ރައީސް ސޯލިހުގެ އެތެރެއާ ބޭރު އެއްގޮތްވާނެ: އަލީ ޒާހިރު

ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ރައީސް ސޯލިހު ކުލަ ނުޖައްސަވާނެ

ރައީސް ސޯލިހުގެ އެތެރެއާ ބޭރު އެއްގޮތްވާނެ: އަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެތެރެއާއި ބޭރު އެއްގޮތް ވާނެކަމަށާއި ދުވާލަކު ގޮތަކަށް ވާހަކަފުޅު ނުދައްކަވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ހަލުވި މަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ނޫޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރު މިމޭރުމުން ވަހަކަފުޅު ދެއްކެވީ ރޭ ހައުސް އޮފް ޑީމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ރައީސް ސޯލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. 

ރައީސް ސޯލިހަކީ ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ ބޭފުޅެއް ކަމަށާއި ކަންކަމުގައި ކެތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ ވައުދެއް ވުމަށްފަހު އެވައުދުން ރެކެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް އަލީ ވިދާޅުވެއެވެ. ފުޓްސަލް ދަނޑާއި، ކުޅިވަރު ވަސީލަތްތަކާއި، ސްކޫލު އިމާރާތްކާއި، މަގު ހެދުމާއި، ބަނދަރާއި ފެނާއި ނަރުދަމާގެ ކަންކަމަކީ އެހެން ބޭފުޅަކު ދެން ކޮށްދޭންޖެހޭނެ ކަމެއް ނޫންކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ފެއިލް ވެފއަިވާ ބައެއް ސިޔާސީ ބޭފުޅުން ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލާއި ފްލެޓް އަޅައިދޭނެ ވާހަކަ ރައްރަށުގައި ދެއްކެވިހެން ނުކުރެވޭނެ ކަންކަމުގެ ވާހަކަ ރައީސް ސޯލިހު ނުދައްކަވާނެކަމަށް އަލީ ވިދާޅުވިއެވެ. ފުޓްސަލް ދަނޑާ މަލްޓިޕާޕޯސް ހޯލު ހުންނާނީ އަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ރައީސް ސޯލިހަކީ މިހާރު ވެރިކަން ކުރެއްވުމަށް މާ މުސްކުޅިވެސް ބޭފުޅެއް ކަމަށެވެ. ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބަލި ބޭފުޅެއް ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ރޭގައި ވިދާޅުވިއެވެ. 

ކުރީގެ ރައީސް ނަޝީދުގެ އެވާހަކަ ފުޅަށް ރައްދު ދެއްވާ އަދާލަތު ޕާޓީގެ ނައިބު ރައީސް ވިދާޅުވީ ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ރައީސް ސޯލިހު ކުލަ ނުޖައްސަވާނެ ކަމަށާއި އެތެރެއާ ބޭރު އެއްގޮތްވާނެ ކަމަށެވެ.