ނުވަދުވަހަށް ފަހު އިންސްޓަގްރާމް އަންބްލޮކް ކޮއްފި

އަންބްލޮކް ކުރަން ފެށީ ތުރުކީގެ ޑިމާންޑްތަކަށް އެއްބަސްވުމުން

ނުވަދުވަހަށް ފަހު އިންސްޓަގްރާމް އަންބްލޮކް ކޮއްފި

އިންސްޓަގްރާމް ބްލޮކް ކުރިތާ ނުވަ ދުވަސް ފަހުން ތުރުކީން އިންސްޓަގްރާމް އަންބްލޮކް ކޮއްފިއެވެ. އިންސްޓަގްރާމް އަންބްލޮކް ކުރީ އިންސްޓަގްރާމްގެ މަންދޫބުންނާއި އެކު ކުރި މަޝްވަރާތަކަށް ފަހުގައެވެ.

އާދީއްތަ ވިލެރެއިން ފެށިގެން އެކްސެސް އަންބްލޮކް ކުރަން ފެށީ އިންސްޓަގްރާމްގެ މީހުން ތުރުކީގެ ޑިމާންޑްތަކަށް ޖަވާބުދާރީވުމަށް އެއްބަސްވުމުން ކަމަށް އެ ތާންގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އެކްސްގައި ވިދާޅުވެފައިވެއެވެ.

އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އެ ޕްލެޓްފޯމް ބްލޮކްކޮށްފައިވާ އަސްލު ސަބަބު އެގައުމުން ފުރިހަމަޔަށް ބަޔާން ކޮއްފައި ނުވެއެވެ.

އެހެން ނަމަވެސް ގަވާއިދާ ހިލާފު ކޮންޓެންޓާއި، މަސްތުވާތަކެއްޗާއި، ކުޑަކުދިންނަށް އަނިޔާކުރުން ހިމެނޭ އެތައް ހާސް ޕޯސްޓްތަކެއް ޑިލީޓް ކުރަން އިންސްޓަގްރާމް އިން ދެކޮޅު ހަދާފައިވާތީ އިންސްޓަގްރާމް ބްލޮކްކުރަން ޖެހުނީކަމަށް ހޮނިހިރު ދުވަހުގެ ހަވީރު މިނިސްޓަރު ވިދާޅުވިއެވެ.

ތުރުކީގެ 85 މިލިއަން މީހުންގެ ތެރެއިން 60 އާއި 70 ޕަސެންޓާ ދެމެދުގެ މީހުންގެ އިންސްޓަގްރާމް އެކައުންޓެއް އޮންނަކަމަށްވެއެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 57 މިލިއަން ޑޮލަރުގެ ވިޔަފާރި އެ ސައިޓުގައި ކުރިއަށް ގެންދާ ކަމަށް އީ-ކޮމާސް އެސޯސިއޭޝަނެއްގެ ނައިބުރައީސް ވިދާޅުވެފައިވެއެވެ.