ރާއްޖެއެރި އިންޑިއާ ސިފައިންގެ ލަޝްކަރު
އިންސާނީއެހީގެ 1000އަށް ވުރެ ގިނަދަތުރު ، 5 އަހަރުތެރޭ ކުރެވިފައިވާއިރު، މީގެ ތެރޭން 600 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވޭ
ބަރުހަތިޔާރާ އެކު އިންޑިއާގެ އެއްގަމާ ކަނޑާ ވައިގެ އެތައް ސަތޭކަ ސިފައިން ދިވެހިރާއްޖޭގައި ޙަރަކާތްތެރިވިކަން ދޮގު ނުކުރެވޭނެ ވާހަކަ ގޮންޖަހާފައި ބުނަމެވެ.
ހަތިޔާރާއެކު ރާއްޖޭގެ ސިފައިންގެ މައިމަރުކަޒު، ބަނޑޭރިގެއަށް އިންޑިއާ ސިފައިން ވަދެ ނުކުމެ ވުމުގައި އެ ފައުޖުތަކަށް އެއްވެސް ހުރަހެއް ނެތްކަން ދޮގުކޮށްލެވޭނެ މީހަކު ހުރިއްޔާ ނިކަން ކުރިއަށް ނުކުމެ އެ މީހަކީ ތިމަންނައޭ ބުނެ ބަލާށެވެ.
މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރާ އެ ނޫންވެސް މުހިންމު ކޮންމެ ތަނެއްގައި އިންޑިއާ ސިފައިން ދިގު މުއްދަތަށް ރާއްޖޭގައި ގާއިމުވެ ތިއްބެވެ.
މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ބައެއް ފަހަރު ފުލް ވެފައި އޮންނަނީ އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރުތަކާ ހަނގުރާމަ މަތީ ކާކީ މަތިންދާ ބޯޓް ތަކުންނެވެ. ބޮޑެތި ސިންގާ ބަޑިތަކާ ބޮމާ ހަތިޔާރު ދިއްކޮށް، ބަރާކޮށްގެންނެވެ.
މާލޭގެ ބަނދަރާ، ގާދޫ ކޮލުގެ ބޭރުންނާ، ކަޅީގެ އަނގަމައްޗާ ރާއްޖޭގެ އަސްދަނޑީގެ ބޭރުގައި އިންޑިއާގެ ވަރުގަދަ ހަނގުރާމަ މަތީ މަނަވަރު ފަހަރެވެ.
ހުޅުލޭގައި އެމީހުންގެ އަމިއްލަ ކޮމިއުނިކޭޝަން ނެޓްވޯރކާ، އަސްކަރީ ވަކި ސެޓެލައިޓް ލިންކް ގާއިމްކޮށް، ބޮޑުބަޑިން ހަމަލާދެވޭނެ އަސްކަރީ ކިތަންމެ ޕޮއިންޓެއް ހަދާ، އޭގެ އެއްތަނުން އަނެއްތަނަށް ބިންކޮނެ ލޫދިގެން، އިންޑިއާ ސިފައިންނަށް ދެވޭ ގޮތަށް، ހުޅުލެ ވަށާ އިންޑިއާގެ ހަނގުރާމަތީ ސިފައިން ތިއްބެވެ.
އާދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމިއްޔާތުގެ ޙިމާޔަތުގައި، އިންޑިޢާގެ އާރމީ ހަތިޔާރު ހިފައިގެން މާލޭގެ ބިމުގައި ތިއްބެވެ. ނޭވީ މަނަވަރުތަށް ކަނޑުމަތީގައެވެ. މޭފަޅާފަދަ ގަދަ އަޑުފައްގަޑާ އެކު، ވައިކަފާ އަޅަމުން އަސްކަރީ ފޯމޭޝަންގައި ވިދުވަރެއްހެން މާލެމަތިން އުދުހުނީ ، އިންޑިއާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްފަހަރުގައި ތިބި އެގައުމުގެ ވައިގެ ސިފައިންނެވެ.
ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާގެ ދިފާޢުގައި ދިވެހި އަސްކަރިއްޔާއަށް ވާގިވެރިވި، އިންޑިއާ ސިފައިންގެ މި ދެންނެވި ބޮޑު ލަޝްކަރު ދިވެހި ސަރުކާރުން އެދުނު ސުން ސިކުންތުގައި ރާއްޖޭން ފައިބައިގެން ދިޔައީ ދިވެހިންގެ އިޙްތިރާމާ ގަދަރު ލިބި، ރާއްޖޭގެ ދިފާޢު ކަށަވަރު ކޮށްދިނުމަށް ފަހުގައެވެ.
އިންޑިއަން އާރމީ ޕެރަޝޫޓް ރެޖިމެންޓް ސިކްސްތް ބެޓޭލިއަންގެ ފަހު ގްރޫޕް ރާއްޖެއަށް އަލްވަދާޢުކީ މާލޭ އިންޓަރޝޭނަލް އެއަރޕޯރޓްގެ ޑިޕާރޗަރ ހޯލްގައި ބޭއްވުނު އެކުވެރިކަމުގެ ވަދާޢީ ހަފްލާއަށް ފަހުގައެވެ. އިންޑިއާ ސިފައިންނަކީ އެއީއެވެ. އެއީ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. އެދުވަހު އިންޑިއާގެ ސިފައިންގެ ފުށުން ދިވެހިރާއްޖެއަށް ނުވި ނުރައްކަލެއް، ދުވަހަކުވެސް ނުވާނެއެވެ. ގަލަމުން ދެލި ހިނގަންޏާ ދޮގު ވާހަކަތައް ލިޔެ، ދުލުގައި ގޮއްނުޖެހޭތީ ފިތުނަވެރި ވާހަކަ ދެއްކިދާނެއެވެ.
