީ ގައުމު މިނިވަން ކުރާށެވެ. އިންޑިއާ އައުޓު ކުރާށެވެ. ސިފައިންގެ މީހެއް ޑޮކްޓަރެއް ނަރުހެއް ޓީޗަރެއް ނުބަލާ އެކީ އެކައްޗަކަށް އިންޑިއާ އައުޓްކޮށްލަން ވާނެއެވެ. އިންޑިއާ ސިފައިންގެ މީހެއްގެ އެންމެ ބޫޓް ޖޯޑެއްވެސް ރާއްޖޭގައި ބަހައްޓައިގެން ނުވާނެއެވެ. ސަފީރެއް އެމްބަސީއެއް ވެސް ނުބަހައްޓާ ވާނީ ބޭރުކޮށްލާށެވެ. އަމްދުން "ސްޓޭންޑް ވިތު އިޒްރޭލް" ބަޔަކާއި " ސްޓޭންޑް ވިތު ޕެލަސްޓައިން" ބަޔަކާ އެކުގައި އުޅެވޭކަށް ނުއޮންނާނެތާއެވެ.
އެކަމަކު ބުނަން ހެއްޔެވެ. އިންޑިއާ އައުޓު ވިޔަސް ގައުމު މިނިވަންވީ ކަމަކަށް ނުވާނެއެވެ. މިނިވަން ކުރާން އުޅޭ ގައުމަކީ ދިވެހި ރާއްޖެއެއް ނޫނެވެ. ޕީޕީއެމުން މިނިވަން ކުރާން އުޅޭ ގައުމު ވަނީ ބަންދުގައެވެ. ބަންދުގައިވާ ގައުމު މިނިވަން ނުވަނީސް ގައުމު މިނިވަން ވީކަމަކަށް އެ މީހުނަކަށް ނުވާނެއެވެ. ޕީޕީއެމުން އެބުނާ ގައުމަކީ ޔާމީނެވެ. ޔާމީނުހުރީ ބަންދުގައެވެ. ޔާމީނު މިނިވަން ނުވަނީސް ޑރ. މުއިއްޒު ގައުމު މިނިވަން ކޮށްދިން ކަމަކަށް ހަމަގައިމު ވެސް ނުވާނެއެވެ.