ގާސިމަށް: ބައެއް ގެއްލުވާލިއްޔާ ގެއްލުވާލީ ޖޭޕީ ބޭނުންވެގެން.
ގާސިމު ހީކޮށްގެން ތިއުޅެނީ ފަންސާސް ލާރިއަށް އަކަފޫޓެއްގެ މަގުން މާލޭ ބިމުން ވިލާގޭސް ކޮށި ކުއްޔަށް ނަގައިގެން އެބިން ވެރިކޮށްލައިގެން އުޅޭހެން ޗާގޯސް މައްސަލަވެސް ނިންމާ ލެވޭނެ ކަމަށް ހެއްޔެވެ. މީހެއްގެ އަނތްބަކު ވަރިކުރީ އެމީހުންގެ ކުރިމަތީގައިކަމަށް ބުނަން ފައިސާދީގެން ދެމީހެއްގެ ދޮގު ހެކި ހޯދައިގެން ކައިވެނި ރޫޅުވާލައިގެން އަންހެނަކާ އިންގޮތަށް ހުރިހާ ކަމެއް ހަމަޖެއްސޭނެ ކަމަށް ހެއްޔެވެ.
ވެރިކަމުގެ ބޭނުން ކިތަންމެ ބޮޑުވިޔަސް ތިޔައީ ބޮޑުވަރެވެ. ޗާގޯސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި ބައިނަލް އަގްވާމީ ފަނޑިޔާރުންނަށް ވުރެ ގާސިމު އިބްރަހީމް މާ މޮޅީތާއެވެ. " ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލު ލިބޭނެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް" ކަމުގައި ގާސިމް ދެކިގެން އެ ހުކުމަށް ގެނެވޭނެ ބަދަލެއް ނޯންނާނެއެވެ. ރާއްޖެއަށް ފުރިހަމަ 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ޗާގޯސްއާއި ރާއްޖެއާއި ދެމެދަކުން ނުއޮންނާނެއެވެ.
އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމާ ގުޅޭ ގޮތުން ތަފާތު ނަޒަރިއްޔާއިން އެވާހަކަތައް މިނޫހުން ގެނެސް ދިފީމެވެ. ރާއްޖެއަށް 200 މޭލު ހަމަޔަށް ނުލިބުނީކީއްވެ ކަން ރަނގަޅަށް ވިދާޅުވެ ލައްވާށެވެ. އަނެއްކޮޅުން އިންކަޑައެޅުމުގެ މައްސަލައިގައި ރައީސް ސޯލިހުގެ ސްޓޭންޑަކީ ބަޅުރުކު ސްޓޭންޑެއް ނޫން ކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ހަމައެހެންމެ ގާނޫނީ ތާކިހަލުގައި ރައްޔިތުންނަށް އޮޅުވާލުމަކީ ބޮޑު ގޯހެއް ކަންވެސް އޮންނާނީ ބުނެދީފައެވެ.
އިސްވެ ދިޔަ ހަގީގަތްތައް އެހެން ހުއްޓާ ގާސީމް އިބްރާހީމް ޗާގޯހޭ އިގްތިސާދޭ ސަރަހައްދޭ ކިޔައިގެން ކެކެންފެށިމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ބުނާވަރު ވެއްޖެއެވެ. އެއްޗެއް ނުބެނެ ހުންނަން އުޅުނަސް ހުރެވޭކަށް ނެތެވެ.
ބުނަން ހެއްޔެވެ. މި ވެރިކަމުގައި ސަރުކާރުން ނިންމި ކޮންމެ ނިންމުމެއްގެ ޒިންމާ ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހީމް ނަގަން ޖެހޭނެއެވެ. ކެބިނެޓްގައި ޖުމްހޫރީ ޕާޓީގެ ވަޒީރުން ތިބީތީއެވެ. ޗާގޯސް މައްސަލައިގާ ވެސް ރާއްޖޭގެ ސިޔާސަތު ބަދަލު ކުރިޔަސް ނުކުރިޔަސް އެކަމެއް ކަނޑައަޅެޅި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސްއެވެ. އަމްދުން ސަރުކާރުގެ ސްޓޭންޑާއި އެއްގޮތަށް އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީ އެންމެ ބޮޑަށް ފާހަގަ ކުރައްވާ ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން އެވެ. އެމަނިކުފާނަކީ ޖުމްހޫރީގެ ސްލޮޓްގައި ވަޒީރުކަން ކުރައްވާ ޖުމްހޫރީ ލީޑަރގެ އެޑްވައިޒަރެކެވެ. ދެން އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝާއެވެ. އެކަމަނާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރގެ އަނބިކަބަލުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެވެ. އެހެންކަމުން އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުވާލިއްޔާ ގެއްލުވާލީ ޖުމްހޫރީ ޕާޓީވެސް ބޭނުންވެގެންނެވެ. އެކަމާ އަނގަ ހުޅުވަކަށް ގާސިމު ތާހިރެއް ނޫނެވެ.