މަޖިލީހުގެ މެންބަރުންނަކީ ރޯނު އެދުރުން: މެންބަރ އަފީފް
ކޮމެޓީތަކުގެ މުގައްރިރު ކަމުގައި އެމްޑީޕީ މެންބަރުން ނޫނީ ތިބޭކަށް ކުރިން ކަމަކުނުދޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރޯނު އެދުރުން ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ. ހަސަން އަފީފަށް މިއަދު މެންބަރުން ރޯނު އެދުރުންނަށްވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްގެ ދާއިމީ ކޮމެޓީތަކުގައި އޮންނަން ވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެން ދަވާތީއެވެ.
ހަސަން އަފީފިމެން އެމްޑީޕީގައި ތިބިއިރު މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ކޮމެޓީތަކުގެ މެޖޯރިޓީއާއި ކޮމެޓީތަކުގެ މުގައްރިރުކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން އެގޮތަށް އައީ އަމަލު ކުރަމުންނެވެ. ހަސަން އަފީފަކީ ވެސް ކޮމެޓީއެއްގެ މުގައްރިރެކެވެ. އޭރު ހަސަން އަފީފްމެން ގަބޫލު ކުރެއްވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި ތިއްބަވަން ޖެހެނީ އެމްޑީޕީ މެންބަރުންނެވެ. ކޮމެޓީ ތަކުގެ މުގައްރިރުންނަށް ތިއްބަވަން ޖެހެނީ އެމްޑީޕީ މެންބަރުންނެވެ. ހުރިހާ ކޮމެޓީއެއްގެ މެޖޯރިޓީ އޮންނަން ޖެހެނީ ވެސް އެމްޑީޕީއަށެވެ.
ހަސަން އަފީފްމެން އެމްޑީޕީގައި ތިއްބަވައިގެން ހިނގަމުންދާ ފަސް އަހަރުގެ ދައުރަށް މަޖިލީހަށް މެންބަރުން އިންތިހާބު ވެގެން އެކުލަވާލި ދާއިމީ ކޮމެޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށެވެ. ހާއްސަކޮށް މާލިއްޔަތު ކޮމެޓީއާއި ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީގެ މެޖޯރިޓީއާއި މުގައްރިރުކަން ވެސް އޮތީ އެމްޑީޕީއަށެވެ. ޖުޑިޝަރީ ކޮމެޓީ އާއި މިނިވަން މުއައްސަސާ ތަކާއި ބެހޭ ކޮމެމިޓީގެ މުގައްރިރުކަން ވެސް އޮންނަން ޖެހުނީ އެމްޑީޕީއަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީއާއި 241 ކޮމެޓީގެ މެޖޯރިޓީއާއި މުގައްރިރުކަން ވެސް އޮންނަން ޖެހުނީ އެމްޑީޕީއަށެވެ.
ހުރިހާ ކޮމެޓީގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ ހުރިހާ ކޮމެޓީގެ މުގައްރިރު ކަމުގައި އެމްޑީޕީ މެންބަރަކު ނޫނީ ތިއްބަވާވާކަށް އަފީފްމެނަށް އޭރަކު ކަމަކު ނުދިޔައެވެ. ބަލަގަ އޭރުވެސް އޮތީ އެމްޑީޕީ އިސްވެ އޮތް ކޯލިޝަން މި ސަރުކާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައި އޮތީ އެމްޑީޕީއަށެވެ. މިއަދު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީން އަމަލު ކުރަނީ ރައްޔިތުންގެ މެޖޯރިޓީ އެދޭ ގޮތަށެވެ. ކުރިއްސުރެ ވެސް ކަންކުރަމުން އައިގޮތަކީ މެޖޯރިޓީ ޕާޓީގެ ކޮންޓްރޯލު މަޖިލީހުގެ ކޮންމެ ކަމެއްގައި އޮތުމެވެ.
ކުއްލިޔަކަށް އެމްޑީޕީން ވައިވެގެން އެމްޑީޕީ ދޫކުރައްވާ ނިކުމެ ވަޑައިގެން މެންބަރުން އެމްޑީޕީގައި ނެތް ހިސާބުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އުފަންވެ އިންޓަރޕާލަމެންޓްރީ ޔުނިއަންގެ ރެކަމަންޑޭޝަން އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުންނަށް ފެނިއްޖެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީއާއި މާލިއްޔަތު ކޮމެޓީގެ މެޖޯރިޓީއާއި ދެ ކޮމެޓީގެ މުގައްރިރުކަން އިދިކޮޅަށް ދޭން ޖެހޭ ކަމަށް ވެއްޖެއެވެ.
241 ކޮމެޓީއާއި މާލިއްޔަތު ކޮމެޓީއާއި ސަރުކާރު ޖަވާބުދާރީ ކުރާ ކޮމެޓީގެ މެޖޯރިޓީ އިދިކޮޅަށް ދީގެން އެ ކޮމެޓީތަކުގެ މުގައްރިރުކަން އިދިކޮޅު ޕާޓީތަކަށް ދީގެން ސަރުކާރަށް ދަތިކޮށް ސަރުކާރު ހިންގުން ހުއްޓުވަން ކުރެވެން އޮތްހާ ކަމެއް އިދިކޮޅުން ކުރާނެއެވެ. މެޖޯރިޓީ އޮވެ އެމްޑީޕީން ވާދަވެރިންނަށް އެ ފުރުސަތު ދިނުމެކޭ އަމިއްލަ ބޮލަށް ބަޑިޖެހުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ.
އެމްޑީޕީއަށް ނިސްބަތްވި މެންބަރުން ތަކެއް އެމްޑީޕީން ވަކިވިޔަސް އަދިވެސް މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. މަޖިލީހަކީ މައިނޯރިޓީގެ އަޑުއަހަމުން ކަންކަން ނިމޭނީ މެޖޯރިޓީއަށެވެ. މެޖޯރިޓީގައި ތިބެފައި މައިނޯރިޓީއަށް އަމިއްލައަށް ބަދަލުވެ ތިބެގެން މެޖޯރިޓީގެ ނިންމުމާ އެއްގޮތަށް ކަންކަން ވިޔަނުދޭން މިހާރު އަފީފްމެން ކިތަންމެ ވާހަކަ އެއް ދެއްކިޔަސް ކަންކަން ނިމޭނީ މެޖޯރިޓީއާއި އެއްގޮތަށެވެ.
ފުމެފުމެ މޭބިސް ކަދުރު ކޯންޏަށް ހިޔަޅުގެ އަނގަ ނުފޯރީމާ ހިޔަޅަށް މެބީސްކަދުރު ހުތްވުމެކޭ ޑިމޮކްރެޓުންނަށް މަޖިލިސްގެ ކޮމެޓީ ތަކުގެ މެޖޯރިޓީ ގެއްލުމެކޭ ތަފާތެއް ނެތެވެ.