209 ކިލޯ ހުރި މީހަކު 50 ކިލޯ ލުއިކޮށްލި ބެރިއެޓްރިކް ސާޖަރީ

މާބޮޑަށް ފަލަވުމަކީ ހަމައެކަނި ކެއުން ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައެއް ނޫން

209 ކިލޯ ހުރި މީހަކު 50 ކިލޯ ލުއިކޮށްލި ބެރިއެޓްރިކް ސާޖަރީ

ބަރުދަނުގައި 209 ކިލޯ ހުރުމުން ނޭވާލާން އުނދަގޫވި މީހަކު 50 ކިލޯ ލުއިކޮށްލީ އެއިމްސް ގެ ޑޮކްޓަރުންގެ ޓީމަކުން ބެރިއެޓްރިކް ސާޖަރީ ހަދައިގެންނެވެ. ނޭވާލުމަށް ހުރަސްއެޅޭ "ސްލީޕް އެޕްނިއާ" ބައްޔާއި، ފުއްޕާމޭގެ ނޭވާލުމުގެ ނިޒާމު ފޭލިވުމުގެ އިތުރުން، ބީ.އެމް.އައި 74 ގައި ހުރި އެ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމުގެ ކުރިން، ޑޮކްޓަރުން ވަނީ 32 ދުވަސް ވަންދެން ތަފާތު ދާއިރާތަކުގެ މާހިރުންގެ އެހީގައި އޭނާއަށް ފަރުވާ ދީފައެވެ.

ބޮޑުވަމުން އައިއިރު ހަށިގަނޑު ފަލަވަމުން ދިޔަ ވަރަކަށް އޭނާގެ ދިރިއުޅުން ދިޔައީ ދަތިވަމުންނެވެ. ފަސޭހައިން ހިނގާބިނގާވެ އުޅުމާއި، ގިނައިރު ކޮޅަށް ހުރުމާއި، ނޭވާލުމަކީ އޭނާއަށް ބޮޑު ތަކުލީފަކަށް ވިއެވެ. އޭނާގެ ބަނޑުގެ ވަށައިގެން ގާތްގަނޑަކަށް ދެ މީޓަރު ހުއްޓެވެ. ނިދީގައި ނޭވާ ހުއްޓޭ ބަލި (ސްލީޕް އެޕްނިއާ) ގެ ސަބަބުން ނޭވާލާން އުނދަގޫވެ، ސީ-ޕެޕް އެހީގައި ވެސް ނޭވާލުން ފަސޭހައެއް ނުވިއެވެ. އެންމެ ފަހުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަރުން ލޯވަޅެއް ތޮރުފައި، ނޭވާލާ ހޮޅިއަށް ހޮޅިއެއް ލެއްވުން (ޓްރެކިއޯސްޓޮމީ) މަޖުބޫރުވިއެވެ. 

އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އޮތް ހަމައެކަނި މަގަކީ ބެރިއެޓްރިކް ސާޖަރީ ހެދުމެވެ. ބެރިއެޓްރިކް ސާޖަރީ ހެދުމުން އޭނާގެ ބަރުދަން 209 ކިލޯއިން ގާތްގަނޑަކަށް 160 ކިލޯއަށް ވަނީ ދަށްވެފައެވެ. އޭނާ މިހާރު އަންނަނީ ދިއްލީގެ އެއިމްސްގައި ކުރި ބޮޑު އޮޕަރޭޝަނަކަށް ފަހު ރަނގަޅުވަމުންނެވެ.

އުމުރުން 32 އަހަރުގެ ވިވެކް ސަކްސޭނާ މިހާރު އަންނަނީ އާ އުންމީދުތަކަކާއެކު ދިރިއުޅުމުގެ އުފާ ހޯދަމުންނެވެ. އޭނާ އެންމެ ގަޔާވަނީ 90 ގެ އަހަރުތަކުގެ ލަވަތަކަށެވެ. ކުރިން ހުވަފެނެއް ފަދަ ކަމަކަށް ވެފައި އޮތް ކިޔެވުން ފުރިހަމަކޮށް، ގާނޫނީ ދާއިރާއިން ކުރިއަށް ގޮސް ކޯޕަރޭޓް ލޯޔަރަކަށް ވުމަކީ އޭނާގެ މިހާރުގެ އަމާޒެވެ. ނަމަވެސް، މިވަގުތު އާދައިގެ ކަންކަމުގައި ވެސް އޭނާ ކެތްތެރިވާން ޖެހެއެވެ.

