ސަރުކާރުގެ މިސްރާބުހުރީ ސީދާ އިދިކޮޅަށް: ޝާހިދު

ލާމަރުކަޒީ ނިޒާމު ކޮށައި، މަށައި ކަތީބު ސިސްޓަމަށް

ސަރުކާރުގެ މިސްރާބުހުރީ ސީދާ އިދިކޮޅަށް: ޝާހިދު

ރައީސް މުއިއްޒު ސަރުކާރުގެ މިސްރާބު މިހާރު ހުރީ ހަމަ ސީދާ އިދިކޮޅަށް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު އެހެން ވިދާޅުވީ ރޭއޮތް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ހަރިޖީ ވަޒީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު މިސްރާބު ޖަހާފައިވަނީ ބާރުތައް އެއްކޮށްލުމާ ދިމާލަށް ކަމަށެވެ. ތިންބާރު ވަކިވެފައިވާ ގާނޫނު އަސާސީއެއް ރާއްޖެއަށް ތައާރަފްކޮށް ތަންފީޒު ކުރެވެނީ އެމްޑީޕީގެ ވަރަށް ބުރަ މަސައްކަތުންކަމަށް ޝާހިދު ވިދާޅުވިއެވެ. 

ގާނޫނުއަސާސީގައި އެންމެ ވަރުގަދަ އެއް ކަމެއްގެ ގޮތުގައި އޮތީ ފާރަވެރި، ޖަވާބުދާރީ ކުރުވާނެ މަޖިލިހެއް ގާއިމުވެފައި އޮތުމާއި ސަރުކާރުގެ ބާރުދަށުން މިނިވަންވެފައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމެއް އޮތުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ނަމަވެސް ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މުޅި ނިޒާމު ތަގައްޔަރުވެފައި ކަމަށެވެ. 

"ޖަހަމުންދާ ރަނގަބީލަކީ ބިރުވެރިކަމުގެ ރަނގަބީލެއް. ގާނޫނުއަސާސީގައި އޮތް އެންމެ ފުރިހަމަ އެއް ބާބަކީ އަސާސީ ހައްގުތަކުގެ ބާބު. އެއީ ޗެޕްޓަރު ދޭއް. އެ ޗެޕްޓަރު ދޭކާ ބެހޭ ގޮތުން ދައްކަމުން އަންނަ ވާހަކަ އިން އަޅުގަނޑުމެން ފިތްކަނޑައިގެންދޭ،" ޝާހިދު ވިދާޅުވިއެވެ. ސަރުކާރުގެ އެއް ވިސްނުމަކީ ލާމަރުކަޒީ ނިޒާމު ކޮށައި، މަށައި ކަތީބު ސިސްޓަމަކަށް ދިއުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަކީ ބާރުތައް އެއްކޮށްލުމުގެ ވިސްނުން ގެންގުޅޭ ސަރުކާރެއް ކަމަށެވެ. މަޖިލީހުގެ މުޅި ނިޒާމު ވެސް ތަގައްޔަރުވެފައިވާ ކަމަށް  ޝާހިދު ވިދާޅުވިއެވެ. ވެރިކަމާއި މަޖިލިހުގެ ދައުރު އިތުރުކުރަން މުއިއްޒު ސަރުކާރުން މަސައްކަތް ކުރާކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އަނެއްކޮޅުން މިނިވަން މުއައްސަސާތަކުގެ ބާރު ހަނިކޮށް، ގިނަ މުއައްސަސާތަކެއް އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.