އިމްރާން ލީޑްކުރަންޏާ ނަތީޖާއަށް ވާސިލުނުވެ ނުހުއްޓާނެ
މުއިއްޒަށް އޮތީ ފެންނަނުފެންނަ ވޯޓެއް ނެގުން ނުވަތަ އިސްތިއުފާ ދިނުން
ސަރުކާރާ ދެކޮޅަށް ޝައިހު އިމްރާން ނިކުންނެވިޔަ ނުދޭން އަބަދުވެސް ލައްކަ ސަކަރާތް ޖަހައެވެ. ލައްކަ ވާހަކަ ދައްކައެވެ. ލައްކަ ކުޑައިމީސްކުރެއެވެ. އިމްރާނު ފަހަތައް ނުޖެއްސުނިއްޔާ އިމްރާނާއެކު އެހެން ބަޔަކު ނިކުތަ ނުދޭން ވަރަށް މަސައްކަތްކުރެއެވެ.
ގައުމީ ބޮޑެތި މައްސަލަތަކުގައި އިމްރާނު އަބަދުވެސް ލީޑްކުރައްވައެވެ. އިމްރާނު އިސްވެ ހުންނަވައިގެން މަގުމައްޗަށް ކަމެއްގައި ނިކުންނަވައިފިނަމަ އެކަމެއް ކޮޅެއްގައި ނުޖައްސަވާ ހުއްޓަވައެއް ނުލައްވައެވެ. ސަރުކާރުތައް ހަމައިންނެއްޓިގެންދާ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ފަޅީގައި އަބަދުވެސް އިމްރާނު ހުންނަވައެވެ.
ޓްރޭޑަރސް ހޮޓަލުގައި ބަނގުރާ ވިއްކުން ހުއްދަކުރާން އުޅުނު އުޅުން އިމްރާނު އިސްވެ ހުންނަވާ ޑިސެމްބަރ 23 އިއްތިހާދުން ނިއްކުރީގައި ރަތްފޮތި ބަނދެގެން ހުއްޓުވިއެވެ، ޔަހޫދީ ޑޮކްޓަރުން ރާއްޖޭގައި ހަރަކާތްތެރިވުން ހުއްޓުވިއެވެ. ރާއްޖޭގެ މައި އެއަރޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް އިމްރާން ލީޑްކުރެއްވި ހަރަކާތް ނިމުނީ ޖީއެމްއާރު އަތުން މައި އެއަރޕޯޓް އަތުލައިގެންނެވެ.
ރައީސް ޔާމީނު ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބޭއްވި މޭޑޭ ބޮޑު މުޒާހަރާ ލީޑުކުރައްވާ އެ ސަރުކާރު ކޮށިއަރުވާ ލެއްވުމުގައިވެސް އިސްވެ ހުންނެވިއެވެ. މޭޑޭ މުޒާހަރާއާއި ގުޅިގެން ރައީސް ޔާމީނުގެ ދައުރު ނިމެންދެން ޖަލުގައި އޮންނެވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ސަރުކާރު އޮންނަންޖެހުނީ ހޫނުފެނުގައެވެ.
އާއްމު އެއްވުމެއް ނުވަތަ ޖަވާބުދާރީ ކުރުވުމުގެ ހަރަކާތެއް ޝައިހު އިމްރާން ލީޑް ކުރައްވައިފިނަ ދޭތިން އެކައްޗަށް އެކަމެއް ކޮޅެއްގައި ޖެހެންދެން ދެމިހުންނެވުމަކީ ސަރުކާރުތަކާއި ވާދަވެރިން ހީބިހި ނަގާ ކަންތަކެވެ. މީހަކު ކިޔާފާނެ އެއްޗަކަށް ކޮށްފާނެ ކަމަކަށް ބެއްލުވުމެއްނެތި ގައުމާއި ދީނުގެ ހައްގުގާ އަޑުއުފުއްލަވަން އިމްރާނު ފަސްޖެހިވަޑައި ނުގަތުމަކީ އިމްރާނު އަރިހުގައި ފައިހަރުކޮށްލައިގެން ސާބިތުވެ ތިބެން މީހުން ޖެހެލުން ނުވާސަބަބެވެ. އެންމެ ފަހު މީހާއާއި ހަމައަށްވެސް މައިދާން ދޫނުކުރައްވާ އިމްރާނު ހުންނަވާނެކަން މީހުނަށް ކަށަވަރުވެއެވެ.
ޝައިހު އިމްރާނަކީ ކަމެއް ކުރެއްވުމުގެ ކުރީން އިޝްތިހާރާ ކުރެއްވުމަށް ފަހުގައި ނޫނީ އެއްވެސް ކަމެއް ކުރައްވާ ބޭފުޅެއް ނޫންކަމަށް ކިތަންމެ ފަހަރަކު ޑރ. މުއިއްޒު ބުނާކަމަށްވެއެވެ. ރައީސް މުއިއްޒާ ދެކޮލަށް ނިކުންނެވިޔަސް އިމްރާނު ނިކުންނަވާނީ އިސްތިހާރާ ކުރައްވައިގެން ވަރަށް ސާބިތުކަމާއެކުގައިކަން މުއިއްޒަށް އެނގިވަޑައި ގަންނަވާނެތާއެވެ.
އެހެން ކަމުން އީގަލް ހިލްސްއަށް ރާސްމާލޭން 500 ހެކްޓަރ ދިނުމާދެކޮޅަށް ފެށި ގައުމީ ހަރާކާތް ޝެއިހު އިމްރާން ލީޑް ކުރާތީވެސް މުއިއްޒު މޭކަރާނެއެވެ. ހާސްވާނެއެވެ. ހެދޭ ނުހެދޭ ނޭނގޭނެއެވެ. މުއިއްޒު ކިތަންމެ ފައިވިއްދިޔަސް ފުކެއްވެސް ދޫނުދީ ކޮޅެއްގައި ޖެހެންދެން ގައުމީ ހަރަކާތް ކުރިއަށް ގެންދާނެކަން މުއިއްޒަށް އެނގޭނެއެވެ.
މުއިއްޒަށް އޮތީ ރަސްމާލޭން 500 ހެކްޓަރ އީގަލް ހިލްސްއަށް ދީގެން ގައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރި ކުރުވަން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ނުވަތަ ވެރިކަމުން އިސްތިއުފާ ދިނުމެވެ. ކޮޅެއްގައި ޖެހެންދެން އިމްރާނު ލީޑްކުރައްވާ ގައުމީ ހަރަކާތް ނުހުއްޓި ބާރަށް ކުރިއަށް ދާނެއެވެ.




