ޒަމާން އަންނިއަށް ދިން ކެހި ގާސިމަށް ވެސް ދޭނެ.

ޒަމާން އަންނިއަށް ދިން ކެހި ގާސިމަށް ވެސް ދޭނެ.

ކެނެރީގޭ ނަޝީދު ނަމަކަށް ކިޔާ މީހަކަށް ދިވެހިރައްޔިތުން ކުރި ތާއީދާ އިތުބާރަކީ ގާސިމް އިބްރާހީމަށް ދުވަހަކު ކޮޅުންވެސް، ގާތް ގަނޑަކަށް ވެސް ލިބޭނެ މިންވަރެއް ނޫނެވެ. އެކަމަކު ބަލަބަލާ ތިއްބާ އަންނިއަށް ލިބިފައި އޮތް އެތާއީދަށް ވެގެންދާ ގޮތް އެއީ ވިސްނައިފި މީހަކަށް ބޮޑު އިބުރަތެކެވެ.

އެމްޑީޕީ ނުކުތީ ރާއްޖޭގައި ކުރިން އޮތް ޒަމާންވީ ވެރިކަމުގެ ވައްޓަފާޅި ބަދަލު ކުރާށެވެ. އެކަން ވިޔަ ނުދޭން ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއަކީ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީ ކިޔާ ސިޔާސީ ޕާޓީއެވެ. އެޕާރޓީގެ 4 ނައިބު ލީޑަރުން ކުރެ އެކަކީ ގާސިމް އިބްރާހީމެވެ.

ރާއްޖެ ބޭނުންވި އެ ބަދަލަށްޓަކާ ރައްޔިތުން ގޮވައިގެން އެމްޑީޕީ ނުކުމެ ޖަލުތަކާ މަގުތައް މަތީ ހަނާވެ، ފަނާވެ ދިޔައިރު މައުމޫން އަރިހުގައި ޑީއާރުޕީގެ ނައިބު ކަމާ، މައުމޫންގެ މާލީ ވަޒީރު ކަމުގައި ފިނިކޮޓަރީގައި ހިނިފުޅު ވަޑުވާން އިންނެވި ސޭޓަކީ ގާސިމް އިބްރާހީމެވެ.

(ފޮޓޯ: އަވަސް)

ފަޅުރަށްރަށުން އެންދެރިމާގެއަށް ފުނިޖެހޭ ތަނުން ކުރޮޅިއާއި ކާށި ވަކިކުރަން ބެހެއްޓި މާމިގިލި ސޮރަކީ ގާސިމެވެ. ތެޔޮ ވިއްކަން ފަށައިގެން އުޅުނު އިރު ބޮއްކުރާގެ ވަތް މަތީގައި ހުރި ފީފާތަކަށް ވުރެ ގިނަ ތެޔޮ އަޅަނީ ވަތުގައި ފަތުރާފައި އޮންނަ ސަތަރި ގޮންޏަށެވެ. ކަމާ ކަންފަށާ ހުކުރު ދުވަހު ތެޔޮ ބޮއްކުރާ ނެރެނީ ބަންދު ދުވަހު ގިނަލޯ ބަންދުވެފައި ހުންނާނެކަން އެނގޭތީއެވެ. ލޯތަކަށް ސިއްރުން ކުރާނީ ވައްކަމެވެ.

ބޮޑެތި ބޯޓް ފަހަރުގައި ތެޔޮ އެތެރެ ކުރި ތާނގީ ތަކުގައި ޑަބަލް ފޫ އަޅާފައި އޮތީ އިމްޕޯރޓް ޑިއުޓީއިން ދައުލަތަށް ލިބޭ މިލިއަން ރުފިޔާ ނުދީ ހައްގު ގޮތުގައި މުއްސަނދި ވުމަށެވެ. މުއްސަނދިވާން ގާސިމް ކަންކުރި ގޮތް އެނގިތިބި މީހުން އަދި ދުނިޔޭގައި އެބަތިއްބެވެ.

މީހުންނަކީ އެމީހާ ދައްކާ ކުލައެއްގައި ދެމިތިބޭ މީހުންނެވެ. ހެނދުނު ހުދުކުލައިގައި ހުރެފައި މެންދުރު ފަހު ދިހުން ގަދަ ކަޅުކުލަ ނުދެއްކިޔަަސް ހިނގިކަންކަމާއި އެކަންކަން ހިނގި ގޮތް ދަންނަ އެންމެން އަދި މަރެއް ނުވެއެވެ.