އޮޕަރޭޝަން ކުރުމަކީ ބޮޑު ގޮންޖެހުމެއް

ވިވެކްގެ އުމުރުން ހަ އަހަރުގައި މަންމަ ނިޔާވިއިރު، އޭނާއަކީ ކުޑައިރުއްސުރެ ވެސް ފަލަ ކުއްޖެކެވެ. ކިޔެވުމަށް މޮޅުވި ނަމަވެސް، ކުލާހުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. އުމުރުން 19 އަހަރުގައި، ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދިތާ މާގިނަ ދުވަސްތަކެއް ނުވެ، އޭނާ ޑިޕްރެޝަނަށް މަގުފަހިވިއެވެ. އެކަމަށް ބޭނުންކުރި ބޭސްތަކުގެ ސަބަބުން އޭނާގެ އާދަތަކަށް ބޮޑު ބަދަލެއް އައެވެ. "އަހަންނަށް ވަރަށް ގިނައިން ކެވޭން ފެށި، އަދި ގިނަ ވަގުތު އޮންނަނީ ނިދާފައި،" ވިވެކް ކިޔައިދިނެވެ.

2013 ވަނަ އަހަރު 120 ކިލޯގައި ހުރި އޭނާގެ ބަރުދަން، އޭގެ ފަހުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެކި ކަހަލަ ފަރުވާތަކާއި ޑައިޓްތައް ކޮށްގެން ވެސް ދިޔައީ އިތުރުވަމުންނެވެ. ޖޫން 16 ގައި އޭނާ އެއިމްސްއަށް ދިޔައިރު، ބަރުދަން ހުރީ 209 ކިލޯގައެވެ. އޭނާގެ ކިބައިގައި ލޭމަތިވުމާއި، ހަކުރު ބަލީގެ އަލާމާތްތަކާއި، ކޮލެސްޓްރޯލް މަތިވުމާއި، މޭ އެންދުމުގެ އިތުރުން ކަކުލުގެ ރިހުން ހުއްޓެވެ.

ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޕްރޮފެސަރ ޑރ. މަންޖުނާތު މަރޫތީ ޕޯލް ވިދާޅުވި ގޮތުގައި، އެވަގުތު އޭނާއަކީ އޮޕަރޭޝަން ކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް ނޫނެވެ. ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޕަރޭޝަނުން އޭނާ ސަލާމަތްވާނެ ފަދަ ދަރަޖައަކަށް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކުރެވޭނެ ކަމާމެދު އޮތް ކަންބޮޑުވުމެވެ.

އޮޕަރޭޝަނުގެ ކުރިން ކުރެވުނު ތައްޔާރީތައް

ދެން ފެށުނީ ވަރަށް ބުރަ މަސައްކަތެކެވެ. މިއީ ހަމައެކަނި އޮޕަރޭޝަނެއް ކުރުމެއް ނޫނެވެ. މީގައި ހޭނައްތާ ޑޮކްޓަރުންނާއި، އައި.ސީ.ޔޫގެ މާހިރުންނާއި، ކެއިންބުއިމުގެ މާހިރުން ހިމެނޭހެން ބޮޑު ޓީމެއް ބައިވެރިވިއެވެ. ފުރަތަމަ ކަމަކަށް އޭނާގެ ނޭވާލުން ހަމައަކަށް އަޅުވަން ޖެހުނެވެ. އަދި އޮޕަރޭޝަން މޭޒުމަތީގައި ބޭއްވޭ ފަދަ މިންވަރަކަށް ބަރުދަން ލުއިކުރަން ޖެހުނެވެ.

32 ދުވަސް ވަންދެން ޑޮކްޓަރުންގެ ބެލުމުގެ ދަށުން ވަރަށް މަދު ކެލޮަރީ ހިމެނޭ ޑައިޓެއް ވިވެކްއަށް ދެވުނެވެ. މީގެ ސަބަބުން އޭނާގެ ބަރުދަން 209 ކިލޯއިން 172 ކިލޯއަށް ތިރިވިއެވެ. އަދި ބަނޑުގެ ވަށައިގެން ހުރި 198 ސެންޓިމީޓަރު، 178 ސެންޓިމީޓަރަށް ކުޑަވިއެވެ.

