ފުލުހުންނަކީ މުއިއްޒާއި އިހުސާން ގެންގުޅޭ ގުރުބާން ކަންބަޅިތަކެއް!

ފުލުހުންގެ އަގު ވައްޓާލާ ފުލުހުންގެ އިތުބާރު ގެއްލުވާލަނީ އިހުސާނު ކަހަލަ ނުބައި ނުލަފާވެރިންނެވެ. އިދިކޮޅުގައި ތިއްބަސް އެއްކޮޅުގައި ތިއްބަސް ފުލުހުންގެ ގޯސް ވާހަކަ ދައްކަނީ ފުލުހުން ލައްވާ ވެރިކަމުގެ އާރާ ބާރަށްޓަކާ މަތި މައްޗަށް ގޯސް ހައްދާތީއެވެ. ސިޔާސީ ކުލައެއް ނުވަތަ ނުފޫޒެއްގައި ނުޖެހޭ ގޮތަށް ފުލުހުން ކުރާކަންކަމަށް މީހަކު ފާޑެއް ނުކިޔައެވެ. ފެންނަން ހުންނަ ބޮޑެތި ގޯސްތައް ފުލުހުން ލައްވާ ހައްދަނީ އިހުސާނުމެން ކަހަލަ އަމިއްލަ އެދުމުން ފޯވެފާތިބޭ ވެރިންނެވެ.
ރައްޔިތުންގެ ޒާތީ މައުލޫމަތުން ވައްކަންކޮށް އަމިއްލަ ޕާޓީއަށް އިހުސާނު އިސްވެހުރެ މެންބަރުން ވެއްދީމާ އެކަން އިންސާފުވެރި ކަމާއެކު ނުބެލީމާ ފުލުހުންނަށް ފާޑު ކިޔާނެއެވެ. އިހުސާނުގެ ހާޒިރުގައި އެތައް ބައެއްގެ ނަމުގައި ފޯމްފުރާ ވެރިފަރާތުގެ ގައިރު ހާޒިރުގައި ވަކި ދެތިން މީހަކު ހެކިބަސްދީ ސޮއިކުރި އިރު އެކަން ނުހުއްޓުވާ ހުރެ އިހުސާނުގެ ނުފޫޒުން މައްސަލަ އޮއްބާލީމާ ފުލުހުންނަށް ފާޑުކިޔާނެއެވެ.
ވަޒީރު އަމީނަށް ނިސްބަތްވާ ގެއެއްގައި ސަރުކާރުގެ ސިޔާސީ ވެރިންތަކެއް ބައިވެރިވެގެން ޑްރަގް ޕާޓީކޮށް ބައިވެރިއަކު ފުރާޅަށް ހޫރުވާލީމާ އަޅާނުލާ، މައްސަލަ އޮއްބާލަން އުޅުނީމާ މީހުންކެކި އަރާނެއެވެ. މީހުން ކެކިއަރައިގަތީމާ މާ ޕްރޮފިޝަނަލް ބައަކަށްވެގެން މީޑިއާ ކުރިމައްޗަށް ނިކުމެ ދެކޮޅުނުޖެހޭ ވާހަކަ ދެއްކީމާ މަލާމާތް ކުރާނެއެވެ.
ދޮންއަމާ ޑޮކިއުމެންޓްރީއަށް މީޑިއާ އެވޯޑް ލިބުނީމާ ގުންފައިޖަހާފައި މީޑިއާ ކައުންސިލަށް ފުލުހުން ފޮނުވީމާ ފާޑު ކިޔާނެއެވެ. ބެލްކަނިން ވެއްޓި މަރުވި ކުއްޖާ ތުހުމަތެއް ނެތި ރޭޕްވެފައި ނެތްކަމަށް ބުނެ ޖަނގިޔާ ދިފާއުކުރީމާ ދަތްވިކޭނެއެވެ.
އާއްމު އެއްވުމެއްގައި ދެއްކި ވާހަކައަކާއި ގުޅުވައިގެން ނުއުފުލާ ޝަކުވާއަކަށް މަހާރެހެންދިއަށްޓަކާ ބަރަހަނާ ކޮށްގެން ތަހުގީގަށް ފޮޓޯ ނަގަން އުޅެގަތީމާ ފަހާވެސް ދުވާނެއެވެ. ރައީސާ ގާތްވަން ސިހުރު ހެދިކަމަށް ހަދައިގެން ކިރުމަޔަކު ޖަލަށްލާ ސާބިތު ނުވެގެން ދޫކޮށްލިއިރު މައްސަލަ ޖެއްސި މީހަކު ނެތި ފުލުހުން އަމިއްލަ ގުރުބާން ކަންބަޅި ހެދުނީމާ އަގެއް ނުހުންނާނެއެވެ.
އަޑުގޮއްވާފައި ގޮސް އެޗްޑީސީ އެފުށް މިފުށަށްޖަހާ އެތައް ބަޔަކު ޕާސްޕޯޓް ހިފަހައްޓާ ތެޅިގަތެވެ. ތެޅިގަތް ބާރު މިނުގައި އަތަށް ފުށްދީ ކީހާޅެން ފަރިއްސަށްވެ އެންމެން ހުދު މަލްމަލް ފޮއްޗަށް ވީމާ އިތުބާރެއް ނުކުރެވޭނެއެވެ.
މިލިޔަނުން ރިޝްވަތު ދީގެން އެއްފަހަރާ މަޖިލީހުން 13 މެންބަރުން ގަނެ، މަޖިލީހުގެ މެންބަރުންނަށް ގަނޑުވަރުން 50 ހާސް ރުފިޔާގެ ރިޝްވަތުދޭކަމަށް ގޮވާނަގާއިރު ކަނުވެ ބީރުވެ މަންމަން ވީމާ ފުލުހުންގެ އަގެއް ނުއޮންނާނެއެވެ. އެހެނެއް ކަމަކު އިހުސާނަށް ކަމުނުދިޔައީ ޑިމޮކްރަސީއެވެ. ވެރިކަމުގައި ތިބެގެން ސިޔާސީ ބޭނުމަށް ފުލުހުން ގުރުބާން ކުރުން ހުއްޓާލަންޖެހޭ ކަމަކަށް އިހުސާނަކަށް އެއްބަހެއް ނުވެވެއެވެ.