ޑޮލަރުގެ އަގު އުފުލެމުން ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން: ފައްޔާޒު
ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން
ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުންކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން ދާދިއުމާ ގުޅޭގޮތުން ފައްޔާޒުގެ ފާޑުކިޔުއްވުން ސަރުކާރަށް ރައްދުކުރެއްވީ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ނެރުނު ނޫސްބަޔާން ޓެގްކުރައްވާފައެވެ.
އޮނަރަބަލް ފައްޔާޒު ވިދާޅުވީ މި ވެރިކަން ފެށުނުއިރު 17.50ރ. އަށްހުރި ޑޮލަރު މިއަދު 23ރ. ފަހަނައަޅައި މިދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެންނެއް ނޫން ކަމަށެވެ. "މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓު ފީތައް ބޮޑުކޮށްފި. ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފި. އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ދަނީ ނަގަމުން. ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ދަނީ ލިބެމުން. މި ފިޔަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަން ޖެހޭ ފިޔަވަޅުތަކެއް" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ވައްޓާލާފައި ކަމަށާއި ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުނާއި ހަރަދު ކުޑަނުކުރާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވަމުންދަނީ ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.
"މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު. ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް، މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެންމެފަހުން ގޮސް ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދަށް ވެއްދީ މިދިޔަ މަހު ކަމަށާއި މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވާ ގޮތުގައި އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރާށެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރުފައިސާގެ މިންވަރަށް ބެލުމެއްނެތި އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފު ތަކަށް ހަރަދު ކުރުމަށް މާރުކުރަން މަޖުބޫރު ކުރުމަކީ އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ފަދަ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. " ދިވެހި އިގުތިސޯދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން. ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން" ކަމަށް ވެސް ކުރީގެ އިގްތިސޯދީ ވަޒީރު ވިދާޅުވިއެވެ.


