ފައިސާއަށް ރަށްވެހިކަން ވިއްކުން | ނުރައްކާތެރި ނާކާމިޔާބު މޮޑެލެއް

ގެއްލުންތަކާއި ނުރައްކަލުގެ ވާހަކަ ނުދައްކާ ތިބުމަކީ ގައުމަށްވެވޭ ގައްދާރުވުމެއް

ފައިސާއަށް ރަށްވެހިކަން ވިއްކުން | ނުރައްކާތެރި ނާކާމިޔާބު މޮޑެލެއް

ބިދޭސީން ވަޒަންވެރިކުރާ ރެސިޑެންސީ އަދި ސިޓިޒަންޝިޕް ޕްރޮގްރާމް ހިންގާ ސަރުކާރުން ފޫގަޅާފައި އޮންނަ އިރެއްގައި އެކަމުން ގައުމަށް ކުރިމަތިވާނެ މައިގަނޑު ގެއްލުންތަކާއި ނުރައްކަލުގެ ވާހަކަ ނުދައްކާ ތިބުމަކީ ގައުމަށްވެވޭ ގައްދާރުވުމެކެވެ. ދަރިންގެ ދަރީންނަށް ވެވޭ ހިޔާނާތެކެވެ. ގައުމުގެ މިނިވަންކަން ގެއްލުވާލާ ރައްޔިތުން އަޅުވެތި ކުރުމަށް ދެވޭ އެއްބާރުލުމެކެވެ. 

އިގްތިސާދީ ގޮތުން ދިމާވާ ގަޑުބަޑު

ބިދޭސީން ވަޒަންވެރިކުރާ ރެސިޑެންސީ އަދި ސިޓިޒަންޝިޕް ޕްރޮގްރާމް ހިންގާން ފެށުމުން ބޯހިޔާވަހިކަމުގެ ބާޒާރުގެ އިތުރުން ދިރިއުޅުމުގެ އަގުތައް އުފުލިގެން ދެއެވެ. "ސަރުކާރުން ހުއްދަދީފައިވާ ރިއަލް އެސްޓޭޓް" އަށް ބޭރުން ވަޒަންވެރިވާ މީހުން ގިނަވުމުގެ ސަބަބުން، ގެދޮރުގެ އަގުތަކާއި ކުލި ވަރަށް ބޮޑަށް އުފުލެއެވެ. އާންމު ރައްޔިތުންނަށް އަތްފޯރާފަށުގައި ގެދޮރު ހޯދަން ދަތިވެ، މަސްނޫއީ ގޮތެއްގައި އަގުތައް މައްޗަށް ދެވަނަ ދަރަޖައިގެ ސިޓިޒަނުންނަށް އާއްމު ރައްޔިތުން ބަދަލުވެގެން ދެއެވެ. 

ރިސޯޓްތަކަށް ބޮޑުއަގު ދީގެން އަންނަ މިލިއަނަރުން ރިސޯޓުތަކަށް އައުން ހުއްޓާލާ ޗުއްޓީ ހަދާލަން އައުމަށް ރެސިޑެންސް ގަނެލާފައި ބެހެއްޓުން އާއްމުވެގެން ދާނެއެވެ. ނަތީޖާއަކަށް ވާނީ ހިންގާ ލަގްޒަރީ ރިސޯޓުތައް ހުއްތާލަންޖެހުމެވެ. ރާއްޖޭގެ ޒަމާންވީ ފަތުރުވެރިކަން އިނދަޖެހުމެވެ.

އިޖްތިމާއީ އަސަރުތައް

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވެއެވެ. ގައުމުގައި ދިރިނޫޅޭ މުއްސަނދި ދިވެހި ގޯލްޑަން ޕާސްޕޯޓް ހޯލްޑަރުންނާ، ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ހުންނަ ބޮޑު ތަފާތުގެ ސަބަބުން އިޖުތިމާއީ ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުންތައް އުފެދެއެވެ.

ވަޒީފާތައް އުފެދުން މަދުވެއެވެ. ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކުން ނުވަތަ ބިދޭސީން ވަޒަންވެރިކުރަން ވިއްކާ އެޕާޓުމަންޓުތަކުން ސަރުކާރަށް ލިބޭ ފައިސާ އިތުރުވިއަސް ރައްޔިތުންނަށް ދާއިމީ އަދި ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތަކެއް ސީދާ ގޮތެއްގައި ނުލިބެއެވެ.

ސެކިއުރިޓީ އަދި ގައުމީ ސަލާމަތައް ހުރި ނުރައްކާ

ބެކްގްރައުންޑް ޗެކް ނުކުރެވުމާއި ސެކިއުރިޓީގެ މައްސަލަތައް ފެންމަތިވެއެވެ. ކިތަންމެ ރަނގަޅަށް ބެލިނަމަވެސް، މަނީ ލޯންޑްރިން އާއި ޓެކްސްއަށް މަކަރުހެދުމާއި ބައިނަލްއަގުވާމީ ޖިނާއީ ކުށްތަކުގައި ހިމެނޭ މީހުންނަށް މި ޕްރޮގްރާމްތަކުގެ ތެރެއިން ފުރުސަތު ލިބުމުގެ ބިރު އޮވެއެވެ. މިއީ ގައުމުގެ ސަލާމަތީ މަސްލަހަތަށް ހުރި ބިޑު ނުރައްކަލެކެވެ.

