މުއިއްޒުގެ ގޮނޑިކޮއްކޮ ނިޔާޒީ އިސްތިއުފާދީ: ދީބާޖާ
ދީބާޖާއަށް އިންސާފު ލިބެން ޖެހޭ
- ޑރ. ވަހީދު ވެރިކަމުގައި ގާނޫނާ ހިލާފަށް ދައުލަތަށް ދިން ބޮޑު ގެއްލުމެއް
- އެގްރީމަންޓް ބާތިލުކުރުން ބަލައިނުގަނެ ބަދަލުގެ ގޮތުގައި 156މިލިޔަން ޑޮލަރ ހޯދަން ބާތިލުކުރި ދުވަހު އެދުނު.
- ބަދަލުގެ ގޮތުގައި 348.9 މިލިޔަން ރުފިޔާ ދޭންޖެހޭ ކަމަށް ސްޕްރީމްކޯޓުން ކަޑައެޅި
- ބަދަލު ނަގާދިނުމުގައި ބެލެވޭ ހަމައެއް ސްޕްރީމް ކޯޓުން ބަޔާންކުރި
- ބަދަލު ހޯދުމުގެ މައްސަލަ ސްޕްރީމް ކޯޓުން ދަށު ކޯޓަށް ތަހުވީލްކުރި
- ކޯޓުން ބޭރުން ސުލްވެރި ހައްލެއްހޯދާ ދެފަހަރުން އަދާކުރާގޮތަށް 64 މިލިޔަންގެ ބަދަލެއް ދޭންނިންމި.
- ފުރަތަމަ ޕޭމެންޓް 12 މިލިޔަން ދޫކުރި
- ދެވަނަ ޕޭމެންޓް ސަރުކާރުން ނުދީގެން އެއްބަސްވުމާ ހިލާފުވެގެން ދީބާޖާއިން ކޯޓުގައި
- ދައުލަތުން ޝަރީއަތަށް ފިލުން
- ޝަރީއަތު ހިގާކަމަކާ ގުޅުވާ ގާނޫނާ ހިލާފް އޮޑިޓް ރިޕޯޓެއް
ބަގާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ ރައީސް ނަޝީދުގެ ވެރިކަމުގައި ކޮށްފާހުރި އެތައްކަމެއް އެފުށް މިފުށަށް ޖަހާލީ ހަމައެއް ލަމައެއް ނެތިއެވެ. އާޒިމާ ޝުކޫރު އިސްވެހުރެ ދައުލަތަށް ވަހީދު ސަރުކާރުން ދިން އެންމެ ބޮޑެތި ގެއްލުމަކީ ވެފައިހުރި އެގްރިމަންޓްތައް ގާނޫނާ ހިލާފަށް ބާތިލު ކުރުމެވެ. ޖީއެމްއާރު އެގްރިމެންޓް ބާތިލު ކުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 300 މިލިޔަން ޑޮލަރ ދައްކަން ދިވެހި ދައުލަތުން ޖެހުނެވެ. އެ ގޮތަށް ރާއްޖޭގެ އެތައް ކުންފުންޏަކާއެކު އޭރު ހަދާފައިވާ އެތައް އެގްރީމެންޓެއް ޑރ. ވަހީދު ވެރިކަމާއި ރައީސް ޔާމީނު ވެރިކަމުގައި ގާނޫނާ ހިލާފަށް ބާތިލު ކޮށްފައިވެއެވެ.
އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓްއާއި އެކުގައި ވެފައިވާ އެއްބަސް ވުމަކީވެސް ޖަޒްބާތުގައި ހަމައެއް ލަމައެއް ނެތި ގާނޫނާ ހިލާފަށް ވަހީދު ސަރުކާރުން ބާތިލުކުރި އެގްރިމެންޓެކެވެ. 30 މެއި 2013ގައި އެ އެގްރިމެންޓް ބާތިލުކޮށް އެއްވެސް ކަމެއްނޫން ކަމަށް ހަދައިގެން އެމީހުން ތިބިއިރު ބަޔަކަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ދެވުނުކަން އިހުސާސްވެސް ނުވެއެވެ.
އެގްރިމެންޓް ބާތިލު ކުރި ދުވަހުއްސުރެ ދީބާޖާއިން ދިޔައީ ލިބުނު ބޮޑުގެއްލުމަށް ބަދަލު ހޯދަން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެގްރިމެންޓް ބާތިލުކުރުން ބަލައި ނުގަންނަކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 156 މިލިޔަން ޑޮލަރަށްވުރެ ބޮޑުއަދަދެއް ބަދަލުގެ ގޮތުގައި ހޯދުމަށް ހަމަ އެ ދުވަހު ސަރުކާރަށް ދީބާޖާއިން ހުށަހެޅިއެވެ. އޭގެ ފަހުން އެތައް ޝަރީއަތެއް ހިނގާ ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް ނެރެފައިވާ އެ މައްސަލާގައި ދީބާޖާ އިންވެސްޓްމަންޓަށް ގެއްލުމުގެ ބަދަލު ދިނުމަކީ ގޯހެއްކަމަށް މިހާރު އޮޑިޓަރ ޖެނެރަލަށް ވެއްޖެއެވެ. 2013 ވަނަ އަހަރުން ފެށިގެން ސަރުކާރުން އުފައްދައިގެން އުޅޭ އެ ބޮޑު މައްސަލަ އޮޑިޓަރ ޖެނެރަލް ނިޔާޒީއަށް ގޯހަކަށްވީ ސަރުކާރުން އެއްބަސްވުމާ ހިލާފުވެގެން ދީބާޖާއިން ކޯޓަށްގޮސް ޝަރީއަތް ހިންގަން ފެށީމައެވެ.
