ރަށްރަށަށް ރައީސް ސޯލިހުވަރެއް ހަމަނެތް!
މިއަދަކު އިބްރާހީމް މުހައްމަދު ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. މީހަކަށް ދައުލަތުން ދެވޭނެ މަގާމެއް ރަށަކަށް ކޮއްދެއްވޭނެ ކަމެއް އޮތް ބޭފުޅެއް ވެސް ނޫނެވެ. ރައީސް ސޯލިހު ނޫންގޮތެއް ހޯދައިގެން ރައީސް ކަމަށް މުއިއްޒު އެރުވިފަހުން ދެ އަހަރަށް ވުރެވެސް ގިނަވެއްޖެއެވެ.
ދެ އަހަރުވެގެން ދިޔައިރުވެސް ރައީސް ސޯލިހު ކުރެއްވި ހެޔޮވެރިކަަމަށް ހިޔަނި އަޅުވާލެވޭ ވަރުގެ ވެރިކަމެއް ރައީސް މުއިއްޒަކަށް ނުކުރެއްވުނެވެ. ހޯދުނު ނޫންގޮތަކީ ގޮތެއް ނޫންކަން ދިވެހީންނަށް ޔަގީން ވެއްޖެއެވެ. ހިނގާ ކަންކަމާ ފެންނަ މަންޒަރުން ފިސާރި ރަނގަޅަށް އެކަން ސާބިތުވެއެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ރަށްރަށުގައި ފާހަގަކުރާ ބޮޑެތި ކާމިޔާބީތަކާއި ބޮޑެތި ހަފްލާތަށް ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުން އެދި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކަންކަން އިންތިޒާމް ކުރަނީ ރައީސަށް ބައިވެރިވެ ވަޑައިގެނެވޭނެ ގޮތް ގޮތަށެވެ.
އެހެނެއް ކަމަކު މިހާރު ރާއްޖޭން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. މިހާރު ރާއްޖޭގެ ރަށްރަށުގައި ފާހަގަކުރާ ބޮޑެތި ކާމިޔާބީތަކާއި ބޮޑެތި ހަފްލާތަށް ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުން އެދި ދަންނަވަނީ ކުރީގެ ރައީސުންނަށެވެ. ހާއްސަކޮށް ރާއްޖޭގައި އެންމެ ފަހުން ހެޔޮވެރިކަމެއް ކޮށްދެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

ކުރީގެ ރައީސް ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކުން ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ރައީސް ސޯލިހަށް އޮހެމުންދަނީ ހިފެހެއްޓުމެއް ނެތިއެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ޝުކުރުވެރިކަމާއިއެކު ކުރާ ލޯތްބާއި އިހުތިރާމެއްގެ ބޮޑުކަމުންނެވެ.
ވަޑައިގަންނަވާ ކޮންމެ ރަށަކުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ކޮޅާކޮޅު ނުފެންނަވަރުގެ ދިގު ސަފުހަދައިފައި އޮވެއެވެ. ރަށްރަށު މީހުން ކަމާ ކަންފަށަށް މަރުހަބާ ދަންނަވާ ސަލާމްކޮށްލުމަށް ނިކުމެ އެތިބެނީ ގެއްލިދާނެ ވަޒިފާއަކަށް ބިރަކުން ނޫނެވެ. ލިބޭނެ މަގާމުގެ ކުރިއެރުމަކާ ހެދިއެއްވެސް ނޫނެވެ. ރައްޔިޔުންގެ ހިތު ލޯބިންނެވެ.
ފީއައްޔެއް ހޯރަފުއްޓެއް އޭދަފުއްޓެއް ހިރިލަންދުއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން ރަށްރަށު ރައްޔިތުންނަށް އިހުސާސް ވާތީއެވެ. ހޯދުނު ނޫން ގޮތަކީ ގޮތެއް ނޫންކަން އިހުސާސް ވެގެންނެވެ. ރައީސް ސޯލިހު ކުރެއްވީ ހެޔޮވެރިކަމެއްކަން ލޮލުން ބޮލުން ރައްޔިތުން ގަބޫލު ކުރާތީއެވެ. ހެޔޮ ވެރިކަމެއްގެ ކުލަވެސް ނެތް ރައީސް މުއިއްޒުގެ މަގުބޫލުކަން ގެއްލި ނަފްރަތު ކުރާތީއެވެ.



