އުޝާމު ދައުލަތުން މުސާރަ ނެގުން ހުއްޓުވަންޖެހޭ!

ގާނޫނު އަސާސީގެ ރޫހަކީ ރުހުންނެތް މީހަކު ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުއްޓަނުދިނުން

އުޝާމު ދައުލަތުން މުސާރަ ނެގުން ހުއްޓުވަންޖެހޭ!

ސެޓްލްމަންޓް ކޮމެޓީން ބަދަލުދޭން ނިންމީ ގާނޫނާއި ގަވައިދާ އުސޫލުގެ ތެރޭންތޯ ބެލުމަށްވުރެ ބޮޑީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމު ނިންމާ ނިންމުން ތަކުގެ ގާނޫނީ ސައްހަކަމާ މެދުގައި ގޮތް ނިންމުމެވެ. ނުބައިކޮށް ވަދެހުރެ ކިތަންމެ ރަނގަޅަށް ނިންމާ ނިންމުމަކީ ނުބައެކެވެ. ދައުލަތުގެ ބަންޑާރަ ނައިބުކަމުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުން ނުރުހޭ ކަމަށް ނިންމަފައިވާ މީހަކަށް ބަންޑާރަ ނައިބުކަމެއް ނުކުރެވޭނެއެވެ. އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގައި ރައްޔިތުން މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ބަންޑާރަ ނައިބުގެ ކަމުގައި އަލްއުސްތާޒު އަހުމަދު އުޝާމް ހުރުމަށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ހާލަތު އަދި ބަދަލެއް ނުވެއެވެ. ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޒް އަހުމަދު އުޝާމް އައްޔަނުކޮށް މަޖިލީހަށް ރުހުން ހޯދަން ފޮނުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބަންޑާރަ ނައިބުގެ ގޮތުގައި އަހުމަދު އުޝާމް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށެވެ. 

ރައްޔިތުން މަޖިލީހުން ނުރުހޭ ކަމަށް ނިންމާފައި ވަނިކޮށް ދެވަނަ ފަހަރަށް ވެސް އުޝާމް ބަންޑާރަ ނައިބު ކަމަށް އައްޔަނު ކުރީ ހަމަ އެ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދައުރެވެ. ހަމަ އެ ކެބިނެޓެވެ. ހަމަ އެ މަގާމެވެ. ހަމަ އެ އުޝާމެވެ. އެއްވެސް ތަފާތެއް ނެތެވެ. ހާލަތައް ސިފައަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 

ރައްޔިތުން މަޖިލީހުން ވަކި މީހަކު ވަކި ވުޒާރާއެއްގައި ވަޒީރަކަށް ނުވަތަ ބަންޑާރަ ނައިބަކަށް ބެހެއްޓުމަށް ނުރުހޭ ކަމަށް ކަނޑައަޅާފައި ވަނިކޮށް ހަމަ އެ މީހާ ހަމަ އެ މަގާމަށް އައްޔަނު ކޮށްގެން ތިބުމަށްވުރެ ގައިރު ގާނޫނީ އެއްވެސް ކަމެއް ދައުލަތެއްގެ ތެރޭގައި ނުހިނގާނެއެވެ. 

ވަޒީރަކަށް އިތުބާރު ނެތިގެން މަގާމުން ދުރުކުރުމާއި ރައިސާއި ނައިބު ރައީސް މަގާމުން އަޒުލު ކުރުމާއި މަޖިލީހުން މީހަކަށް ވަކި މަގާމަކަށް ރުހުން ނުދިނުމާ އޮތީ ކޮން ތަފާތެއް ހެއްޔެވެ. އެ ހުރިހާ ކަމެއްގެ ހަގީގީ ނަތީޖާއަކީ އެ މީހަކަށް މަގާމު ގެއްލުމެވެ. މަގާމުގައި ދެމި ނުހުރެވުމެވެ. 

މުޅި ގާނޫނު އަސާސީގެ ރޫހަކީވެސް ރައްޔިތުންގެ ރުހުންނެތް މީހަކު ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުއްޓަ ނުދިނުމެވެ. ރައީސާއި ނައިބު ރައީސް ކަމަށް އާދެވެނީ އާންމު އިންތިހާބެއްގައި ވޯޓުދޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. މަޖީލީހު މެންބަރަކަށް ވެވެނީ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބިގެންނެވެ. ވަޒީރުކަމުގެ މަގާމުގެ ޒިންމާތަކާއި ހަވާލު ވެވޭނީވެސް ދެމިހުރެވޭނީ ވެސް މަޖިލީހުގެ ރުހުން އޮވެގެންނެވެ. 

ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ގާނޫނީ ހައިސިއްޔަތުނެތި ހިންދުކޮޅަކަށް ވެސް މީހަކަށް ހުރެވިގެން ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތް ބަންޑާރަ ނައިބެއް ވިޔަސް ވަޒީރެއް ވިޔަސް ދައުލަތުގެ ކަމަކާ ހަވާލުވެ ގޮތް ނިންމެއް ނުނިންމޭނެއެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުން ކޮށެއް ނުހެދޭނެއެވެ. އަދި ދައުލަތުގެ މުދަލާ ފައިސާ ހޭދަކުރަން ހުއްދަދީ ހެދިގެން ވެސް ނުވާނެއެވެ. އެއްވެސް ކަމެއްގައި ދައުލަތް ތަމްސީލުކޮށް ބަސް ބުނެވިގެން ވެސް ނުވާނެއެވެ. އުޝާމާއި ރުހުން ނެތް ވަޒީރުން ދައުލަތުން ނަގާ މުސާރަ ނެގުން ހުއްޓުވަން ޖެހެއެވެ.