ضحى ނަމާދު ކުރުމަކީ އުދަނގޫ ކަމެއްނޫން!

ضحى ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. މުހައްމަދު ނަބިއްޔާ އެނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަސްހާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުއަތެވެ. ضحى ވަގުތުގައި އެނަމާދު ކުރުމަށް ނިޔަތް ގަނެގެން ދެ ރަކުއަތް ނަމާދެއް ކުރުމުން އެނަމާދު އަދާކުރެވުނީއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުއަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ.
ضحى ނަމާދަށް ގިނަވެގެން ވަކި އަދަދަކަށް ރަކުއަތްކުރުމަށް ހައްދެއް ކަނޑައެޅިފައެއް ނުވެއެވެ. މަދު މިނަކީ ދެ ރަކުއަތެވެ. ضحى ނަމާދު ކުރުމުގައިވެސް ދެ ރަކުއަތަށް ވުރެއިތުރަށް ކުރާނަމަ ސުންނަތް ގޮތަކީ ކޮންމެ ދެރަކުއަތަކުން ސަލާމްދެމުން ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދުކުރުމެވެ. ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ.
ރަސޫލާ ހަދީސްކުރެއްވިކަމަށް ރިވާކުރެއްވިގެންވެއެވެ. " ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ضحىނަމާދުގެ ދެ ރަކުއަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށް ތިމަންކަލޭގެފާނުގެ ހަލީލު ތިމަންކަލޭގެފާނަށް ވަސިއްޔަތް ކުރެއްވިއެވެ". ރަސޫލާ އިރުޝާދު ދެއްވާފައިވަނީ " ރެއާއި ދުވާލު ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދު ކުރާށެވެ".
ضحى ނަމާދުގެ ވަގުތަކީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަގުތު ضحى ނަމާދު ކުރުމެވެ. ކީރިތި ރަސޫލާ ضحى ނަމާދާ ބެހޭގޮތުން ހަދީސް ކުރައްވާފައިވާ ކަމަށް ރިވާވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ކިޔަމަންތެރިންގެ ނަމާދުވަނީ ( އެބަހީ: ضحى ނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަގުތެވެ".
ضحى ނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. " ހަމަކަށަވަރުން ﷲ އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ (ހެޔޮ) ކަންކަމެވެ". އެންމެ ހެޔޮވެގެން ވަނީ ދާއިމީ ގޮތެއްގައި ކުރުމެވެ. ދާއިމީގޮތެއްގައި ضحى ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެ ނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް (ކުށެއް، ފާފައެއް) ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.
ضحى ނަމާދުގައި ސުންނަތްވެގެން ވަނީ ފާތިޙާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ. ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ވަކި އަދަދަކަށް އާޔަތްތަކެއް، ވަކި ސޫރަތްތަކެއް ނުވަތަ ފާތިހާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެ ހުރިހާ ގޮތެއްވެސް ރަނގަޅެވެ.