ސަލަފުގެ ޅިޔަންސަރުކާރު އޮތީމާ ކުލަޖެހުން ހިންދޫން އަޅުކަމަކަށްނުވި
އީދު ހުޅުޖެހުމަކީ ސަގާފީ ކަމެއްނޫން
ޒަމާނުއްސުރެ ދިވެހިންގެ އީދު ފާހަގަކުރުމުގައި ފެން ޖެހުމަކީ އޮންނަކަމެކެވެ. ފެންކުޅީގެތެރެއިން ކުލަޖެހުމުގެ މަޖާގަމޑެއް މީގެ ދެތިން އަހަރު ކުރިން އައި ބޮޑު އީދެއްގައި ކުދިބޮޑު އެންމެން ނުކުމެފެށިއެވެ. އީދު ކުޅިވަރެއްގެ ގޮތުގައި ކުލަ ޖަހަން ފެށިއެވެ. ޒަމާނުއްސުރެ ދިވެހިންގެ އީދުގައި އޮންނަ "ފެން ޖެހުން" ކުލަކޮށްލިއެވެ.
ފެން ބަޑި އާއި އެނޫންވެސް އެއްޗެހިގައި ކުލަ އަޅައިގެން ފެން ޖެހުން ވެގެން ދިޔައީ ނިކަން ފޯރިގަދަ ކަމަކަށެވެ. ފެން ކުލައިގެ ފޮޓޯ ތަކުން ސޯޝަލް މީޑިއާ ފުރާލިއެވެ. އީދުފޯރި ކުލަމަޖާވެގެން ދިޔުމާއެކު ކުލަ ޖެހުމަކީ އިސްލާމީ އީދު ތަކުގައި އޮންނަ ކަމެއް ނޫން ކަމަށް ޝޭހުން ފަތުވާ ނެރެންފެށިއެވެ. ކުލަޖެހުމަކީ ހިންދޫންގެ އަޅުކަމެއް ކަމަށް ބައެއް ދަންނަ ބޭކަލުން ބުނަންފެށިއެވެ. ހިންދޫންގެ އަޅުކަމެއްގައި އޮންނަ ބައެއް އިސްލާމީ އީދުގައި ގެނައުމަކީ ހަރާމް ކަމެއް ކަމަށް ސިފަކޮށް އަޑުއުފުލިއެވެ.
އީދުގައި ކުލަޖެހުމަކީ ވެސް އެމްޑީޕީގެ ލާދީނީ ކަމުން ތައާރަފް ކުރިކަމަށް ބުނެ ހަގީގަތެއްނެތް ތުހުމަތު އެމްޑީޕީ ސަރުކާރުގައި ބައެއް މީހުން އެޅުވިއެވެ. އެގޮތަށް އަޑުފެތުރުމުގައި އިސްކޮށް އުޅުނީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރަކާތްތެރިވާ ސަލަފް ޖަމްއިއްޔާ ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ.
ދަންނަ ބޭކަލުންގެ ކަންބޮޑުވުމަށް އިހުތިރާމްކޮށް އީދު ފާހަގަކުރަން ކުލަޖެހުމާ ގިނަ ބަޔަކު ދުރަށް ދިޔައެވެ. އީދު ފާހަގަ ކުރުމުގައި ކުލަޖެހުން ބައެއް ރަށްރަށުގެ ކައުންސިލުން މުޅިން މަނާ ވެސް ކުރިއެވެ. އެހެންކަމުން އީދު ތަކުގައި ކުލަ ޖެހުން މުޅިން ކަހަލަ ގޮތަކަށް ރާއްޖޭގައި ހުއްޓުމަކަށް އައެވެ.
އެހެން ނަމަވެސް ކަމަކު ދާކަށްނެތެވެ. ސަލަފުގެ މަސްލަހަތު އޮތް ދީނީ ސަރުކާރުގެ ވެރިކަމުގައި މި ހިނގާ ބޮޑު އީދުގައި ވަރަށް ގިނަ ރަށްރަށުގައި ކުލަ ޖެހުން އެބަ ކުރިއަށްދެއެވެ. ފެން ކުލައިގެ އީދަކަށް މިފަހަރު އީދު ބަދަލު ވެއްޖެއެވެ. އީދު ކުލަ ކޮށްލައިފިއެވެ.
ކުލަޔާއެއްގޮތަށް އީދު ހުޅަކީވެސް އެންމެ ބޮޑު އެއް ސަގާފަތަށް ހަދައިފިއެވެ. މިފަހަރު އީދު ހުޅުނުޖަހާ ރަށެއް ނެތިއްޖެއެވެ. ހުޅުޖަހައިގެން އެ އަލިފާންގަނޑު ވަށައިގެން އެއްވެ ތިބެ ލަވަކިޔާ ބެރުޖަހާ ނަށީ މަދު ރަށެއްގައެއް ނޫނެވެ. އަލިފާންގަނޑާއެކު ސެލްފީ ނެގުމަކީ މޮޅުކަމަކަށް ހެދިއެވެ. މިއިން އެއްވެސްކަމަކީ ލާދީނީ ކަމަކަށް ނުވެއެވެ.
އީދު ހުޅުޖެހުމަކީ ވެސް ސަގާފީ ކަމެއްނޫނެވެ. ރާއްޖޭގައި ޖަހާއުޅުނީ ރޯދަހުޅާ އީދުހުޅެވެ. ދިވެހިން ކުރީ ޒަމާނުގައި ޖަހާއުޅުނު ހުޅަކީ މުއާސަލާތުގެ ދަތިކަން އޮތް ޒަމާނުގައި ރޯދަމަހަށާއި އީދަށް ހަނދުފެނިއްޖެކަން ކައިރީގާ އޮތް ރަށަށް އެންގުމަށް ޖަހާއުޅުނު އެއްޗެކެވެ. އެއްވެސް އިރަކު ބޮޑު އީދަކަށް ހުޅެއްނުޖަހައެވެ. ހުޅުޖެހުމަކީ ކުޅިވަރެއް ނޫނެވެ. މުނާސަބާތެއް ފާހަގަކުރަން ކޮށްއުޅުނު ކަމެއްވެސް ނޫނެވެ.
ސަލަފުގެ ޅިޔަން ސަރުކާރެއް ވީމާ ކުލަޖެހުމަކީ މިފަހަރު ހިންދޫންގެ އަޅުކަމެއް ކަމަކަށް ނުވެއެވެ. ހޯހޯއޭ ތިޔަކަން ނުކުރާށޭ ބުނާނެ ދަންނަ ބޭކަލަކު ނެތެވެ. ކުލަޖަހަމުން އަލިފާން ކުޅިކުޅެމުން އީދު މަޖާ ނެގުމަކީ ހުއްދަ ހަލާލު ލާދީނިއްޔަތުގެ ކަންފުޅެއްވެސް ނެތްކަމަކަށް ވެއްޖެއެވެ.