އޮޕަރޭޝަން ކުރުމުގެ ފުރުސަތު ލިބުނީ އެއަށްފަހުގައެވެ. އޭނާގެ ހަށިގަނޑު ބޮޑުކަމުން، އާދައިގެ އޮޕަރޭޝަން މޭޒެއްގައި އޭނާ ނުބޭއްވޭތީ، އޮޕަރޭޝަން ކުރަން ޖެހުނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އޭނާގެ އަމިއްލަ އެނދުގައެވެ.

ޖުލައި 24 ގައި ކުރި މި އޮޕަރޭޝަނަށް ދެ ގަޑިއިރާއި 10 މިނެޓު ހޭދަވިއެވެ. އޮޕަރޭޝަނަށް ފަހު 13 ވަނަ ދުވަހު އޭނާއަށް ވާހަކަދެއްކި، ހިނގާބިނގާވެ އުޅެވޭވަރު ވިއެވެ. އޮގަސްޓް 6 ގައި ހޮސްޕިޓަލުން ދޫކޮށްލިއިރު، އޭނާގެ ބަރުދަނަކީ 160 ކިލޯއެވެ. މިއީ ފަރުވާ ފެށިއިރަށްވުރެ 50 ކިލޯގެ ލުއިވުމެކެވެ.

އޮޕަރޭޝަން މުހިންމުވީ ކީއްވެ؟

އެއިމްސްއިން ބުނި ގޮތުގައި މިއީ "މަލްޓިޑިސިޕްލިނަރީ ރެސްކިއު ސްޓްރެޓެޖީ" އެކެވެ. މީގެ މުހިންމުކަމަކީ ހަމައެކަނި އޮޕަރޭޝަން ކާމިޔާބުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޮޕަރޭޝަނުގެ ކުރިން ދެވުނު ފަރުވާއާއި ޑައިޓްގެ ސަބަބުން، އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބެލެވުނު މީހަކު އޮޕަރޭޝަން ކުރެވޭ ފަދަ ހާލަތަކަށް ގެނައުމެވެ.

ޑރ. މަންޖުނާތު ވިދާޅުވީ، މާބޮޑަށް ފަލަވުމަކީ ހަމައެކަނި ބަރުދަން އިތުރުވުމެއް ނޫން ކަމަށާއި، އެއީ ސިއްހީ ނުރައްކާތައް އިތުރުވުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މާބޮޑަށް ފަލަވުމަކީ ހަމައެކަނި ކެއުން ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ހަށިގަނޑުގެ ބަޔޮލޮޖީއާ ގުޅިފައިވާ ބައްޔެއް ކަމަށެވެ. އެހެންކަމުން، ހަމައެކަނި "މަދުން ކައިފައި ގިނައިން ކަސްރަތު ކުރާށޭ" ބުނުމަކުން މިފަދަ ބަލިމީހުންނަށް ހައްލެއް ނުލިބޭނެއެވެ.

ދިރިއުޅުމަށް އައި އާ އުންމީދެއް

އޮޕަރޭޝަނަކީ ފަރުވާގެ ނިމުމެއް ނޫނެވެ. ވިވެކް އަދިވެސް ހުރީ ހަމައެކަނި ދިޔާ އެއްޗެހި ބޯ ޑައިޓެއްގައެވެ. ކަރުގައި ލައްވާފައިވާ ހޮޅީގެ ސަބަބުން އޭނާއަށް އަދި ހަރު އެއްޗެހި ނުކެވޭތީއެވެ. ނަމަވެސް، އޭނާގެ ހަށިގަނޑަށް އައި ބަދަލާއެކު އޭނާގެ ވިސްނުން ވެސް ވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ދިއްލީ ޔުނިވަރސިޓީގައި ބީ.ކޮމް ކިޔެވުމަށެވެ. އެއަށްފަހު ގާނޫނީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. "މިހާރު އަހަރެންނަށް ނޭވާލާން އުނދަގުލެއް ނުވޭ،" ވިވެކް ބުންޏެވެ. އޭނާގެ މުޅި ދިރިއުޅުން މިހާރު ވަނީ އާ މިސްރާބަކަށް އެނބުރިފައެވެ.