މަޖިލސްދީގެން ތިރިނުވި ޑޮލަރ ތިރިކުރަން ކައުންސިލެއް ނުދެވޭނެ!

ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނީ ސައީދު ބުނެގެން ޑޮލަރުގެ އަގު ތިރިކުރާށެވެ. އޭރު ޑޮލަރެއްގެ އަގު އުޅެނީ 16 ގައެވެ. މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ދިނީމާ މައްޗަކަށް ނާރާނެއޭ ބުނި ބުނިހެން އަރަނީ މައްޗަށެވެ. މިހާރު ވިހިން މައްޗަށް ޑޮލަރުގެ އަގު އުފުލިއްޖެއެވެ. ސައީދަކަށް ޑޮލަރުގެ އަގު ތިރިކުރާކަށް ނޭގުނެވެ.
އަނެއްކާ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތި ވަމުން އަންނާތީ ވޯޓު ހޯދަން ބައިބަޔަށް ރައްޔިތުން ކައިރިއަށް ޕީއެންސީއަށް ނިސްބަތްވާ މީހުންގަނޑު ދުވަންފަށައިފިއެވެ. ސަރުކާރުގެ ފައުޖުތައް ފުރަފުރައިގެން ގޮސް އާއްމު ރައްޔިތުންނަށް އެކިކުލައިގެ ހުވަފެން ދައްކަން ވަނީ ފަަށާފައެވެ. ވިއްކާނެ އެއްޗެއް ނެތެއް ކަމަކު ހެޔޮތާއެވެ.
މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާހިކަން ހޯދާދިނުމަށް ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތް ވެސް އެކި ފާޑުފާޑުގެ ބަހަނާ ދައްކައިގެން އާއްމު ރައްޔިތުންނާ ގަދަހިފުމަށް ސަރުކާރުން ވަނީ ގޮސްފައެވެ. އެހެން އެކަން އޮއްވާ ވެރިކަމަށް މުއިއްޒު އެރިގޮތަށް ދިވެހިވަންތަ ގޮތަށް ބަދަލުކުރަން ފެށި މާލޭ ބޮޑުފާލަން ދޮޅު އަހަރެއްހާ ދުވަހުން މަރަށް ފުރާނައަށް ނިންމުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ކެނޑި ބައިސާގެ އަސަރުވެސް މާލޭން އަދި ނުފެނެއެވެ.
އެމްޓީސީ ފެރީ ޓާމިނަލުން ފެށިގެން ހުޅަގަށް މަސްމާރުކޭޓާ ހަމަޔަށް ކޮޅަކަށް ދެލޭނު އޮންނަ ގޮތަށް ބޮޑު ތަކުރުފާނު މަގު ހަދާނެ ކަމަށް މުއިއްޒު ބުންޏެވެ. މޫދުންވެސް ބައެއް ހިއްކައިގެން ބިމުއަޑީގައި އޮންނަންޖެހޭ ހޮޅިތަކުގެ ނިޒާމު ލައިގެން ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ހުސްވި ރޯދަމަސް ނިމޭތަނުން ފަށައިގެން މިއަހަރު ނިމެންވާއިރަށް ނިންމާނެ ކަމަށް އޮތީ ބުނެފައެވެ.
ރޯދަމަސް ނިމި އަހަރު ހުސްވީއެވެ. މި ހިނގަނީ މުހައްރަމް މަހެވެ. ހުސްވި 3 މަހުތެރޭގައި މަސައްކަތް ފެށުމުގެ ގޮތުން ކުރެވުނު އަމަލީ މަސައްކަތެއް ހަރާމުން ހަރާމެވެ. އަނެއް ކޮޅުން 2025 ނިމެން ފަސް މަހަށްވީއެވެ. މިއަދު ފެށިޔަސް އެމަސައްކަތް އެބުނާގޮތަށް މުއިއްޒަށް ކުރެވިއްޖެއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ.
މާލޭގައި އެވަރުކަމެއް ކުރުމުގެ ގާބިލުކަން ނެތް ސަރުކާރަކަށް އައްޑޫގައި ބުރިޖެއް ނޭޅޭނެއެވެ. ތިނަދޫގައި އޯވަރވޯޓަރ ޓާމިނަލާއި އެއަރޕޯޓެއް ނޭޅޭނެއެވެ. ހުޅުމާލޭގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއް ނޭޅޭނެއެވެ. ހުޅުލެއާއި ފުނަދުއާއި މާލެ މޮނޮ ރޭލުން ގުޅައެއްވެސް ނުލެވޭނެއެވެ. ރަސްމާލެ ހިއްކާ ޓަނަލަކުން މާލެއާ ގުޅައެއް ނުލެވޭނެއެވެ. އަދަދުނުވާހާ އައު ދޮގު ވައުދުވަމުން ރައްޔިތުން ޅޮސްއުދޯއްޔަށް ލައިގެން ކައުންސިލް އިންތިހާބުގައި ވޯޓު ހޯދުން ޕީއެންސީ ހަނދާން ނައްތާލާށެވެ.