200 މޭލު ހަމަޔަށް ނުލިބުނީކީއްވެ!

އިން ކަނޑައެޅިގެން ދިޔުމުން ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓޭނެ

200 މޭލު ހަމަޔަށް ނުލިބުނީކީއްވެ!

ޗާގޯހާއި ރާއްޖެއާއި ދެމެދު އޮތް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމަށް ގާނޫނީ ފަރުވާއެއް ހޯދުނީ އިއްޔެ (28 އެޕްރީލް 2023) ގައެވެ. މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔައީ ފުށުއަރާ ސަރަަހައްދު ހަމަޔަށް ދެބައިކުރުމަށެވެ. ރާއްޖޭން އެގޮތެއް ގަބޫލު ނުކޮށް ދެބައިކުޅައެއްބައަށް ވުރެ ބޮޑުބައި ރާއްޖެއަށް ލިބެން ޖެހޭނެ ކަމަށް ވަކާލަތުކޮށް ހެއްކާ ގަރީނާ ހުށަހެޅިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް މައްސަލަ ނިމުނީއެވެ. 

ދެ ގައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފުށުއެރީ 92،563 އަކަކިލޯ މީޓަރުގެ ސަރަހައްދެވެ. މައްސަލަ ނިމުނީ ރާއްޖެއަށް 47،232 ކިލޯމީޓަރު ސަރަހައްދެއް ލިބިގެންނެވެ. މޮރިޝަސްއަށް ލިބުނީ 45،331 ކިލޯމީޓަރު ސަރަަހައްދެެވެ. ދެ ގައުމުން ވެސް އެ ނިންމުން ބަލައިގަނެ އިހުތިރާމް ކުރެއެވެ. ޒަމާންވީ ބޮޑު މައްސަލައަކަށް ނިމުން އައީއެވެ.

200 ނޯޓިކަލް މޭލު ނުލިބުނީ ކީއްވެ!

ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ބޭސްލައިނުން ބޭރަށް 12 މޭލުގެ އެތެރެއަކީ އެ ގައުމެއްގެ ޓެރެޓަރީއެވެ. ރާއްޖޭގެ ބޭރުދުނިން 12 މޭލު އެތެރެއަކީ ރާއްޖޭގެ ޓެރެޓަރީއެވެ.

ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސް ލައިނުން (ބޭރު ދުނިން) ފެށިގެން 200 ނޯޓިކަލް މޭލެވެ.

އެހެން ކަމުން އެންމެ ފުރަތަމަ ވެސް ފާހަގަ ވަނީ ކޮންމެ ގޮތަކަށް މިން އެޅިޔަސް ޗާގޯސްއާއި ރާއްޖެއާއި ދެމެދުގައި 400 ނޯޓިކަލް މޭލުގެ ދުރު މިން ނުހުންނަ ކަމެވެ. 400 ނޯޓިކަލް މޭލު ނެތި ދެބައި މީހުންކުރެ އެއްބަޔަކަށް ވެސް 200 ނޯޓިކަލް މޭލު ހަމައަށް ލިބެން ނޯންނާނެ ކަމެވެ. ދެކޮޅުން ކުރެ ކޮންމެ ކޮޅަކުން 200 އެޅިޔަސް ފުށުނާރާ 200 ހަމަ ނުކުރެވޭނެ ކަމެވެ. 

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ. އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށު ނާރާ ބަރާބަރަށް 200 ނޯޓިކަލް މޭލު ވަށައިގެން ހުރިހާ ދިމާލަކުން  ރާއްޖެއަކަށް ނުލިބެއެވެ. އޭގެ ހައްލު ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުު ދީފައި އެބައޮތެވެ. ފުށުއަރާ ދެ ގައުމުގެ ސަރުކާރުން ވާހަކަ ދައްކައިގެން ސުލްވެރި ހައްލެއް ހޯދާ ދެ ގައުމުން ވާ އެއްބަސް ވުމެއްގެ ދަށުން ސަރަހައްދީ އިމުގެ މައްސަލަ ހައްލު ކުރުމެވެ. 

ރާއްޖެއާއި އިން ފުށުއަރަނީ އިންޑިއާ އާއި ޗާގޯސް އެވެ. އިންޑިއާއި ސްރީލަންކާއާއި ރާއްޖެއާ އޮތް ފުށުއެރުމުގެ މައްސަލަ 1976 ގައި ވެވުނު އެއްބަސްވުމަކުން ވަނީ ހައްލު ކުރެވިފައެވެ. ހައްލުނުވެ ދިގުލައިގެން ގޮސްފައިވަނީ ޗާގޯސް މައްސަލައެވެ. ޗަގޯހަކީ އިގިރޭސިންގެ އިސްތިއުމާރުގައި އޮތް ތަނެއް ކަމުން އެތާނގެ ސިޔާދަތީ ބާރު އިގިރޭސީންނަށް ނެތަތީ ފުށުއަރާ އިމުގެ މައްސަލަ އޮތީ ހައްލު ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަސް ލިބިގެންވާ ކަމަށް އިޓްލޮސްއިން ގަބޫލު ކުރުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް މައްސަލައަކަށް ބަދަލުވެގެން ދިޔައެވެ. އޭގެފަހުން މިހާރު އެ ވަނީ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި ނިމިފައެވެ. 

ސަރަހައްދީ އިން ކަޑައެޅުމުގެ ނަތީޖާ

ޗަގޯސްއާއި ދިވެހިރައްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ސާފުކޮށް ކަނޑައެޅިފައި ނެތުމުން ރާއްޖެއާއި 12 މެލު ކައިރިއަށް އެހެން ގައުމުތަކުގެ މަސްވެރިންނާއި އެނޫން އުޅަދު ފަހަރު ވަދެ ކޮންމެ ކަމެއް ކުރިޔަސް އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ އުޅަދު ފަހަރު ޗާގޯސްއާއި ކިތަންމެ ގޮނޑު ވިޔަސް މޮރިޝަސްއަށް ކުރެވޭނެ ކަމެއްވެސް ނޯވެއެވެ. އެ ސަރަހައްދުގެ ގުދުރަތީ ދިރުމާ ވަސީލަތްތައް ބޭނުން ބަޔަކު ބޭނުން ގޮތަކަށް ބޭނުން ކުރުމުގެ ދޮރު އޮތީ ހުޅުވިފައެވެ. އެއްބަޔަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯވެއެވެ.

އިން ކަނޑައެޅިގެން ދިޔުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓޭނެ ގޮތް ސާފުވީއެވެ. ރާއްޖޭއާއި ބާރަ މޭލާު ބޭރުންނާ އެތެރޭން އެހެން ގައުމު ތަކުގެ އުޅަދުތައް މަސްވެރިކަން ކުރުމާއި ދާއެޅުން ހުއްޓުވުމުގެ ބާރު ރާއްޖެއަށް ލިބުނީއެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތް ކުރެވުނީއެވެ. ވަށައިގެން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ކަށަވަރުވީއެވެ. ރާއްޖެއަށް ހާއްސަ މުޅި އިގުތިސާދީ ސަރަހައްދު އެކުގައި ރާއްޖެއަށް އެދިމާއިން ލިބެން އޮތް ހަމަ އެކަނި ގޮތަކީ ޗާގޯސް ލިބުމެވެ. އެނޫން ގޮތެއް އެކަމުގައި ނެތެވެ. ޗާގޯސް ހޯދުމުގެ ވާހަކައަކީ މުޅިން އެހެން ވާހަކައެކެވެ.