ހަރުފަ ދުލި ބަދަލު ކުރާ ގޮތަށް ނުކުމެ ކުއްލިއަކަށް މާ އިސްލާޙީ މީހަކަށް ވެގެން މައުމޫނަށް ވެސް ދޯކާ ދީފާ ގާސިމް ނުކުތީ ޖުމްހޫރީ ޕާޓީގެ ނަމުގައި ސިޔާސީ ގޮތުން ކަނޑުފޭރޭ އުޅަނދެއް ބަނދެގެންނެވެ. ބޭނުމަކީ ސިޔާސީ ގޮތުން ހަށިވިއްކައިގެން އޭނާގެ ވިޔަފާރި ފުޅާ ކުރުމަށްޓަކާ އަންނަ ކޮންމެ ސަރުކާރަކުން ބައިހޯދުމެވެ.

ގަޔަށް ކަޅު ޖެކެޓް މަހާ، އަތަށް އަންގި ލައްވާ މޫނު ނިވާކޮށްގެން، ހެޔޮވަރުގެ ދަތްދަގަނޑެއް ހިފައިގެން ގޮސް އެމްއެމްއޭގެ ތިޖޫރީ ފެޅުމަކީ މިޒަމާނުގައި ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ތިޖޫރީ ފަޅާލަން އެންމެ ފަސޭހަ ގޮތަކީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އުޅަނދެއް ބަނުމެވެ. ދެން ރިޔާސީ އިންތިޚާބަށް ނުކުމެ އަރިހުރަހަށް ގައުމުގައި ތެޅިބޭލީމާ ލިބޭ ވޯޓް ކޮޅެއް ހިފައިގެން ކޯލިޝަންގެ ތެރެއަށް އެރިގަންނާނީއެވެ.

ސަރުކާރުން ލިބުނު ބައި މަދުވެގެން ގާސިމް ކުސަ ނުދަމާ ފަހަރެއް ދުއް ލޮލެއް މިގަައުމަކު ނެތެވެ. އަޖައިބެކެވެ. ގައުމުން ބައި އަޅަންޖެހޭ ސިޔާސީ ޕާޓީއެއް މި ގައުމުގައި އޮންނަން ޖެހޭ ހެއްޔެވެ. ވަނީ އެހެންނެއް ނޫނެވެ. ކޯލިޝަން ހަދާއިރު ކައްވާލަނީ ބޮޑެތި މަގާމު ތަކެވެ.

އެއްބަސްވުން ތަކުގައި ސޮއިކުރަން ދެފަރާތުގައި ތިބެނީ ވެސް ޖުމްހޫރީ ޕްރައިވެޓް ލިމިޓެޑްގެ ވަޒީރާ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ އޭޖެންޓުންނެވެ. އެއްބަސްވުން ލިޔެފައި އޮންނަނީ ކޮންމެ ގޮތަކަށް ދިޔަޔަސް ދައުލަތުން ވިލާއަށް ބަދަލު ދޭންޖެހޭ ގޮތަށެވެ.

ވާވެއްދި ފަޅާއި، ފެންބޯހުރާއާއި ބަރެސްދޫއާއި ތ. އެލާގެ ކޮންސެޝަން އެގްރީމެންޓްގެ ދަށުން ވިލާ ޝިޕިންގއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ވިލާއަށް 30 ނޫނީ 40 މިލިއަން ޑޮލަރު ދައްކަން ހުކުމް ކުރާ އަޑު އަހަމު ނޫން ހެއްޔެވެ؟ މިބުނާ ޒާތުގެ ހުކުމް އަންނަ ވަގުތަކީ ކުރިން ބުނި ގޮތަށް ދަތްދަގަނޑާ މާސްކު ބޭނުން ނުކޮށް ދައުލަތުގެ ޚަޒާނާ ފަޅާލާ ފަހުގެ މޮޅުގޮތެވެ. ގާސިމް އިބްރާހިމް ބޭނުންކުރާ އުކުޅެވެ. އެކަމަށް ބޭނުންކުރާ ޕައިރެޓް ބޯޓަކީ ޖުމްހޫރީ ޕާޓީއެވެ. އޭގެ ފަޅުވެރިންނަކީ އެޕާޓީގެ ސްލޮޓް ތަކުން މަގާމު ތަކަށް ސަވާރުކޮށް އެގްރީމެންޓް ތަކުގައި ސޮއިކުރަން އިސްވެ ތިބޭ މީހުންނެވެ. އެއްލޮލުގައި ކަޅުފޮތިގަނޑެއް ބަނދެގެން ހުންނަ ކައްޕިއަކީ ކަނޑުފޭރޭ ޕައިރެޓުންގެ ބޮހެވެ.

