ނަޝީދާއި ގާސިމާއި މައުމޫނަކީ ގައުމީ މުސީބާތެއް!

ޔާމީނު ކުރެއްވި ކަމަކީ ނިއްކުރިފުޅުގައި އަނިޔާވެރިކަމުގެ ސިއްކަ ޖެއްސެވުން

ނަޝީދާއި ގާސިމާއި މައުމޫނަކީ ގައުމީ މުސީބާތެއް!

ނަޝީދާ މައުމޫނާ ގާސިމުގެ މުސީބާތަކީ ކުޑަ މުސީބާތެއް ނޫންކަން ޔާމީނު ދެނެވަޑައިގަނެއެވެ. މި މީހުން މުޖުތަމައަށް ދޫވެފައި ތިބެގެން ދުވަހަކު ގައުމު ހަމަ މަގަށް ނޭޅޭނެކަން ޔާމީނު ވިސްނިވަޑައިގަނެއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ޖެހެލުން ކުޑަ ރަހުމު ކުޑަ ސިޔާސަތުގެ ކުރިމަތީގައި ހުރިހާ ވާދަވެރިން ކުރެ އެކަކަށްވެސް ވައްވަކެއް ނުޖެއްސެވުނެވެ. ރައީސް ޔާމީނު ކުރެއްވި ކަމަކީ ނިއްކުރިފުޅުގައި އަނިޔާވެރިކަމުގެ ސިއްކަ އަމިއްލަފުޅަށް ޖެއްސެވުމެވެ. އުސޫލުން ބޭރުންވެސް ހައްޔަރުނުކޮށް ދޫކޮށްލާފައި ބައިތިއްބާ ވަރަށްވުރެ ގައުމީ ސަލާމަތަށް އެމީހުންގެ ނުރައްކާ ބޮޑުކަން ޔާމީނު ދެނެވަޑައިގެން މޫނެއް ކަނދުރާއަކަށް ނުބައްލަވާ ފިޔަވަޅު އެޅުއްވީއެވެ. 

ހަމަ އެޔާއެކު ޔާމީނުގެ ވެރިކަމުގައި ހިންގިހާ ހިޔާނަތާއި ބިޔަ ބިލާދަރު ވައްކަންތައް ފަސޭހަ ރަހުމަތެއްގައި ނުބެލޭ ވަރަށް އެކަމުގައި މުޅި ދައުލަތް ޝާމިލް ކުރުވީއެވެ. އިދިކޮޅެއް އެއްކޮޅެއް ނުބައްލަވައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕާއި ފަނޑިޔާރުންވެސް ޖައްސާ ގަރަނބު ކޮއްލެއްވީއެވެ. 

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ ވެރިކަން ނިންމަން ގައުމީ ސަލާމަތަށް ނުރައްކާތެރި ނަޝީދާ ގާސިމާ މައުމޫނު މިނިވަން ކުރަން އެމީހުންގެ އައުވާނުން ގުޅިގެން ފޫގެޅިއެވެ. ދަނޑިވަޅުބަލާ ޝައިހު އިމްރާނާ ކާނަލް ނާޒިމާ ވެސް އެ ފައްޗަށް މަހާލައިގެން އެއްވާނަކަށް ޖެއްސިއެވެ. އޭރު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި މައި ބަދައިގެ ފަރުވާ ކުރެއްވުމަށް ވަޑައިގެން ގޮތަށް ރާއްޖޭން ބޭރުގައެވެ. މައުމޫނު ހުންނެވީވެސް ޖަލުހުކުމުގައި ޖަލުގައެވެ. ޔާމީނާ އަންނި ގުޅިވަޑައިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލަކުން އުމުރު ދޮށިވެ ރިޔާސީ އިންތިހާބަށް ނުނިކުންނޭވޭ އިރު ގާސިމް ހުންނެވީ ހުކުމަށް ފިއްލަވައިގެން ޖަރުމަނުގައެވެ. ޝައިޚު އިމްރާނާ ކާނަލް ނާޒިމުވެސް ތިއްބެވީ ޖަލުގައެވެ.

