ދައުލަތް ލޫޓުވުމުގެ އަނެއް ނަން | ބިން ހިއްކުން
ބިންހިއްކުމަކީ ދައުލަތް ލޫޓުވުމުގެ އުކުޅެއް
ހައުސިން މިނިސްޓްރީގެ ޑާޓާތަކާއި ހަވާލާ ދެއްވާ ސަރުކާރުން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހިއްކާފައިވާ ބިންތަކުގެ ވާހަކަ އޮޑީޓަރ ޖެނެރަލް މަޖިލީހުގައި ދައްކަވައިފިއެވެ. އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވަނީ މިދިޔަ 30 އަހަރު ތެރޭ 70 ބިމެއް ސަރުކާރުން ހިއްކާފައި ވާކަމަށެވެ.
30 އަހަރު ތެރޭގައި ހިއްކާފައިވާ ބިންތަކުގެ ޖުމްލަ ބޮޑުމިން 2500 ހެކްޓަރަށްވުރެ ބޮޑު ކަމަށާ އޮޑިޓަރ ޖެނެރަލް ވިދާޅުވެއެވެ. ނިޔާޒީ ވިދާޅުވާ ގޮތުގައި ބިން ހިއްކަން ކުރި ހަރަދު 19 ބިލިއަން ރުފިޔާ އަށް އަރައެވެ.
ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ތިރީސް އަހަރުތެރޭޣައި ހިންގާފައި އޮތަސް ހިއްކި ބިންތަކުގެ ބޮޑުބައެއް އަދިވެސް އޮޓީ އެއްވެސް ބޭނުމެއް ނުކުރެވިއެވެ. ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމު ނުކުރެވި އޮތުމުން މީހުން ދިރިއުޅެންވެސް އަދި އިންޑަސްތްރިއަލް މަސައްކަތެއް ކުރަންވެސް ގިނަ ބިންތަން އޮތީ ބޭނުން ނުކުރެވިއެވެ.
ނިޔާޒީ ވިދާޅުވާހެން ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކާފައިވާ ބިންތަކުގެ ބޭނުން ހިފެންޖެހެއެވެ. އެހެން ނޫނީ ބިމެއް އޮތަކަސް އޭގެ ފައިދާއެއް ރައްޔިތުންނަކަށް ނުކުރާނެއެވެ. ނިޔާޒީ ވިދާޅުވާހެން ބޭނުމެއް ނުހިފާ އޮންނަ ބިމެކޭ ރަންގަޑެކޭ ހިލަ ގަނޑެކޭ ތަފާތެއް ނުއޮންނާނެއެވެ.
ސުވާލަކީ ބޮޑެތި މަޝްރޫއު ރާވައިގެން ސަރުކާރުން ހަރަދުކޮށްގެން ބިންތައް ހިއްކަނީ ކީއްކުރަން ހެއްޔެވެ. ހިޔާވަހި ކަމަށް ވިޔަސް އިންޑަސްޓްރިއަލް ބޭނުމަށް ވިޔަސް ހިއްކާ ބިމުގައި ބޭނުމެއް ނުހިފާ އެތައް އަހަރެއްވަނީ ކީއްވެގެން ހެއްޔެވެ، ޕްލޭނެއް އޮވެ އަމާޒެއް ހިފައިގެން ބިން ހިއްކާނަމަ ނަތީޖާ ހާސިލްނުވާ ސަބަބެއް އޮންނާނެއެވެ.
ކޮންމެހެން ނުހިއްކާ ނުވެގެން ހިއްކާ ބިމެއް ނަމަ އެބިމުގައި ބޭނުމެެއްް ހިފާނެއެވެ. ބައިއަޅައިގެން ދައުލަތް ދަވާލަން ކުރާ ކަމަކަށް ބިންހިއްކުން ވާނަމަ އެ ބިންތަކުގައި ކުރާނެ ބޭނުމެއް ނުއޮންނާނެއެވެ، ވެރިކަމުގައި ދެމި ތިބުމަށް ރައްޔިތުން ރުއްސަން ސަރުކާރުގައި ތިބޭ ބަޔަކު ކުރާ ކަމަކަށް ބިން ހިއްކުން ވެއްޖެނަމަ އެބަޔަކު ސަރުކާރު ހިންގަންނެތި އެހެން ބަޔަކަށް ސަރުކާރު ހިންގަން ލިބުމަކީ ވެސް ހިއްކި ބިމަށް އަދަބު ލިބޭ ކަމަކަށް ވަނީތާއެވެ.
ޔަގީނުންވެސް އެނގޭކަމަކީ ބިން ނުހިއްކާ ފަރުޖެއްސެން އޮވެމެ އެތައް ހެކްޓަރެއްގެ ބިން ސަރުކާރުތަކުން ހިއްކާފައިވާކަމެވެ. ބިން ދަތި ރަށްރަށުގައި ގޯތިގެދޮރު ނުލިބިފައި އެތައް ސަތޭކަ ބަޔަކު ތިބިއިރު ބިއުރޮކްރަސީ ބޮޑުކޮށް ބަޔަކަށް ނުދީ އެތައް ހެކްޓަރެއްގެ ބިން ހުހައް ކަމެއް ނުކޮށް އޮތްކަމީވެސް ފެންނަން އޮތް ހަގީގަތެކެވެ.




