4 ވަޒީރުންނާހެދި އިތުބާރުނެތިގެން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު
އެއްފަހަރާ އެންމެ ގިނަ މެންބަރުން ރިޝްވަތު ދީގެން ގަނެލުމުގެ ރެކޯޑް ހަދާފާވޭ
ވަޒީރުންގެ މަޖިލީހަކީ ރައީސް އެކަންޏަށް ފެންނަ ގޮތަކަށް އެކުލަވާލެވެން އޮންނަ މަޖިލީހެއްނޫނެވެ. ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދައިން ރައީސަށް ލިބިދޭ ބާރަކުން ނޫނެވެ. ވަޒީރުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭ މަޖިލީހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި އެންމެ ހިދުކޮޅަކަށްވެސް ވަޒީރުންގެ މަޖިލީހުގައި މީހަކަށް ނުހުރެވޭނެއެވެ. ގާނޫނު އަސާސީ ލާޒިމު ކުރާ ގޮތަކީ އެއީއެވެ.
ވަޒީރުންގެ މަޖިލީހަކީ މުތުލަގަށް ރައީސަށް ފެންނަހާ ބަޔަކު ލައިގެން އެކުލަވާލެވިފައި އޮންނަތަނަކަށް ނުވާގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ ސަމާސާއަކަށް ނޫނެވެ. ރައީސަކަށް އަންނަ މީހެއްގެ ގޮތުން މުޅި ސަރުކާރުގެ ހަމަ ލަމަ ގެއްލި ދައުލަތް ބޮލަފޮށާ އެޅުމުން ސަލާމަތް ކުރުމަށްޓަކައެވެ. ރައީސްގެ ކުޅޭކުޅޭ ބުދުތަކަކަށް ވަޒީރުންވެ އެޅިހާ ބަތަކަށް ރިހަވެގެން ދައުލަތް އޮޔާ ދުއްވަލިޔަ ނުދިނުމަށްޓަކައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ހޮދުމުހުތާރު ގޮށްމުށުގެ ވެރިކަމެއް ހިންގިޔަ ނުދިނުމަށްޓަކައެވެ.
ރާއްޖޭގެ މިހާރުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކޮލިޓީގެ މީހެއްނޫނެވެ. ހުސްގޮނޑިއަކާއި އެހެން މީހެއްގެ ފޮޓޯއެއް ދައްކައިގެން މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ހުރި މީހެކެވެ. އޭނާ ވެރިކަން ދިފާއުކުރުމަށްޓަކާ ފާޅުގައި ދިވެހި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން އެދަނީ އެޔެއް މިޔެއް ނުބަލައެވެ. ރިޝްވަތު ދިނުމުގައި މޫނެއް ކަނދުރާއެއް ރެޔެއް ދުވާލެއް ނުބަލައެވެ.
ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުން އެއްފަހަރާ އެންމެ ގިނަ މެންބަރުން ރިޝްވަތު ދީގެން ގަނެލުމުގެ ރެކޯޑް އޭނާ ހަދައިފިއެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކު ވަޒިރުނަށް ހަދައިގެން ދައުލަތުގެ ފައިސާ އިސްރާފް ކުރަނީއެވެ. ހައްދެއް ނެތްވަރަށް ސިޔާސީ މަގާމު އުފައްދައިގެން މުސާރަދީގެން އަޅުންގެ އަޅުން އުފެއްދުމުގައި އެއްރަށެއް އެއްއާއިލާއެއް ނުބަލައެވެ. އެހިނދަކަށް ހާސިލު ކުރަން ބޭނުން ކަމެއް ކުރުމުގައި ބިރެއް ކަމެއް ނުގަނެއެވެ.
ގޭންގްތަކާއި ހަރުކަށި ހައްދުފަހަނަ އެޅުން ބާރުވެރި ކުރުވާ ދީނާއި ގައުމިއްޔަތަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ހަތިޔާރަށް ހަދައިފިއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ބަވަނަވެތި ދުނިޔޭގެ އޮއިވަރުގައި ކޮޅުނަގައިގެން ގައުމު ނުރައްކަލަށް ވައްޓާލައިފިއެވެ. ވެރިކަމަށް ގެނެސްދިން މައިޕާޓީގެ ބާރު ކަނޑުވާލާ ޕީޕީއެމް އަޅުވެތިކޮށްފިއެވެ.
ހަޑިމުޑުދާރުކަމާއި ގޮތްކުޑަކަން ހައްދު ފަހަނައަޅާ އެންމެ ފަހުން ދައުލަތުގެ ތިން ބާރުން އެއްބާރުގެ ވާގިނައްތާލަން ދިމާކުރީއެވެ. ވަޒީރުންގެ މަޖީލީހުގެ އެންމެންނަށް ރުހުން މަޖިލީހުން ނުދޭނެ ކަމަށް ބުނުމުންނެވެ. އެންމެ ހަތަރު ވަޒީރުންނަށް ރުހުން ނުލިބިގެން ސަރުކާރު ހުއްޓޭވަރު އާރެއް ބާރެއް ނެތް ސަރުކާރަކަށް ވީމާ އަނިޔާވެރިކަން އިސްކޮށްގެން ނޫނީ ކެތެއް ނުވާނެއެވެ. ދުންމާރި ފުމެން ކުދިންކޮޅެއް ގަނެގެން މަޖިލީހުގެ އެތެރޭގައާއި ބޭރުގައި ދުންމާރި ފުމުނަކަސް މޭކަރައިގެން އިދިކޮޅުން މުއިއްޒު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެއެވެ. އެންމެ ފަހުން އިތުބާރުނެތް ރައީސެއްގެ ގޮތުގައި ވެރިކަމުން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު ވެގެން ދަނީއެވެ.