ހުރިހާ ވިސްނުމަކާ ހުރިހާ ފިކުރަކަށް މަރުހަބާ ކިޔާ ޕާޓީ: އާޒިމް

ހުރިހާ ވިސްނުމަކާ ހުރިހާ ފިކުރަކަށް މަރުހަބާ ކިޔާ ޕާޓީ: އާޒިމް

އެމް.ޑީ.ޕީއަކީ އަބަދު ވެސް ހުރިހައި ވިސްނުމަކަށާއި ހުރިހައި ފިކުރުތަކަށް މަރުޙަބާ ކިޔާ ޕާޓީކަމަށް އެމްޑީޕީ މާލޭ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ދަ ޑިމޮކްރަޓިކްގެ މެމްބަރުން، އެމް.ޑީ.ޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އާޒިމް ވިދާޅުވީ ދިމާވާ ހިޔާލުތަފާވުންތައް ހައްލުކުރުމަށް، މަޝްވަރާ ކުރުން އިސްކުރާ ޕާޓީއަށް އެމްޑީޕީ ވުމުން، " ދަ ޑިމޮކްރަޓިކްގެ މެމްބަރުން، އެމް.ޑީ.ޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް އަޅުގަނޑު މަރުޙަބާ ދަންނަވަން" ކަމަށެވެ.

ކުރިން ވެސް އަދި މިހާރު ވެސް، އެންމެ އިސްކުރަންޖެހޭ މަސްލަޙަތުތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ގައުމުގެ މަސްލަޙަތުތަކާއި ކާބަފައިން ވާރުތަ ކޮށްދެއްވާފައިވާ އާދަކާދަތަކަށް އިހުތިރާމްކޮށް އަގުކުރުންކަމަށް އާދަމް އާޒިމް ވިދާޅުވެއެވެ. އެހެން ކަމުން އެންމެން ގުޅިގެން ކުރާމަސައްކަތުގައި އެ މަސްލަހަތުތަކަށް އިސްކަން ދޭން ޖެހޭނެކަމަށް އާޒިމް ދެކި ވަޑައިގަންނަވައެވެ. 

ދަ ޑިމޮކްރަޓިކްގެ މެމްބަރުން، އެމް.ޑީ.ޕީއާ ގުޅުމަށް ނިންމެވި ނިންމެވުމަށް ގިނަ ބަޔަކު އަންނަނީ މަރުހަބާކިޔާ އުފާ ފާޅުކުރަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ރައީސް އޮނަރަބަލް ޢަބްދުއްލާ ޝާހިދާއި ޗެއަރޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލާއި ކުރީގެ އިއްޒަތްތެރި ރައީސް އަދި އެމްޑީޕީގެ މުސްތަޝާރު އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ފައިސަލް ނަސީމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ހިމެނެއެވެ.