ދައުރު ހަމަނުވަނީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީ އަދުރޭ!
ޔާމީނާއި މައުމޫނަށް ލިބުނުހާ ދެރަޔަކާއި އަނިޔާއެއްގެ މޭސްތިރިއަކީ އަދުރޭ !
ގަދަ އަމުރުން އަމުރުކޮށްގެން މަޖިލީހުގެ ރިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ނަގަންޏާ ނަގަންޖެހެނީ ކަމަށް ކުފޫހަމަ އިލްމާއި ހުނަރުހުރި މީހެކެވެ. ދުނިޔޭގެ މަޖިލިސްތަކުގައި ރާއްޖެއަށް ހުތުރުނާރުވާ ރާއްޖެ ތަމްސީލު ކުރެވޭނެ މީހެކެވެ. 20 މަޖިލީހަށް އިންތިހާބުވެފައި ތިބި މީހުންގެ ތެރެއިން އެމީހަކީ ހަމަގައިމުވެސް ފޮނަދޫ އަބްދުއްރަހީމެއް ނޫނެވެ.
އިލްމާއި ހުނަރާއި ޕާލަމެންޓްރީ ތަޖުރިބާއަށް ބަލާއިރު އަދުރޭއަށްވުރެ މަޖިލީސްގެ ރައީސްކަމަށް ހުރިހާ ގޮތަކުންވެސް ކުފޫހަމަ މީހުން އެބަތިއްބެވެ. ރައީސް މުއިއްޒަށް އަދުރޭއަށްވުރެ މާ ވަފާތެރި އިހުލާސްތެރިން އެބަތިއްބެވެ. މުއިއްޒުގެ ކޮއްކޮ ސައުދާވެސް ގައުމަށް ހުތުރެއް ނުލިބޭގޮތަށް މަޖިލިސްގެ ރައީސްކަން ވަފާތެރިކަމާއެކު ކޮށްދޭނެއެވެ. އަދުރޭ ކަހަލަ އައުގުރާނަ ގޮވުމުން ޕީއެޗްޑީ ނަގާފައިވާ ބޭފުޅަކަށް ސައުދާ ނުވާނެއެވެ. ސައުދާއަކީ އިލްމީ ގޮތުން އަދުރޭ ކަހަލަ އުޑެއްބުޑެއް ނޭނގޭ ބޭފުޅެއް ނޫނެވެ. ރައީސް މުއިއްޒަށް ވަފާތެރިވުމުގައި ސައުދާ ފަދަ ދެވަނައެއް ނުހުންނާނެއެވެ.
އަދުރޭގެ ކަންކަން ހުރީ އެހެން ހެއްޔެވެ. ރައީސް މައުމޫނުގެ މާބޮޑު ވަފާތެރިއަކަށް ހެދިގެން ސިޔާސީ ދަޑުގައި ދަނޑިމަތި އަނބުރަމުން ރައީސް މައުމޫނަށް ދޯކާދީ ރައީސް ޔާމީނުގެ ވަތުބަތާނައަށް ވެގެން އުޅެފާ ރައީސް ޔާމީނުގެ ގައިކޮޅުގައިވެސް އަދުރޭ ޖެހީ ކޮޅުފައިންނެވެ. ރައީސް މައުމޫނު ގުއިވެ ރައީސް ޔާމީނު ވެގެން އުޅުނުއިރު ރައީސް މައުމޫނަށް އަދުރޭ ނުގޮވާ ކުނިފުޅައެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫނަށް ދިންހާ ދެރަޔަކާއި އަނިޔާއެއްގެ މުގުލުގައި މޭސްތިރިއަކަށް ހުރީ އަދުރޭ ނޫން ދެވަނަ މީހެއްނޫނެވެ.
ރައީސް ޔާމީނު މިނިވަން ވިޔަނުދީ މަކަރާހީލަތުން ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓާއި ޕީއެންސީ ހޯދާ ދިނީ ވެސް އަދުރޭކަން އެންމެ ރަގަޅަށް އެނގޭނީ ރައީސް މުއިއްޒަށެވެ. ހެދިހާ ހީލަތާއި ޖެހިހާ ޗައްކަރާއި ރައީސް މުއިއްޒަށް ހަމަ ރަނގަޅަށް އެގޭނެއެވެ. ކަމެއް ހާސިލުކުރުމަށް އަދުރޭ ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެކަން ރައީސް މުއިއްޒަށް އެގެންވާނެއެވެ.
ރައީސް މުއިއްޒު ވަރެއް މިހާރު ނެތިގެން ސަރުކާރުގެ އާރާބާރު އަދުރޭ އަތަށް ކަހަލައިގެން ހުރެ ކުރުވާ ކަންކަމުން ބޭރު ދުނިޔެއާއި ރައްޔިތުންގެ ކުރިމަތީގައި ރައީސް މުއިއްޒުގެ އަގުވެއްޓި ދަނީ ވެއްޔާ މޮޑެވެމުންނެވެ. ރާއްޖެއަށް ހުތުރުނަން ދަނީ ކެނޑިޏޭޅި ލިބެމުންނެވެ. މިހާރު އަދުރޭ ދިމާކޮށްފައި އެހުރީ ރައީސް މުއިއްޒުގެ ބާރުގައި މަޖިލީހުގެ ރައީސްކަން ހޯދާށެވެ. މަޖިލީހުގެ ރައީސްކަން ހޯދައިގެން ދޮންކަޅު އަންގާނުލާ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒާ ދެކޮޅަށް އަދުރޭ ބަގާވާތް ނުކުރާނެ ގޮތަކީ ނެތް ގޮތެކެވެ. ދައުރު ހަމަނުވަނީސް ޑރ. މުއިއްޒުގެ ވެރިކަން ނިންމުވާނީ އަދުރޭއެވެ.
އިލްމީ ފެންވަރެއް ނެތި މަޖިލީހުގެ ރައީސް ކަމާ ހަމައަށް ދެވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ފައިނުނަގާ ހުންނާނެ ކަމަށް ދެކެނީ ވަރަށް ބޮޑު މޮޔައެކެވެ. އެވަރުގެ ބޮޑު މޮޔައަކަށް ރައީސް މުއިއްޒެއް ނުވާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.