ހާލަތު ނިޔާކުރިގޮތުން ރައީސް ޔާމިނުގެ ވެރިކަން ނިންމުމަށް ވާދަވެރިން އެއްވާނަކަށް ފެށި މަސައްކަތުގައި އެމްޑީޕީ އިސްވެ އޮވެ ބިޔަ ބޮޑު ކޯލިޝަނެއް ހެދިޔަސް ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ މީހަކާމެދު އެއްގަލަކަށް އެރުން އުދަގޫވެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އެހެން އެންމެން އެފުރުސަތު ދޫކޮށްލިއެވެ. 

އެހެނެއް ކަމަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނު ހިސޯރު ކުރައްވައިގެން މިހާރު އެ އުޅުއްވާހެން 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދު ހިސޯރު ކުރެއްވިއެވެ. ރިޔާސީ އިންތިހާބުގައި ގާނޫނީ ގޮތުން ވާދަ ނުކުރެއްވޭނެކަން ދެނެވަޑައިގެން ހުންނަވައެވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވާ ގޮތަކަށް އެމްޑީޕީގައި ވެރިކަން އޮތުމަކަށް އެފަހަރުވެސް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. ހުކުމެއްގައި ހުންނެވުމުން ރައީސް ނަޝީދަށް ކުރިމަތި ނުލެއްވި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލެން އެމްޑީޕީ ކޮންގްރެސް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ގޮތްހުސްވެ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭ ހިސާބުން އުކުޅަހު ކޮންގްރެހުގައި ލާޖައްސައިގެން ރިޔާސީ ޓިކެޓް އިބްރާހީމް މުހައްމަދު ސާލިހަށް އެރުވީއެވެ. ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ކޮންގްރަހުންނެވެ. ރައީސް ނަޝީދުގެ ނުރުހި ވަޑައިގެން ހުންނަވަނިކޮށެވެ.

އޭރުއްސުރެ ރައީސް ނަޝީދުގެ އެއްބާރުލެއްވުމެއް އިބު ފައިސަލަކަށް ހަގީގަތުގައި ނުދެއްވައެވެ. އެހެނެއް ކަމަކު ޔާމީނުގެ ވެރިކަން ބަދަލުކޮއްގެން ނޫނީ ޖަލުހުކުމުން މިންޖުވާނެ އެހެން ގޮތެއް ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް ނެތެވެ. ރަށްފުށު މެދު ފަންތީގެ މީހަކަށް ރައީސްކަން ދިނުމަކީ ހަޖަމު ކުރެވޭ ކަމަކަށް ނުވިޔަސް އެހެން ގޮތެއް އޭރަކު ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް އޭރަކު ނެތެވެ.

ކޯލިޝަނުގެ މުށުތެރޭގައި ރައީސް ސާލިހު ތާށިކޮށްލައިގެން ނެގެން އޮތް ހުރިހާ މަންފާއެއް ގާސިމާއި ނަޝީދާއި މައުމޫނު އައީ ނަގަމުންނެވެ. ނަށީދުގެ ގޮނޑިކޮއްކޮއަކަށް ރައީސް ސާލިހުވެ ވަދައި ނުގަތުމުން ސަރުކާރުގެ މަގާމުތަކުގައި ތިބި ނަޝީދުގެ އެޖެންޓުން ލައްވާ ސަރުކާރު ޕެރެލައިޒް ކުރަން ހުއްޓާނުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.

ކޯލިޝަންގެ ބާރުގައި މުޅިގައުމު ގާސިމް ދަވާލާތީ ކަން ބޮޑުވެގެން އުޅުއްވި ރައީސް ނަޝީދު ގާސިމަށް ވެރިކަން ހޯދަދޭން ގައިވީދާންވެސް އެ ހުންނެވީ އެއްރޮއްޖަށް ފޫގަޅައިގެވެ. އެމްޑީޕީ ފުނޑުފުނޑު ކޮށްލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ނުކުރައްވާ އެއްކަމެއް ނެތެވެ. އެމްޑީޕީ ބައިބައިކޮށް އެމްޑީޕީގެ އާރާބާރު ކަނޑުވާލަން ކުރިއްޔާ ކުރިކަމެއްކުރީ އެމްޑީޕީގެ ރައީސް ނަޝީދެވެ.