މިބުނީ ދާދި މިދާކަށް ދުވަހުގެ ފަހުގެ މާޒީއެވެ. ދެން އޮތީ މިފަހުގެ މިހާރެވެ. ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ހިންގާން ޖެހޭ އޮޕަރޭޝަންތަކާ ދިމާވާ އިމަރޖެންސީ ޙާލަތު ތަކުގައި ބޭނުން ކުރާނެ ވައިގެ ފުދުންތެރިކަމެއް، ރާއްޖޭގެ އަސްކަރިއްޔާގައި ނެތުމުގެ ދައްޗާ ތަކުލީފް ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. މިގޮތުން ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި، އެންއެންޑީއެފްގެ ބޭނުން ތަކަށް އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ގެނެވުނެވެ. އެއަށްފަހު އެކަމަށް ވެފައިވާ އެއްބަސްވުން އާކުރެއްވީ ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ.
ދިމާވާ ހާދިސާތަކާ ގުޅިގެން ހިންގަންޖެހޭ އޮޕަރޭޝަންތަށް ގިނަ ވުމުން، ހަމައެކަނި އެންމެ ހެލިކޮޕްޓަރަކުން ދިވެހި އަސްކަރިއްޔާއަށް ދަތިވާތީ، ޑޯނިއަރ މަތިންދާ ބޯޓެއް ފޮނުވައިދިނުމަށް އިންޑިއާ ސަރުކާރުގައި އެދުނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި މިކަމަށް އެދި 3 ފަހަރު އިންޑިއާ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރުން އެދިފައިވެއެވެ.
ކުރިން ބުނި ގޮތަށް ރައީސް ވަހީދުގެ ސަރުކާރުގައި އާކުރި އެއްބަސްވުން އަލުން އާކުރީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެއަށްފަހު 2016 ވަނަ އަހަރު އިންޑިއާ އާއެކު ޑިފެންސް އެކްޝަން ޕްލޭންގައި ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރީ ވެސް ހަމަ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ދިވެހިއަސްކަރިއްޔާގެ ކަނޑު އުޅަނދު ފަހަރުގެ ބޭނުން ތަކަށް ޚާއްޞަ ކުރެވޭ، އުތުރުތިލަފަޅުގެ ފެށުން ގުޅިފައިވަނީ މިބުނެވުނު އެކްޝަންޕްލޭނާއެވެ. ހަމަ އެއާއެކު ޑޯނިއަރ މަތިންދާ ބޯޓްގެ އެއްބަސްވުމުގައި ސޮއިކުރީވެސް ހަމަ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ބަލިމީހުން އުފުލުމާ، ބެހިގެންދާ އުޅަނދު ފަހަރާ ގެއްލޭ މީހުން ހޯދާ ސަލާމަތް ކުރުމުގެ ކަންކަމުގައި ޕައިލެޓުންނާ ކްރޫއިންނާ ޑޮކްޓަރުންނާ ޓެކްނީޝަނުންނާ ގްރައުންޑް ސްޓާފުންގެ ގޮތުގައި އޮޕަރޭޝަނަށް ކިރިޔާ ފުދޭ ވަރަށް އިންޑިއާ ސިފައިންނަށް ނިސްބަތްވާ މަދު ބަޔަކު، ބަދަލުވަމުން ދައުރުވަމުންދާ އިންސާނީ ޚިދުމަތުގައި ރާއްޖޭގައި ތިބެއެވެ. އެއީ އަސްކަރީ އޮޕަރޭޝަނެއް ނޫނެވެ. އެއީ އިންސާނިއްޔަތުގެ ޚިދުމަތެކެވެ.
މިއޮޕަރޭޝަނަކީ ދިވެހި އަސްކަރިއްޔާގެ ބައިވެރިވުމާ އެއްބާރުލުމާ ކޮންޓްރޯލްގައި ކުރިއަށްދާ އޮޕަރޭޝަން ތަކެކެވެ. އަދި މިއީ އެއްވެސް ޙާލެއްގައި އަސްކަރީ ޙަރަކާތެއް ނޫން ކަމަށްވާތީ، 2018ގައި ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން އެމީހުންގެ ވިސާ ވެސް އިތުރުކޮށްދީފައި ވެއެވެ. އެމީހުން ރާއްޖޭން ބާލަން އެދި ރައީސް ޔާމީންގެ ސަރުކާރުން އދ އަށް ސިޓީފޮނުވާފައެއް ވެސް ނުވެއެވެ.
މިގޮތުން އިންސާނީއެހީގެ 1000އަށް ވުރެ ގިނަދަތުރު ، 5 އަހަރުތެރޭ ކުރެވިފައިވާއިރު، މީގެ ތެރޭން 600 އަށް ވުރެ ގިނަ ދަތުރު ކޮށްފައިވަނީ، ރާއްޖޭގެ އެކިހިސާބުގައިވާ ޕީޕީއެމް ކައުންސިލްތަކުން އެދިގެންނެވެ.
ދިވެހި އަސްކަރިއްޔާގެ ގަދަރު ކުޑަކޮށް، ގައުމުގެ ސަލާމަތަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ، ވެރިކަމުގެ ދަހިވެތިކަމުގައި ފަތުރާ ފިތުނަވެރި ދޮގު ވާހަކަތަކެވެ. ހަގީގީ ޚާއިނުންނާ ޣައްދާރުންނަކީ އެއީއެވެ.