100 ބިލޔަން ހުސްވާއިރު ކޯލްޑް ސްޓޯރޭޖު އިތުރެއް ނުކުރެވުނު!

100 ބިލޔަން ހުސްވާއިރު ކޯލްޑް ސްޓޯރޭޖު އިތުރެއް ނުކުރެވުނު!

މުއިއްޒު ވެރިކަމަށް އެރިއިރު ސަރުކާރުގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 ޓަނު ހުއްޓެވެ. މުއިއްޒު މަސްވެރިންނަށް ވައުދު ވެފައިވަނީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެ ގުނަ ކުރުމަށެވެ.

2024 ވަނަ އަހަރު 49 ބިލިޔަނަށްވުރެ ބޮޑު ބަޖެޓެއް ވަނީ ތަޅާއަޅާލާފައެވެ. 2025 އަށް ބިލިޔަނަށްވުރެ ބޮޑު ބަޖެޓެއް ފާސްކޮށްގެން ހަރަދު ކުރާތާ 6 މަހާ ގާތް ކުރަނީއެވެ. ވައުދުވީ ގޮތަށް ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ ދެ ގުނައަށް ބޮޑުކުރަން މުއިއްޒުވީ ވައުދު އޮތީ އޮތްތާނގައެވެ. 

100 ބިލިޔަންހާ ރުފިޔާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިވީހާ ތަނަށް މުއިއްޒު ހޭދަކޮށްލިއިރު މަސްވެރިންނަށް ވައުދުވީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަ ކުރުން އޮތީ ނަނާ ހުވަފެނެއްގެ ގޮތުގައެވެ. ވައުދުވީ ދެގުނަ ކުރުން ކިއްކުރަން ހެއްޔެވެ. އެންމެ ޓަނެއްގެ ކެޕޭސިޓީވެސް މިހާތަނަށް ބޮޑުކޮށްލާ ނުދެވެއެވެ.

މަސްވެރިންނަށް ވައުދުވީ ގޮތަށް ކޯލްޑް ސްޓޯރޭޖް ކެޕެސީޓީ އިތުރުކޮށްނުދީ އަނެއްކާވެސް 25000 ޓަނަށް ކެޕޭސިޓީ އިތުރު ކުރާ ވާހަކަ ބުނެފިއެވެ. ތިންގުނައާއި ގާތަށް ސްޓޯރޭޖް އިތުރު ކުރުމަކީ ވައުދެއްނޫނޯލައެވެ. އެޗީވްބަލް ޓާގެޓެކޯލައެވެ. 

އެތައް ބިލިޔަން ރުފިޔާއެއް ތަޅާ ހުސްކޮށްލާއިރު ރައްޔިތުންނަށް ވީވައުދުތައް ނުފުއްދާ ރައްޔިތުން ކުރި މައްޗަށް ނިކުމެ އަނގަ ހުޅުވަން ލަދުނުގަންނަ ކަމެވެ.

މަސްވެރިންނަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ބޮޑުނުކުރެވުނަސް ބޮޑެތި ފައުޖުތައް ގޮވައިގެން ފަސްޓް ކްލާހުގައި އުދުހެވެނިކޮށް މުއިއްޒަށް ނިމުނީއެވެ. އައުވާނުންނަށް ބައިއަޅައިގެން ބަޖެޓް ދިރުވާ ލެވެނިކޮށް ނިމުނީއެވެ. ހަނގުރާމަވެރި ހާލަތެއް ނެތަސް އާރެއް ބާރެއް ނެތަސް ބޮޑު އަގުގައި ބަރު ހަތިޔާރު ގަނެވެނިކޮށް މުއިއްޒަށް ނިމުނީއެވެ.