މަތީ ތައުލީމްގެ ފުރުސަތުނެތް ދިވެއްސަކުނެތް: ރައީސް

އަމާޒަކީ ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން

މަތީ ތައުލީމްގެ ފުރުސަތުނެތް ދިވެއްސަކުނެތް: ރައީސް

ތައުލީމާއި ތަމްރީނުގެ ދާއިރާއިން މީގެ ކުރިން ތަނަވަސް ވެފައި ނެތް މިންވަރަށް ދިވެހި ޒުވާނުންނަށްޓަކައި މި ސަރުކާރުން ފުރުސަތު ފަހި ކޮށްދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހޯއްދަވައި ދެއްވާފައެވެ. ވައުދު ފުއްދަވާ ރައްޔިތުންނަށް އިލްމު އުނގެނުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ފަހި ކޮށްދީީފައިވަނީ މިސަރުކާރުންނެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު 4،000 އަށް ވުރެ ގިނަ ދަރިވަރުން މިހާތަނަށް ވަނީ ބޭނުންކޮށްފައެވެ. ރައީސް ސޯލިހު ހޯއްދެވި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަން ރައީސް ވެސް މިއަދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައިސް ވިދާޅުވީ "ހެޔޮ ރަހްމަތްފުޅުން މި ފިޔަވަޅު މަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެ،" ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިތުރަށް އެ މަނިކުފާނު ވިދާޅުވީ ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށެވެ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ފަސްއަހަރު އަމާޒު ހިއްޕެވި ގޮތުގެ މައްޗަށް އަލިއަޅުއްވަ ލައްވަމުން ވިދާޅުވީ "މާތް ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ކަމަށެވެ. އަދޭހެވެ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމެވެ.  

މި ސަރުކާރުން މިއަދު މިވަނީ ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް ގައުމު ބިނާކުރުމުގެ ބިންގާ ފުރިހަމައަށް އަޅާފައެވެ."ދެން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްގީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަގުސަދަކަށް ވާންވީ އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން،" ކަމަށް ރައީސް ވިދާޅުވީ މިނިވަންދުވަހު ބޭއްވި ގައުމީ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.