އެމްޕީއެލްގެ ޑީޕް ސީ ބަނދަރެއް ތިލަފުށީގައި އަޅަނީ

ތިލަފުށީގައި "ޑީޕް ސީ" ބަނދަރެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑީޕް ސީ ބަނދަރެއް ތިލަފުށީގައި އަޅަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި "ޑީޕް ސީ" ބަނދަރެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބަނދަރުގެ އަމާޒަކީ އާންމު މުދާ ފިޔަވައި މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ކުރިއަށްގެންދާ ހުރިހާ ކާގޯ އޮޕަރޭޝަންތަކަށް ހިދުމަތް ދޭ ބޮޑެތި ބަލްކް ކާގޯ އަދި ކޮންޓެއިނަރ އުފުލާ އުޅަނދުފަހަރަށް ޖާގަ ދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އިންފްރާސްޓްރަކްޗަރ ހެދުމާއި ކޮމިޝަން ކުރުމުގެ މަސައްކަތުގެ ތެރޭގައި ބްރޭކްވޯޓަރ، ކުއޭ ވޯލް، އޭޕްރަން، ކޮންޓެއިނަރ ޔާޑް، ޓާމިނަލް ބިލްޑިންގ، ރޯޑްވޭސް އަދި އެންޓްރީ/އެގްޒިޓް ގޭޓް ހިމެނެއެވެ. އަދި ގުދަންތަކާއި ޓްރަކް ޕާކިން އަދި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ފަދަ އެންސިލަރީ ފެސިލިޓީތަކަކީ ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 

އެމްޕީއެލް އިން މި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުނިތައް ހޯދަމުން އަންނައިރު، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށަހަޅާ ކުންފުނިތަކުގައި ކަމާ ގުޅޭ ތަޖުރިބާއާއި އެކަށީގެންވާ ވަސީލަތްތަކާއި މާލީ ތަނަވަސްކަން ހުރުމުގެ އިތުރުން މަޝްރޫޢުތައް ވަގުތުން އަދި ބަޖެޓުގެ ތެރޭގައި ނިންމުމުގެ ރަނގަޅު ޓްރެކް ރެކޯޑެއް އޮންނަންޖެހެއެވެ. އަދި ޕްރޮޖެކްޓަ ހުށައަޅާ ކުންފުންޏަކީ މަސައްކަތް ނިންމުމުގެ ޤާބިލުކަމަށް ބުރޫއަރާ ފަދަ ބަނގުރޫޓުވުމެއް ނުވަތަ ގާނޫނީ ދެބަސްވުން ތަކެއް އުފެދިފައި އޮތް ކުންފުންޏަކަށްވެގެން ނުވާނެއެވެ. އަދި ހަމައެހެންމެ ފިނޭންސް މިނިސްޓްރީގެ ޑިބާޑް ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެމްޕީލް އިން ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނާގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 23:59 ކުރިން އީއޯއައި ހުށަހެޅަންވާނެއެވެ.އެމްޕީއެލް އިން ހާމަހަކުރާ ގޮތުގައި ޓެންޑަރ ޕްރޮސެސްއަށް ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރާނެއެވެ.

ޑީޕްސީ ބަނދަރު ހެދުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެ، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ، ކަނޑުދަތުރުފަތުރުގެ މައި ހަބެއްގެ ގޮތުގައި މިސަރަހައްދުގައި ރާއްޖެ އިތުރަށް ފާހަގަވެގެން ދާނެއެވެ.