އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެގެން ހިގައްޖެ: އާޒިމް

އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެގެން ހިގައްޖެ: އާޒިމް

ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ދިޔުމުން އާއްމު ފަރުދުންގެ ފިރިއުޅުން ދަތިވެއްޖެކަމަށް މާލޭ މޭޔަރ ވިދާޅުވެއްޖެއެވެ. އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ އާޒިމް ވިދާޅުވީ " ޑޮލަރުގެ އަގު  20.20 (ވިހިރުފިޔާ ވިހިލާރިއަށް) އަށް މަތިވެގެން ދިއުމުގެ ސަބަބުން ވިޔަފާރި ތަކަށް ދަތި އުދަގޫވުމުގެ އިތުރުން އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެގެން ހިގައްޖެ"ކަމަށެވެ. 

މާލެ ސިޓީގެ މޭޔަރ އޮނަރަބަލް އާދަމް އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި މީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިކަމުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ހައްލެއް ހޯދައި ދިނުމުގެ އެއްވެސް އަމަލި ސިފައެއް މިސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީސް ތަކުން ފެންނަމުން ނުދާކަން ހިތާމައާއި އެކު މާލޭ މޭޔަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އާޒިމު ވިދާޅުވީ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖެ ބަގުރޫޓްވާ ހާލަތަށް ވެއްޓި ގައުމީ އަދި އިގްތިސާދީ މިނިވަންކަން ގެއްލި ރައްޔިތުން ބިކަވުން ކަމަށެވެ.  ސިޔާސީ ނާޖާއިޒު ބޭނުމަށް އިތުރު ބޭކާރު ހަރަދުތައް ނުކޮށް ސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީސް ހަމަމަގަށް އަޅުވާ ޑޮލަރުގެ އަގު އުފުލްން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މާލޭ މޭޔަރު ސަރުކާރަށް ގޮވާލެއްވިއެވެ. 

ސަރުކާރުން އިސްނަގައިގެން އަޅަންފެށި ދެއުޅިއެއްނުވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުން ޑޮލަރު ލިބުންދަތިވެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 20/20ރ އަށް މިހާރުވަނީ އަރާފައެވެ.