ވާދަ ކުރެވޭގޮތް ހަދަން ހުކުމް ބާތިލު ކުރާނީ ކޯޓުތައް މަރާލަން

ހައްގުނޫން ހައްގެއް ވަކިމީހެއް ވެގެން ހޯދާނުދެވޭނެ

ވާދަ ކުރެވޭގޮތް ހަދަން ހުކުމް ބާތިލު ކުރާނީ ކޯޓުތައް މަރާލަން

ގެއްލޭނީ އޮތް އެއްޗެކެވެ. ނެތް އެއްޗެއް ނުގެއްލޭނެއެވެ. ނެތް އެއްޗެއް ގެއްލިގެން ކިތަންމެ ޝަކުވާއެއް ކުރިޔަސް ހޯދައެއް ނުދެވޭނެއެވެ. ކިތަންމެ ދޭ ހިތްވިޔަސް ހޯދާ ދެވޭނީ ލިބިފައި އޮތް އެއްޗެއް ގެއްލިގެން އުޅޭ ނަމަތާއެވެ.

ގާނޫނުގެ ކުރި މަތީގައި އެންމެން ހަމަހަމައެވެ. ފަނޑިޔާރުން ހުކުމް ކުރުމުގައި އިސްކަން ދޭން ޖެހެނީ ގައުމީ މަސްލަހަތަކަށް ނޫނެވެ. ކުށްކުރި މީހަކަށްވެސް ނޫނެވެ ކުށުގެ އަމަލަށެވެ. ކޮންމެ މީހަކު ކުރިޔަސް ކުށެއް ވަނީ ކުށަކަށެވެ. ދައުވާއެއް އުފުލި ކުށް ސާބިތުވެ ހުކުމެއް ކުރުމުން އެއީ ކުށްވެރިއެކެވެ. ކިތަންމެ ބަޔަކު ކުށްކުރިޔަސް ހުކުމެއް އިއްވާނީ ޝަރީއަތަށް ހުށަހެޅި ކުށް ސާބިތުވާ މީހެއްގެ މައްޗަށެވެ. މީހެއްގެ މައްޗަށް ސާބިތުވި ކުށަކީ ކިހާ ބަޔަކު ކިހާވަރަކަށް ކުރާ ކުށެއްތޯ ފަނޑިޔާރުން ނުބަލާނެއެވެ. 

ތެދެކެވެ. ރައީސް ޔާމީނު ނޫން ކިތަންމެ ބައެއްގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔަނާތުގެ ތުހުމަތު ކުރެވެއެވެ. އެތައް ބައެއްގެ މައްސަލައިގެ ތަހުގީގް އޭސީސީގައި އެބަ ހިނގައެވެ. ބައެއް މީހުނަށް ދައުވާކުރަން ޕީޖީއަރިހަށް ވަނީ ފޮނުވާފައެވެ. ބައެއް މީހުންގެ ޝަރިއަތްތައް ކޯޓުގައި އެބަކުރެއެވެ. 

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ދެ ދައުވާއެއް ސާބިތުވެ ދަށުކޯޓުން އެވަނީ ހުކުން ކޮށްފައެވެ. އެ ހިސާބުން ރައީސް ކަންކޮށްފައި ހުއްޓަސް ބޮލިހިލާ މީހަކަސް ތަފާތެއް ނެތެވެ. އެ މީހަކީ ގާނޫނީ ގޮތުން ކުށްވެރިއެކެވެ. ކޮށްފައިވާ ހުކުން ބާތިލު ނުކުރާހާ ހިނދަކު އެ މީހަކީ ކުށްވެރިއެކެވެ. ފުރިހަމަ މިނިވަނަކަށް ލިބިގެންވާ އެތައް ހައްގެއް އެ ހިސާބުން އެމީހާއަށް ގެއްލޭނެއެވެ. ވަކި ކަހަލަ ކަންތައް ތަކެއް މަނާ ވާނެއެވެ. ކިތަންމެ ގިނަ ބަޔަކު ބޭނުންވިޔަސް އެކަކު ބޭނުން ނުވިޔަސް މަނާ ކަންކަން މަނާ ވާނެއެވެ.

