އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ އަންނިއަށް ވެރިކަން ހޯދުން
ބަނދަރު ހެދުމަކީ އިގްތިސާދަށް މަންފާއެއް ވާނެ ކަމެއް ނޫން: އީވާ
ގަލޮޅު މީހާއަށް އެމްޑީޕީ މިހިރަ ސިފަވާ ގޮތެކެވެ. އެކެއްގެ ވަށައިގެން މީހުން އެނބުރެން އަންނި ނޫން މީހަކު ކަމަކު ނުދެއެވެ. ތާއަބަދު ވެރިކަމުގައި ހުންނަން ޖެހޭނީ އަންނިއެވެ. ވެރިކަން އޮންނަން ޖެހެނީ ކެނެރީގޭގައެވެ. އެމްޑީޕީގެ ރައީސްކަމުގައި އަންނި ނޫން މީހަކު ހުރެގެން ނުވާނެއެވެ. ޕާޓީގެ އިސް ހުރިހާ މަގާމެއްގައި ތިބެން ޖެހެނީ އަންނިގެ ގޮނޑި ކޮއްކޮއިންނެވެ. ޑިމޮކްރަސީއަކީ އަންނިއެވެ. އެމްޑީޕީގެ ފިކުރަކީ އަންނި ގެ ފިކުރެވެ. އެމްޑީޕީ އަކީ އަންނިއަށް ވެރިކަން ހޯދަދީ އަންނިގެ ވެރިކަން ދެމެހެއްޓުމުގެ މާނަވީ ނަމެވެ. އެމްޑީޕީ އެސިފަތައް ދޫކޮށް އެހެން ގޮތަކަށް މިސްރާބު ހިފީމާ ގަލޮޅު މީހާގެ ރުޅި މަޑެވެ.
އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދަކީ ވެރިކަމުގެ ހުރިހާ ބާރެއް ނަޝީދަށް ހޯދުމެވެ. ރައީސްކަން ދެންޏާ ބަރުލަމާނީއެއް ބޮޑު ވަޒީރު ކަމެއް މުހިންމެއް ނޫނެވެ. ވޯޓަކުން ރައީސްކަން ލިބެން ނެތަތީ ބަރުލަމަނީ ގެނެސް ބޮޑުވަޒީރުކަން ނަޝީދަށް ނުލިބޭ ގޮތަކަށް ކުރެވޭ އެއްވެސް ކަމަކީ އެމްޑީޕީ ސިފައިގެ ވައުދެއް ނޫނެވެ. ގަލޮޅު މީހާ ބުނާ އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ މީހުންގެ ކަންބޮޑުވުމާ ގުޅިފައި ހުރި ކޮޅެއް މެދެއް ނެތް ނަތީޖާ ނުނެރޭވޭ ކަންކަމުގެ ވާހަކަ ދައްކާ ރައްޔިތުން ޅޮސް އުދޯއްޔަށް ލުމެވެ.
ގަލޮޅު މީހާ ބުނާ ގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށުގައި ބަނދަރު ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫނެވެ. ރަށްރަށުގައި ފެނާ ނަރުދަމާ އެޅުމަކީ އިގްތިސާދަށް އޭގެ އެއްވެސް ފައިދާއެއް ވާނެކަންކަން ކަމަކަށް ނުވެއެވެ. ރަށްރަށުގެ ކަރަންޓް ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންވާ ކަރަންޓް ހަމައަށް ލިބޭނެ ގޮތް ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ކުރަނެ ކަމަކަށް ނުވެއެވެ. ދޮޅު ރޯނާ ވިޔަސް މިދެން ފުކެއް ބޮޑުވަރެވެ.
ރަށްރަށުގެ ބަނދަރު ހެދުމުން އެއްރަށުން އަނެއް ރަށަށް މީހުން އައިސްގޮސްވެ އުޅުމު އިގްތިސާދީ އިންޖީނު ހަލުވިވެ ހިނގުން ބާރުވާނެ ކަމެއް ގަލޮޅު މީހައަކަށް ނޭނގެއެވެ. އެއްރަށުން އަނެއްރަށަށް މުދާބަދަލުކޮށް އެއްރަށުގައި އުފައްދާ ތަކެތި އަނެއް ރަށަށް ގެންގޮސް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމުގެ ވަސީލަތަކަށް ބަނދަރުގެ ފަސޭހަވުމުން ވިޔަފާރިތައް ހިގައިގަނެ ކިއްލި ހަދާ މީހާގެ ކިއްލި ރަށުތޮށިން ބޭރުވެ ވިޔަފާރި ފުޅާވާނެ ކަމެއް ގަލޮޅުމީހާ އަކަށް ނޭނގެއެވެ.
ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުމީހާ މީރު ފެނުން ފެންވަރައި ނަރުދަމާ ނިޒާމުގެ ފަސޭހަކަން އިހުސާސް ކުރެވުމުން އަންނަ ގެސްޓުން އިތުރުވެ ރައްޔިތު މީހާގެ ޖީބަށް ބޯކޮށް ޑޮލަރު ވަންނާނެ ކަމަށް ގަލޮޅު މީހާ ނުދެކެއެވެ. ގެސްޓް ހައުސްތަކާއި އާއްމު ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ބޭނުން ވަރަކަށް ކަރަންޓް ލިބެން ހުރުމުން މަސައްކަތްތައް ހަލުވިވެ އިލެކްޓްރިކް އާލާތްތައް ހަލާކުވާ ނިސްބަތް ކުޑަވެ އާމްދަނީ ހޯދުމަށް އިތުރު ދޮރުތައް ހުޅުވި ލިބޭ އާމްދަނީން އިލެކްޓްރިކް އާލާތް ހޯދުމަށާއި މަރާމާތު ކުރުމަށް ހޭދަކުރާ ކުރުމުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމެއް ގަލޮޅުމީހާއަކަށް ނޭގެއެވެ.
ގަލޮޅު މީހާއަށް އެނގޭހާ ވެސް އެއްޗަކީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ވަމުން އައި އައިހެން ރައީސް ސާލިހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ އަންނިއަށް އޮތް ތާއިދު ބޮޑުތަނުން ގެއްލެމުން ދާކަމެވެ. ވެރިކަމުގެ އާރާބާރު ލޮދި ހިކައެއްހެން އަންނިގެ އަތުތެރޭން ދެމިގެންފިކަމެވެ. އަންނިގެ އަސްލު ސިފަ އެމްޑީޕީން މިހާރު ބަލައި ނުގަންނަކަމެވެ.