ރިޔާސީ އިންތިޚާބްގައި ވާދަކޮށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އެއްކަލަ މީހާ އިސްވީމާ މުޅިރާއްޖެ ވާނީ ރިޕްބްލިކް އޮފް މޯލްޑިވްސް ވިލާ ޕްރައިވެޓް ލިމިޓެޑަށެވެ. މި ގަނޑެއް ގަނެ މި ސަކަރާތެއް ޖަހާތާ މީހެއްގެ މުޅި ހަޔާތް ހޭދަވީމާ އެ މީހާގެ ހަގީގަތް އެންމެންނަށް އެނގުމަކީ ޒަމާން އިންސާނާއަށް ކެހިދޭ ގޮތެވެ. އެ ކެހި ގާސިމަށް ލިބިފައި އޮތްތަން ދެކެން ތިބޭށެވެ. 

ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްވީމާ ވާގޮތް ދިވެހިންނަށް ކިޔައިދިނީ އެމްޑީޕީގެ ރައީސް ކަމަށް ބުނާ ނަޝީދެވެ. އެކަމަކު ތިމާއަށް ނުލިބި ހިންނަވަރު ކުއްޖަކަށް ރާއްޖޭގެ ވެރިކަން ލިބުނީމާ ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްކުރަން ވެސް ނަޝީދަށް އޯކޭ ވެއްޖެއެވެ. މިބާވަތުގެ ކަންކަމާ، ބަސްބަހާ ނަޝީދުގެ ޢަމަލު ލޯތަކަށް ދައްކައިދިނީ ވެސް ހަމަ ޒަމާނެވެ. ޒަމާން ދިން ކެހީގައި ނަޝީދު ހުލިވެ ހިމަވެ ދާގޮތް އޮތީ ފެންނާށެވެ. ރަނގަޅަސް ނުބަޔަސް މީހާގެ އަމަލުތައް އޭނާގެ ފަހަތުގައި ދާދި ގާތުގައި ހުރެއެވެ. ކޮންމެ ވެސް ހިސާބަކުން އެ އަމަލުތަށް އޭނާގެ ކޮނޑުގައި ކޮއްޓާލުމުން ޖެހެނީ އެނބުރި ގަންނާށެވެ. އެ ހިސާބުން އެ އޮތީ އޭގެ ނަތީޖާ މި ދުނިޔޭގައި ވެސް ފެންނާށެވެ. ރަނގަޅިއްޔާ ރަނގަޅަށެވެ. އެހެން ނޫނީ އޭގެ އަނެއް ކޮޅެވެ.

ތާއީދާ ލޯތްބާ ސަޕޯރޓްގައި ގާސިމަކީ ނަޝީދާ ގާތް ކުރެވުނު މީހެއްވެސް ނޫނެވެ. ވީއިރު ނަޝީދަށް ޒަމާން ދީފައިވާ ކެހި ނުލިބި ގާސިމް ސަލާމަތްވެފައި ހުރިކަމަށް ދުށުމަކީ ވަރަށް މޮޔަ ކަމެކެވެ.

ވެރިކަމޭ ބުނާ އިރަށް ބައި ލިބެންޏާ އަރާކަށް ވަކިކޮޅެއް ނެތް މީހަކީ ގާސިމްކަން ޒަމާން ދައްކައި ދީފިއެވެ. ކޮންމެ ވެރިކަމެއްގައި ލިބޭބައި މަދުވެގެން ޝަކުވާ ބަނދެ ބޮޑާ ހާކާ ރޮއެހޭރޭ މީހަކީ ގާސިމް ކަން ވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑް އައުމާ އެކު ގައުމަކާ ގައުމެއް ދޫކޮށް މުވައްޒަފުންގެ މުސާރަ 1000 ރުފިޔާއަށް ހަދާ ގައުމަށް ފިލި ލީޑަރޝިޕް ނެތް ޑީލަރަކީ ގާސިމް ކަންވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑަށް މިލާ މޯޅިވި ބުރުމާ ވެރިކަމަށްޓަކާ ފަރިވެ ފޮޅެން ފެށިގޮތް އަނެއްކާ ވެސް ޒަމާން މިއޮތީ ދިވެހިންނަށް ދައްކައި ދީފައެވެ. ވެރިކަން ނުކިޔަމާ ބަހީއެވެ. ގާސިމަކީ ކޯލިޝަން ހަދަންވެސް ހެޔޮނުވާވަރު މީހެއްކަން ހަމަ މިދަންނަވާ ޒަމާން މިވަނީ ތަކުރާރުކޮށް ދިވެހިންނަށް ދައްކައި ދީފައެވެ.

ޒަމާން މިިކިޔަނީ ފާއިތުވެދާ އެތައް އަހަރަކަށެވެ. ދެން އޮތީ އޭނާގެ ހަޔާތުގައި ފަސްފަހަތުން އައިސް އައިސް އެހުރި އޭނާގެ ޢަމަލު އޭނާގެ ކޮނޑުގައި ކޮއްޓާލުމެވެ.