ވަކިވަރެއްގެ ޖިނާ ކުށެއްގެ ހުކުން ތަންފީޒު ކުރަމުންދާ މީހަކަށް އިންތިހާބު ތަކުގައި ވާދަ ނުކުރެވުމަކީ އައުކަމެއް ނޫނެވެ. ވަކި ކަހަލަ ހުކުމެއް ތަންފީޒުކުރާ ކުށްވެރިންނާއި ކުށުގެ ވަކިކަހަލަ ރެކޯޑެއް އޮންނަ މީހުނަށް ނުކުރެވޭ ކަންކަމާއި ނުލިބޭ ހައްގު ހުރެއެވެ. ޖިނާއީ ކުށެއްގެ ހުކުން ތަންފީޒު ކުރެވެމުންދާ މީހަކަށް އިންތިހާބެއްގައި ވާދައެއް ނުކުރެވެއެވެ. އެގޮތުން އިއްވާފައިވާ ހުކުން ބާތިލު ނުވާހާ ހިނދަކު ރައީސް ޔާމީނެއް ކަމަކު ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ކިތަންމެ ގިނަ ބަޔަކު އެދުނަސް މިހާރު އެއޮތް ގޮތަކުން އެކަމެއް ނުވާނެއެވެ. ކޯޓްތަކަކީ މެޖޯރިޓިއަށާއި ސަޕޯޓް ބޭހަށާއި ގައުމީ މަސްލަހަތަށް ބުރަވެ ހުކުން ކުރާ ބައެއް ނޫނެވެ.

ޔަގީނުންވެސް އެނގޭ ކަމަކީ  އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ރައީސް ޔާމީނަކަށް އަދި ނެތްކަމެވެ. ފޯމުވެސް ފުރެދާނެއެވެ. ބައިބަޔަށް ކެންޕެއިންވެސް ބިަޔކު ނިކުމެ ކުރެވިދާނެއެވެ. ރާގުރާގަށް ހައިކޯޓާއި ސްޕްރީމް ކޯޓުގައި ޝަކުވާވެސް ކުރެވިދާނެއެވެ. ކޮންމެ ކަމެއް ކޮށްގެންވެސް ރައީސް ޔާމީނު އިންތިހާބުގައި ވާދަކުރުވަންޏާ ރިޔާސީ އިންތިހާބަށް ކުރި މަތި ލުމުގެ މުއްދަތު ހަމަވުމުގެ ކުރީން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުން މަތީކޯޓަކުން ޖެހޭނީ ބާތިލު ކުރުވާށެވެ.

އެނގެން ޖެހޭ ކަމަކީ ވަކިމީހަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދާ ދިނުމުގެ ނިޔަތުގައި ދަށުކޯޓުގެ ހުކުމް ބާތިލު ކުރުމަކީ ޝަރުއީ ނިޒާމް އަމިއްލައަށް މަރާލުން ކަހަލަ ކަމެކެވެ. އެވަރުގެ ގޯހެއް ކޯޓްތަކުން ހަދާފާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ރައީސް ޔާމީނަށް އެފުރުސަތު ދެންޏާ އެ ހައްގަކީ ނިހާއީ ހުކުމެއް ނެތް ކޮންމެ ކުށްވެރިއަކަށް ވެސް ތަފާތެއް ނުކޮށް ލިބިދޭން ޖެހޭނެ ހައްގެކެވެ. ހައްގުނޫން ހައްގެއް ވަކިމީހެއް ވެގެން ހޯދާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނޫނީ ދަށުކޯޓު ތަކުން ކުރާ ހުކުމާ މެދު ރައްޔިތުންގެ އިތުބާރު މުޅިން ކެނޑި ދަށުކޯޓު ތަކުގެ ވާގި ނެތިގެން ދާނެއެވެ.