ޗާގޯސް ހޯދެންއޮތް އެންމެފަހު ފުރުސަތު ގެއްލުވާލީ ޔާމީން!

ލެކެޑިވްސް ރިޖުގައި ލެކެޑިވްސްއާއި ރާއްޖެއާއި ޗާގޯސް އޮތުމަކީ ރާއްޖޭގެ ބަޔަކަށް ޗާގޯސްވުމުގެ ހުއްޖަތެއްނޫނެވެ. ތޮބައީ ގޮތުން ރާއްޖޭގެ އަތޮޅަކާއި އެއްގޮތްވިޔަސް ޗާގޯހަކީ ރާއްޖޭގެ ބައެއްކަން އެނގޭ އިތުބާރުހުރި އެއްވެސް ހެއްކެއްނެތެވެ. ނުވަވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅެއްކަމުގައި ބުނެވޭ ލިޔުމެއްގައި އޮތް އިބާރާތެއް ފިޔަވާ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ބާރުދޭ ތާރީހީ ހެއްކެއްނެތެވެ.
ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ވެސް ރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމަށް ބަލައިގެންފައިވަނީ އިހަވަން ދިއްޕޮޅުން ފެށިގެން އައްޑޫގެ ނިޔަލަށެވެ. ޖޯގްރަފީ ގޮތުން ރާއްޖޭގެ ޗާޓްގައި ހިމެނޭ ސަރަހައްދަކީވެސް އިހަވަންދިއްޕޮޅުން ފެށިގެން އައްޑޫގެ ނިޔަލަށެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުން ވެސް މިހާތަނަށް ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައި އޮތްއިރު ޗާގޯސްގެ ރަށްތަކެއް ރާއްޖޭގެ ބައުންޑަރީގައި ހިމަނާފައެއް ނުވެއެވެ.
އަނެއްކޮޅުން ބައިނަލް އަގުވާމީ އެއްވެސް މަހައްލެއްގައި ޗާގޯސްގެ މިލްކުވެރިކަމަށް ރާއްޖޭން އަޑުއުފުލާފައެއް ނުވެއެވެ. މޮރިޝަސް ހުއްޓާނުލާ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލް އަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސަރުކާރަކުން ޗާގޯސް ހޯދުމަށް އެއްވެސް ކަމެއް ނުކުރެއެވެ. ޝަމްސުއްދީނު އިރުއްސުރެ އަދި އޭގެ ކުރިއާއިއެކު މިވަގުތާ ހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ފަރާތުން ޗާގޯސް އަތޮޅަކީ ރާއްޖޭގެ ބައެއް ކަމަށް ގަބޫލުކޮށް އެއްވެސް މަސައްކަތެއް ކުރިކަމެއް އެނގޭކަށް ނެތެވެ.
ޗާގޯސްގެ ހަގީގީ ރަށްވެހިންގެ ތެރޭގައި މަދުން ނަމަވެސް މުސްލިމުން ނެތުމަކީ ޗާގޯހަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ބައެއް ނޫންކަމަށް ބާރުލިބޭ އެންމެ ބޮޑު ހެއްކެވެ. ޗާގޯސްއިން ފެންނަން ހުރި ބިނާތަކާއި އާސާރުތަކާއި ތާރީހީ ހެކިތަކުން އިސްލާމީ އަސަރު އެއްވެސް ވަރަކަށް ފެންނަން ނެތުމަކީ ރާއްޖެއާއި ޗާގޯސްގެ ގުޅުމެއް ނެތްކަން އެނގޭ ކަމެކެވެ. ޗާގޯސް ރަށްތައް އަޅުވެތިކޮށްގެން އެތާނގެ ވަޒަންވެރި ބޭލުމުން އެއިގެ ތެރެއިން އެންމެ އާއިލާއެއްވެސް ރާއްޖެ ހިޔާރު ނުކުރި ނުކުރަކީވެސް ޗާގޯސްއާއި ރާއްޖެ ތާރީހީ ގުޅުމަކުން ގުޅެފައި ނެތްކަމުގެ ދަލީލެކެވެ. ބެހިގެން ރާއްޖޭގެ އުޅަދު ފަހަރު ފޯޅަވައްސަށް ދިޔުމާއި ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރަން މަދުމަދުން ދިވެހިން ގޮސް ތިބުމަކީ ޗާގޯސް ދިވެހިންގެ މިލްކަށް ވާންޖެހޭ ސަބަބެއް ނޫނެވެ.
މޮރިޝަޝްއަށް ޗާގޯސް ލިބުމުން ފޯޅަވަހީގައި އޮތް މިލިޓަރީ ބޭހުގެ ކުލީގެ ގޮތުގައި މޮރިޝަސްއަށް އެތައް މިލިޔަނެއްގެ ޑޮލަރ ކޮންމެ އަހަރަކު ލިބޭނެއެވެ. ޗާގޯހުގައި ޓޫރިޒަމް ހިންގައިގެން ވެސް ރާއްޖެއާއި ވާދަ ކޮށްފާނެއެވެ. ޗާގޯސް ކަނޑުގައި މަސްވެރިކަން ކޮށްގެން މޮރިޝަސްއިން ނަގާނެ ފައިދާ އެހާމެ ބޮޑުވާނެއެވެ. މޮރިޝަސް ޗާގޯސް ބޭނުންކޮށްގެން ހޯދާނެ ފައިދާ ރާއްޖެއަށް އެގެންވީ މިއަދަކު ނޫނެވެ.
ކުރިން ދުރާލާ ނުވިސްނާ ތިބެ ޗާގޯސް ހޯދަން ލިބުނު އެންމެ ފަހު ފުރުސަތު ވެސް 2017 ގައި ގެއްލުވާލެއްވީ ރައީސް ޔާމީނެވެ. 2019 ގައި މޮރިޝަސްއާއި އެއްކޮޅަށް އދ މަޖިލީހުގައި ވޯޓު ނުދީގެން އެކަން ކުށްވެރިކޮށް ބަޔާންނެރެ މުޒާހަރާ ކުރުވީވެސް ރައީސް ޔާމީނެވެ. މިހާރު ދެން ރައީސް ޔާމީނު އެ ދައްކަވަނީ ކޮން ޗާގޯހެއްގެ ވާހަކައެއް ހެއްޔެވެ.