މުސާރައިން ބައެއް އުނިކޮށްލުމަކީ ރޯފާރުގައި ލޮނުމިރުސް އެޅުން

މުސާރައިން ބައެއް އުނިކޮށްލުމަކީ ރޯފާރުގައި ލޮނުމިރުސް އެޅުން

2025 ޑިސެމްބަރު މަހުގެ މުސާރަ ޖަމާވިއިރު، ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ ޖުމްލަ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

‏ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން، އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމުލަ އާމްދަނީ މަދު ނުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އެކަން އޮތީ އެހެންނޫން ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.

ކޮންމެ މުވައްޒަފެއްގެ މުސާރައަކީ، މުޅި އެ މުވައްޒަފުގެ އާއިލާގެ ދިރިއުޅުން އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު އެއް އަސާސް ކަން ކަށަވަރު ކަމަށާއި ކުއްޔާއި، ކެއިންބުއިމާއި، ބިލްތަކާއި، ދަރިންގެ ޓީއުޝަންފީއާއި، ލޯނާއި އަދި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރަ އިންކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ. 

އެހެންކަމުން، މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭއެއްޗަކުން ކިރިޔާ ދެކޮޅުޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުންދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް ކަމަށް މޭޔަރ އާޒިމް ސިފަކުރެއްވިއެވެ.

ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދިނުމުގައި އަބަދު ހޭލަމޭލައަށް އުޅެމުންދާ މާލެ ސިޓީ ކައުންސިލް މުވައްޒަފުނާ،އި އެހެނިހެން ސިވިލްސާވިސް މުވައްޒަފުންނަކީ، ވަރަށް ކުޑަ މުސާއަރައަކަށް، ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންދާ ބައެއް ކަމުން، އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.

މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް މާލޭ މޭޔަރ ގޮވާލައްވައެވެ.

ހާއްސަކޮށް، ބަރަކާތްތެރި ރޯދަ މަސް ބައްދަލުކުރުމަށް މިހާ ކުޑަތަން ވެފައިވަނިކޮށް މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއްކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.