ހުށަހެޅޭ ވައްކަމުގެ މައްސަލަ މަދުވަނީ ކީއްވެ!
ހުށަހެޅޭ މައްސަލަ މަދުވަނީ ރަގަޅަށް ބެލެހެއްޓި ފާރަވެރިވުމުގެ އިންތިޒާމުތައް ވަރުގަދަވުމުން!
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް އެއްމަހުން އަނެއް މަހަށް މަޑުމަޑުން އަންނަނީ ދަށް ވަމުންނެވެ. ޕޮލިސް ސާރވިސްއަށް އެންމެ ގިނައިން ހުށަހެޅެނީ ވެސް ވައްކަމުގެ މައްސަލަ ތަކެވެ. މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޕޮލިހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަމުން ދާކަން ޕޮލިހުގެ ތަފާސް ހިސާބުން ފާހަގަ ކުރެވެއެވެ.
ތަފާސް ހިސާބު ދައްކަ ގޮތުން މި އަހަރުގެ އޮގަސްޓް މަހު ވައްކަމުގެ 456 މައްސަލަ ހުށަހެޅިފައިވެއެވެ. އެހެން ނަމަވެސް ސެޕްޓެމްބަރ މަހު ހުށަހަޅާފައި އޮތީ 324 މައްސަލައެވެ. ސެޕްޓެމްބަރ މަހު ފާހަގަ ކުރެވޭ ވަރުގެ ބޮޑު ތަފާތެއް ފެނެއެވެ. އޮގަސްޓް މަހަށް ވުރެ ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދު 132 ދަށްވެފައި އޮތް އޮތުމެވެ. ރިޕޯޓްކުރި ވައްކަމުގެ އަދަދު ދަށްވެގެން ދިޔަ ދިޔުމަކީ އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ވަރުގެ ކަމެކެވެ. އަނެއްކާ އޭގެ ފަހުން އޮކްޓޯބަރ މަހު ހުށަހެޅުނީ ވައްކަމުގެ 306 މައްސަލައެވެ. ނޮވެމްބަރ މަހު ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދަކީ 304 އެވެ. ވޭތުވެ ދިޔަ ތިންމަހު ވައްކަމުގެ މައްސަލަ އެއް މަހުން އަނެއް މަހަށް ދަށްވެފައި ވާކަން ފާހަގަ ކުރެވެއެވެ.
ވައްކަމުގެ މައްސަލަ ހުށަހެޅޭ އަދަދު ދަށްވާ ސަބަބުތަކާ މެދު ދެތިން ގޮތަކަށް ވިސްނާ ލެވިދާނެއެވެ. ހުށަހެޅޭ މައްސަލަ މަދުވަނީ ތަންފީޒީ މުއައްސަސާތަކާ މެދު އިތުރުބާރު ގެއްލި މާޔޫސް ވެގެން ހެއްޔެވެ. ގާނޫނީ ދޫމަޅީގެ ތެރެއިން ވަގުކަލޭގެ ސަލާމަތް ވާތީ މުޖުތަމައު މާޔޫސް ވެގެން ވާކަމެއް ނަމަ އެއީ ނުރައްކާތެރި ބިރު ހުރި ކަމެކެވެ.
ހުށަހެޅޭ މައްސަލަ މަދުވަނީ ރަގަޅަށް ބެލެހެއްޓި ފާރަވެރިވުމުގެ އިންތިޒާމުތައް ވަރުގަދަ ވުމުން ވައްކަން ކުރުމުގެ ފުރުސަތު ހަނިވެގެން ކަމަށް ވާނަމަ އެއީ ހެޔޮފާލެކެވެ. ފާރަވެރިވުން އިތުރުކޮށް ގާނޫނީ ހުކޫމަތު ރަނގަޅަށް ތަންފީޒު ވުމަކީ ވައްކަމުގެ އަދަދު ޒީރޯއަށް ގެނެވޭނެ ކަމެކެވެ. ވަގުންގެ މައްޗަށް ހުކުމް ތަންފީޒު ކުރެވި ވަގުން މުޖުތަމައުން އެކަހެރި ކުރެވޭ ވަރަކަށް ވައްކަން ކުރުން ހުއްޓޭނެއެވެ.
އެއް މަހުން އަނެއް މަހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަނީ މުޖުތަމައު ވައްކަމާ ދުރަށް ގެންދެވެމުން ދާތީ ކަމަށް ވާނަމަ ކިތައްމެހާ ވެސް އުފާވެރިއެވެ. ކަންކަން ތަރުތީބު ވެގެން ކުށުގެ ވެއްޓަށް ފާރަވެރި ވެވޭ ކަމުގެ ހެޔޮ ފާލެކެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޖުތަމައުން ފެންނަން ފަށާފައި ވާކަން ރަމްޒުކޮށްދޭ ހެޔޮ ފާލެކެވެ. އެއާއި އެކު ވައްކަން ނައްތާލުމަށްޓަކާ، އަށަގެންފައިވާ މާއްދީ ވިސްނުމުން އެކަހެރިވާން ކޮންމެ މީހަކު ޖެހެއެވެ.
ވައްކަމުގެ ތެރެއަށް އަލަށް މީހުން ވަނުން ހުއްޓުވުމަށް ބަޑުހައި ހޫނުކަން ނައްތާލުމާއި ފަރުދުންގެ ފޯރުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ އަގުތައް ތިރި ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްގެން ވައްކަމުގެ ރޭޓް ދަށް ކުރެވެއެވެ. ހަލާލު މަސައްކަތެއް ކޮށްގެން ބަދަހި މުޖުތަމައެއްގައި އުޅޭ އުފާވެރި ރައްޔިތަކަށް ވުމަށް އަމިއްލަ ޒިންމާއެއް އޮތް މީހަކަށް ކޮންމެ މީހަކު ވާންޖެހެވެ. ހިހޫ ތަނުން ކެއުމާއި އެހެން މީހުންގެ ތުބުން ވެއްޓޭ ބަތް ފުށް ކައިގެން އުޅެން އުޅޭ އުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ.
ޒަރޫރީ ބޭނުންތައް ނުފުދިގެން ވައްކަމުގެ ތެރެއަށް މީހުން ދިޔުން ހުއްޓުވަން ސަރުކާރާއި މުޖުތަމައު ގުޅިގެން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަދި ވެސް އިތުރަށް ކުރަން ޖެހެއެވެ. އިހުތިޔާރުން ބޭރުން ޒަރޫރަތަށްޓަކައި ރައްޔިތު މީހާއަށް ހަރަދު ކުރަން މަޖުބޫރު ކުރުވާ ހުރިހާ ނިޒާމެއް ނައްތާލަން ޖެހެއެވެ. އަނެއް ކޮޅުން ވަގުކަލޭގެ ވައްކަން ކުރަން އެއް ދޮރުން ވަދެ އަނެއް ދޮރުން ނިކުންނަހެން ތަހުގީގާ ޝަރިއަތުން ބަރީއަ ނުވެވޭނެ ގޮތަކަށް އިޖުރާތު ތަކުގެ ދޫމަޅި ބާރު ކުރުމަކީ ވައްކަން ހުއްޓުވުމުގެ ހައްލެވެ.