ފަސްވަގުތު ބަންގިގޮވަން އެއަރޕޯޓް ޓާމިނަލަކީ މިސްކިތެއްނޫން

ފަސް ވަގުތު ބަންގި ގޮވާ ނަމާދުކޮށް ހަދާ ތަންތަނަކީ މިސްކިތްތަކެވެ. މިސްކިތްތަކަށް އަރާފައިބާނީ މުސްލިމުންނެވެ. ދިވެހިރާއްޖޭގެ މައިދޮރާށި ކަމަށް ބުނާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް ވަދެ ނިކުމެހަދަނީ މުސްލިމުން އެކަންޏެއްނޫނެވެ. މުސްލިމުންނާއި ގައިރު މުސްލިމުންގެ އެތައްހާސް ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަދެނިކުމެއެވެ.
އެއަރޕޯޓަކީ ދަތުރުވެރިންނަށް ހާއްސަތަނެކެވެ. އިސްލާމު ދީނުގައި ނަމާދަކީ ދަތުރުވެރިންނަށް ގަސްރުކުރުމާއި ޖަމްއުކުރުމުގެ ހާއްސަ ރުހުސަތު ދެއްވާފައިވާ މަތިވެރި ރުކުނެކެވެ. ކޮންމެ ނަމާދެއްގެ ވަގުތުޖެހުމުން އެނާމާދެއް ވަގުތުގައި ކުރުމަކަށް ދަތުރުވެރިންނަށް ލާޒިމެއްވެސް ނޫނެވެ. ވަގުތު ޖެހުމުން ނަމާދު ކުރެވެން ތިބި މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް އަބަދުވެސް އިސްލާމީ ގައުމުތަކުގެ ހުރިހާ އެއަރޕޯޓެއްގައި ހުރެއެވެ. ހުޅުލޭ އެއަރޕޯޓްގައި ވެސް މުސްލިމުންނަށް ނަމާދުކުރެވޭނެ އިންތިޒާމް އަބަދުވެސް ހަމަޖެހިފައި ހުރެއެވެ.
ފަސްވަގުތު އަޑުހަރުކޮށް ޓާމިނަލުން ބަންގީގެ އަޑު އިވޭކަށް ލާޒިމެއް ނޫނެވެ. އެއްވެސް އެއަރޕޯޓެއްގެ ޓާމިނަލަކީ މިސްކިތެއް ނޫނެވެ. ފަސްވަގުތު ބަންގި ގޮވާނީ މިސްކިތްތަކުގައެވެ. ފެށުނީއްސުރެ ވެސް ހުޅުލޭ އެއަރޕޯޓްގައި ހުންނަ މިސްކިތުގައި ފަސްވަގުތު ބަންގިގޮވާ ނަމާދު ކުރެއެވެ. ފަސިންޖަރުންގެ ޓާމިނަލު ތެރޭގައިވެސް ނަމާދު ކުރެވޭނެހެން އިންތިޒާމްވެފައި ނެތް ދުވަހެއް ހުޅުލޭ އެއަރޕޯޓްގެ ތާރީހުގައި ދެކިފައިނުވެއެވެ.
ޓާމިނަލްގައި އަޑުހަރުކޮށް ބަންގީގެ އަޑުނީއްވައިގެން ހަމަ ގައިމުވެސް ވެރިކަމުގައި ހުންނަ މީހަކު ފާފަވެރިއެއް ނުވާނެއެވެ. އެހެނެއްކަމަކު ވެރިކަމުގައި ހުރެ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެ އިސްރާފު ކުރަންންޏާ ފާފަވެރިވާނެއެވެ. ނިޒާމުގެތެރެއިން ތަރުތީބުވެގެން ރިބާ ހޯދުމާއި ރިބާކެއުމުން ފާފަވެރިވާނެއެވެ. ގައުމިއްޔަތުގެ ނަމުގައިވޔަސް މުންކަރާތް ދިރުވާ އާލާކުރުވާނަމަ ފާފަވެރިވާނެއެވެ. މަތިމައްޗަށް ދޮގުހަދާ އޮޅުވާލުމުން ފާފަވެރިވާނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަމިނަލް ހުޅުވުމަށްފަހު ފަސް ވަގުތު އަޑުހަރުކޮށް ބަންގީގެ އަޑު އިއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެއަށްވުރެ ވަކީން ބޮޑު ދީނީ އެއްވެސް ކަމެއް ނެތިގެން ވަރުގެ ކޮޅަށް މުއިއްޒަށް ޝުކުރާއި ތައުރީފްގެ ބަސްތައް ދީނީ އިލްމުވެރިންނޭ ކިޔައިގެން އުޅޭ ބަޔަކު އޮއްސާލީ ތިޔަހެންނަކުން ނޫނެވެ. ދީނަށް ނަސްރު ދިނުމުގެ ނަމުގައި މުއިއްޒުކުރާ ދެއްކުންތެރި ކަންކަމަށް ސާބަސް ދޭހެން ވެރިކަމުގެތެރޭގައި ހިންގާ ބޮޑެތި ފާފަތާކާއި މުންކަރާތްތައް ނަހީކުރަން އަޑުއުފުލާ ދެކޮޅަށް ތެދުވަން ނުކެރި އިލްމުވެރިން އެކަމުގައި ތިބީ ކަނުވެ ބީރުވެ މަންމަންވެފައެވެ.