ދީބާޖާއަށް ދައުލަތުން ބަދަލުދިނުމުގެ މައްސަލައަކީ ނެތް މައްސަލައަކަށް ހަދަންއުޅުނަސް އެހެނެއް ނުހެދޭނެއެވެ. ގާނޫނީ ހަމަތަކުގެ މަތިން ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ސްޕްރީމް ކޯޓުން އޮތީ ތަސައްވަރުކޮށް ނިންމާފައެވެ. ބަދަލުގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަންޖެހޭ އަދަދަކީ ހަމަތިބެފައި ޖަހާލި އަދަދެއް ނޫންނެވެ. އޮޑިޓަރ ޖެނެރަލާއި ސަރުކާރު ގަބޫލުކުރާ އޮޑިޓް ފާމަކުން ކަށަވަރުކޮށްފައިވާ އަދަދު ތަކެކެވެ. އަނެއްކޮޅުން ބަދަލު ނަގާ ދިނުމުގައި ސްޕްރީމް ކޯޓުން ބަލާ މިންގަޑު ތަކާއި އެއްގޮތަށް ސްޕްރީމް ކޯޓުން ބަދަލު ނަގާދޭނެ ސާފު މިންވަރެއް އޮތީ ނިންމާފައެވެ. ކޮންމެ ގޮތަކަށް ބެއްޔަސް ޝަރީއާތް މެދުވެރިކޮށްގެން މައްސަލަ ހައްލު ކުރާނަމަ 348.9 މިލިޔަނަށްވުރެ ކުޑަމިންވަރެއް ދައުލަތުން ދީބާޖާއަށް ދިގެން ފަރުނުޖެއްސޭނެކަން ގާނޫނީ މާހިރުންނާއި އޮޑިޓަރުންގެ ލަފާތަކުން އޭރު ސަރުކާރަށް އޮތީ ކަށަވަރުވެފައެވެ.
ސްޕްރީމް ކޯޓުން ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމުން އޭރުގެ ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔައީ އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ދީބާޖާއަށް 348.9 މިލިޔަން ނުދީ ޝަރީއަތުގައި ދައުލަތަށް ދިފާއު ނުވެވޭނެކަން ހަބީރުންގެ ލަފާތަކުން ޔަގީން ވެގެންނެވެ. ކޯޓުން ބޭރުން ސުލްހަވެރި ހައްލެއް ހޯދުމަށްވުރެ މޮޅު އެހެން އެއްވެސް ގޮތެއް ދައުލަތަށް ނެތިގެންނެވެ.
ކޯޓުން ބޭރުގައި ދެފަރާތް އެއްބަސްވެ ދައުލަތަށް އެންމެ ގެއްލުން ކުޑަ ސުލްހަވެރި ހައްލު ހޯދުމުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ރިއާޔަތްކޮށް ގޮތްނިންމީ ހަމައެކަނި ދަތުރު ފަތުރާއިގުޅޭ މައި އެއްބަސްވުމަށެވެ. ރައީސް އޮފީހުން ނިންމާ ދެފަރާތުން އެއްބަސްވެފައިވަނީ ސެޓްލްމެންޓް އެގްރިމަންޓްގައި ސަބްލީޒް އެގްރިމަންޓަށް ބަދަލު ނުދޭގޮތަށެވެ. އެހެންނަމަވެސް ސެޓްމެންޓް އެގްރިމެންޓްގައި ސަބްލީޒް އެގްރިމަންޓް ވެސް ހިމަނާފައިވާ ކަމަށް ބުނެ އޮޑިޓަރ ޖެނެރަލް ވަނީ ހަގީގަތް އޮޅުވާލާފައެވެ.
ހަމައެކަނި މައި އެގްރިމަންޓަށް ބިނާކޮށް ދީބާޖާއާއި އެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދޭން އެއްބަސްވީ އެއްބަސްވުމަކީ ދައުލަތަށް ދިން ގެއްލުމެއް ގޮތުގައި ސިފަކޮށް އޮޑިޓަރ ޖެނަރަލް ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައެވެ.
އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތާއި ގުޅިގެން ދިބާޖާއާއި އެކު ސަރުކާރުން ވީ އެއްބަސްވުން ބާތިލު ކުރުމުން އޭގެ ބަދަލުގެ ގޮތުގައި 348.9 މިލިޔަން ދިނުމުގެ ބަދަލުގައި 64 މިލިޔަން ދިނުމަށް ސުލްހަވެރި އެއްބަސްވުމެއް ހަދާ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރިއިރު އޮޑިޓަރ ޖެނެރަލް ނިޔާޒީ ހުންނެވީ އެއްޗެއް ހިއްޕަވައިގެން ބާއެވެ. އޭރު އޮޑިޓެއްކޮށް ރިޕޯޓެއް ނެރެ ވަކިގޮތަކަށް އަމަލުކުރަން އަމުރެއް ނުނެރެ ހުރެފާ ކުއްލިޔަކަށް ވެރިކަން ބަދަލުވެ މުއިއްޒާއި އުޝާމު އެދޭ ގޮތަށް ރިޕޯޓެއް ނެރެދިނީ އޮޑިޓަރ ޖެނެރަލްގެ މުސްތަގިއްލުކަން ކޯދުލާ އެރީހެއްޔެވެ. ދީބާޖާ އަށް ބަދަލު ދިނުމުގެ ކަންކަން މާފަހުން އޮޑިޓްކުރިހެން، ގާސިމްގެ ވިލާ ކުންފުންޏަށާއި ނޫމަޑިއަށާއި އެނޫން އެތައް ބަޔަކަށް ބަދަލު ދިން އިރު އޮޑިޓް ނުކޮށް އޮޑިޓަރ ޖެނެރަލް އޮންނެވީ ކޯމާއެއްގައި ހެއްޔެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ބަދަލުދޭ ކޮމެޓީއާއި އުސޫލު އުވާލިޔަސް އޭރު ހެދިހާ އެގްރީމެންޓްތައް ހުރީ ހުރި ގޮތަށެވެ. އޭގެން އެއްވެސް އެގްރިމެންޓެއް އުވައެއް ނުލައެވެ. އެހެން ކަމުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްގެ ދައުލަތާ ދެކޮޅަށް ވިޔަސް ދައުވާ ކުރުމަކީ އޮތް ގާނޫނީ ހައްގެކެވެ. ލިބިގެންވާ ހައްގެއްގެ ދަށުން ދީބާޖާއިން ދައުވާ ކުރީމާ ލޮނުމަދުކައިގެން ގިތެލެއް އެބުރި ގަންނަހެން އެނބުރި ގެންފައި ނެރޭ އޮޑިޓް ރިޕޯޓަކުން ނަތީޖާ ބަދަލެއް ނުކުރެވޭނެއެވެ. އެއްބަސްވުމާ ހިލާފުވި މައްސަލައިގެ ޝަރީއަތުގެ މަޖިލީސްތަކަކަށް ޖަވާބު ދާރީވާން ދައުލަތުން ހާޒިރުނުވެ ޒާތްޒާތަށް އޮޑިޓަރ ޖެނެރަލް ލައްވާ އޭޖީ އުޝާމް ނެރުވާ ރިޕޯޓަކުން އެއްބަސްވެފައިވާ ފައިސާ ދީބާޖާއަށް ނުދިއެއް ނުވާނެއެވެ.
ހުސައިން ނިޔާޒީއަށް އޮޑިޓެއް ކުރަން އެނގެނީ މުއިއްޒު ބޭނުންވާ ކަމެއްގައި މުއިއްޒު އެދޭގޮތަށް ނަތީޖާ ނެރުމަށެވެ. މާލޭ މީހުނަށް ހުޅުމާލޭ ބިމުން ގޯތި ދިނީމާ ދައުލަތައް އެތައް ބިލިޔަނެއްގެ ގެއްލުމެއް ވެއްޖެޔޭ ކިޔައިގެން އޮޑިޓް ރިޕޯޓެއްވެސް މުއިއްޒަށް ނެރެދިން މީހަކު އެއްބަސްވުމާ ހިލާފުގެން ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ކުއްލި އޮޑިޓެއް ހަދާ ރިޕޯޓް ނެރުމުން ހައިރާނެއް ނުވެއެވެ. އެކަންކަމުން ދައްކާދެނީ އޮޑިޓަރ ޖެނެރަލްގެ ނުކުޅެދުން ތެރިކަމާ ގޮނޑިކޮއްކޮކަމެވެ. ސެޓްލްމެންޓް އެގްރިމަންޓް ހަދައިގެން ނޫމަޑި މައްސަލަ އާއި ވިލާ އާއި އެނޫންވެސް އެފަދަ އެތައް މައްސަލައަކަށް ބަދަލުދިން އިރު ނިޔާޒީގެ ލޮލަށް ހުރީ މިރުސް އެޅިފަހެއްޔެވެ. އިންސާފާއި ހަމަޔާއި އުސޫލާއި ފިޔަވަޅު އެޅުމުގެ ވާހަކަ ނުދައްކާ އޮޑިޓަރޖެނެރަލް ކަމުން ނިޔާޒީ އަވަހަށް އިސްތިއުފާދޭށެވެ.