ވިސާއާ ނުލައި ދަތުރުކުރުމުގެ އިމްތިޔާޒު ގެއްލެއެވެ. ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ނުވަތަ އިނގިރޭސިވިލާތް (ޔޫ.ކޭ) ފަދަ ބާރުގަދަ ޖަމާއަތްތަކުން މިފަދަ ޕްރޮގްރާމްތައް ހިންގާ ގައުމުތަކަށް އުސޫލުތައް ހަރުކަށިކުރުމަށް ނުވަތަ ޕްރޮގްރާމް ހުއްޓާލުމަށް ޕްރެޝަރު ކުރެއެވެ. އެ ޕްރެޝަރތަކަށް ދެކޮޅު ހަދައިފި ނަމަ، ބޮޑެތި ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ގެއްލި، އޭގެ ސަބަބުން ސީދާ ގެއްލުން ވާނީ އަމިއްލަ ގައުމުގެ އަސްލު ދިވެހި ރައްޔިތުންނަށެވެ.

ބައިނަލްއަގުވާމީ ގޮތުން ގައުމުގެ އަބުރު ގެއްލުން

ސީ.ބީ.އައި ފަންޑު (ބިދޭސީން ވަޒަންވެރިކޮށްގެން ލިބޭ ފަންޑު) ތަކަށް މާބޮޑަށް ބަރޯސާވުމަކީ ހަމަޖެހޭ އިގްތިސާދީ ބިންގަލެއް ނޫނެވެ. މި ޕްރޮގްރާމަށް ބައިނަލްއަގުވާމީ ދަތިތަކާ، ފާޑުކިޔުންތަކެއް އަމާޒުވެއްޖެ ނަމަ ނުވަތަ ސިޔާސަތުތައް ބަދަލުވެއްޖެ ނަމަ، އާމްދަނީ ކުއްލިއަކަށް ދަށްވެ، މާލީ ބޮޑު މުސީބާތަކާ ރައްޔިތުން ކުރިމަތިލާން ޖެހިދާނެއެވެ.

ޑަޗް ޑިޒީޒްގެ އަސަރު ނުވަތަ ގައުމަށް ވަންނަ ބޭރުގެ ބޮޑެތި ފައިސާ ގެ ސަބަބުން ގައުމީ ފައިސާގެ އަގު މަސްނޫއީ ގޮތެއްގައި މައްޗަށް ދެއެވެ. މީގެ ސަބަބުން ދަނޑުވެރިކަމާއި އާންމު އުފެއްދުންތެރިކަން ފަދަ ގައުމުގެ އެހެނިހެން ދާއިރާތަކުގެ ވާދަވެރިކަން ކުޑަވެގެންދެއެވެ.

ބިދޭސީން ވަޒަން ވެރިކުރުމާއި ގޯލްޑަންޕާސްޕޯޓު ސްކީމްގެ މިސާލީ ގެއްލުމެއް:

ބިލިއަން ޑޮލަރުގެ 'ގޯލްޑަން ޕާސްޕޯޓް' ސްކީމްގެ ދަށުން އެތައް ހާސް ބަޔަކު ޑޮމެނިކަން ރިޕަބްލިކް ގެ ޕާސްޕޯޓް ގަނެފައިވާ ކަމަށާއި، އޭގެ ތެރޭގައި އަފްގާނިސްތާނުގެ ކުރީގެ ޖާސޫސީ އިސްވެރިޔަކާއި، ކުށް ސާބިތުވެފައިވާ މިލިއަނަރަކާއި، ލީބިޔާގެ ކުރީގެ ކާނަލްއެއް ހިމެނޭކަން ހާމަވެއްޖެއެވެ. ކެރީބިއަންގެ މި ގައުމަށް 2015 ވަނަ އަހަރު ވިލާތުގެ އިއްތިހާދު (އީ.ޔޫ) އަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ހުއްދަ ލިބުމާ ގުޅިގެން ޕާސްޕޯޓް ވިއްކުން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ނަމަވެސް އީޔޫގެ ގައުމުތަކަށް އެތެރެވުމުގައި މިގައުމަށް މިހާރުވަނީ ދަތިތައް ކުރިމައިވެފައިއެވެ. ރެސިޑެންސީ ޕްރޮގްރާމް ގެ ތެރެއިން ބިދޭސީންނަށް ވިއްކާ ގޯލްޑަންވިސާ ޕާސްޕޯޓުގެ ސަބަބުން އީޔޫއަށް އެތެރެވުމަށް އޮންނަ ލުއި ފަސޭހަތަކާއި ވިސާ ހޯދުމުގައި ދަތިތަކާއި މިހާރު ކުރުމަތިވެއެވެ .