އެތައް ގައުމަކުން ދިވެހިރާއްޖެއަށް ވާން އުޅޭއިރު ރާއްޖޭން އުޅެނީ ދުބާއީއަށްވާން

އަމިއްލަ ގައުމުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލުކޮށްލަނީ

އެތައް ގައުމަކުން ދިވެހިރާއްޖެއަށް ވާން އުޅޭއިރު ރާއްޖޭން އުޅެނީ ދުބާއީއަށްވާން
ފޮޓޯ: ބޭރު ގައުމެއްގައި ރާއްޖޭގެ ރިސޯޓް ކޮންސެޕްޓެއް

އެތައް ހާސް އަހަރެއް ވަންދެން މީސްކޮޅު މަދު ދިވެހިން ވަކިވަކި ޖަޒީރާތަކެއްގައި ދިވެހިންގެ ގޮތުގައި ތިބެވުނު ސަބަބާމެދު ފިކުރުކޮށް ބަލާށެވެ. އަމިއްލަ ވަޒަނެއް ނެތި އަޅުވެތިކަމުގައި އެތައް ބަޔަކު ނިކަމެތި ހާލުގައި އުޅޭތަނެއް ނުފެނޭހެއްޔެވެ. ފަލަސްތީނާއި ކަޝްމީރު ނޫނަސް އެތައް ބަޔަކު މިނިވަންކަމަށްޓަކާ ފުރާނައިން ކޮންމެ ދުވަހަކު ގުރުބާން އެބަވެއެވެ. 

އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެއްގައި ބަޔަކަށް އަޅުވެތިނުވެ ދިވެހިރާއްޖެ ދެމިއޮތީ ދިވެހިވަންތަކަމަށް ލޮޅުން އަރާނެ އެއްވެސް ކަމެއް ނުކޮށް ތިބީތީއެވެ. އެއްވެސް ސިފައެއްގައި ދިވެހި ޕާސްޕޯޓް ދިވެއްސަކަށް ނޫނީ ނުދޭތީއެވެ. ދިވެހި ބަހުން ވާހަކަ ދައްކާ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތުކަން ނުދޭތީއެވެ. ދިވެހިންގެ ދިވެހިވަންތަކަން ހަތިމުވާކަށް ދިވެހިން ނޭދެއެވެ. 

އިހުގެ ދިވެހިން ކައިބޮއި ދުވަހުގެ ފުރާގު ހަމަޖެއްސީ ދިވެހިވެށީގައި ހެދޭ ދަނޑުގޮވާމާއި މޭވާއާއި ފަލަމަޑިއާއި ތަރުކާރީންނެވެ. ދިވެހި ކަނޑުތަކުން ބާނާ މަހުންނެވެ. ވިސްނުންތެރިކަމާއެކު ކާބޯތަކެއްޗާއި ހިފާގެންގުޅޭތަކެއްޗާއި އާއްމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތި އުފައްދާ ކުރިއެރުވިނަމަ މިއަދުވެސް ބޭރުތަކެއްޗަށް މިހާބޮޑަކަށް ރޭރުވާކަށް ނުޖެހުނީހެވެ.

ވެރިކަމުގެ ފަރާތުން ވިސްނުމެއް ފިކުރެއްނެތި ތަރައްގީގެ އަވާގައި ދޫކޮށްލެވުނު ކަންތައް ތަކެއްގެ ސަބަބުން އަމިއްލަ އުފެއްދުންތެރިކަން ގެއްލި ބޭރުންގެނެވޭ ތަކެއްޗަށް ބަރޯސާވެ ނިމުނީއެވެ. ފަސޭހަގޮތް ހިޔާރުކޮށް އަމިއްލަ އުފެއްދުންތެރިކަން ދޫކޮށްލީއެވެ. ދުނިޔެއަށް ކިތަންމެ ވަރަކަށް ހުޅުވުނަމަވެސް ކޮންމެހެން ބޭރުން ނުގެނަސް ވާންނެތް އެއްޗެއް ނޫނީ ނުގެންނަވަރަށް ރާއްޖޭގައި އުފެއްދުންތެރިކަން އެހެން ނޫންނަމަ އޮތީހެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކަން ލިބުނު ފުރުސަތުގައި ވެސް ވެރިންގެ ޖީބުތައް ފުރާލުމަށް އުޅެގަތް ގޮތަކުން ރާއްޖޭގެ ރީތިކަމުގެ ފައިދާ ދިވެހިންނަށްވުރެ ބޮޑަށް ނަގަމުން ދަނީ ބޭރުގެ މަހުޖަނުންނަށެވެ. ދިވެހިންނަށް ލިބެނީ އެމީހުންގެ ތުނބުން ވެއްޓޭ ބަތްފުކެވެ. މިއަދު އޮބިއަޅައިގެން އެ މޮޅު ހޯދަން އުޅުނަސް ދެން އެކަމެއް ކުރާކަށް ފަސޭހައެއް ނުވާނެއެވެ. ކަމެއް ފަށާއިރު ދީފި ދުލެއް ފަހުން އަނބުރާ ހޯދޭނީ ލޭކޮށިގެންނެވެ. 

ދިވެހި ވެރިންގެ އިހުމާލުން ދިވެހި ރާއްޖޭގެ ފަތުރުވެރި ކަމަކީ ބޭރުގެ މަހުޖަނުން މުއްސަދިކޮށްދޭ ދަނޑުބިމަކަށް ވީތާ ކިތަންމެ ޒަމާނެކެވެ. ދިވެހިންގެ ތެރޭން މަހުޖަނުން އުފެދެން އޮތް މަގު އޮތީ ބަންދުކޮށްފައެވެ. ދައުލަތް ދަވާލައިގެން ނޫންގޮތަކަށް ރާއްޖޭގައި މީހަކަށް ތަނަވަސްކަން ހޯދުމުގެ ފުރުސަތެއް މިހާރަކު ނެތެވެ.

ދިވެހި އިގުތިސޯދުގެ ލޭނާރު ބުރިވެ މައިގަދަ ޓޫރިޒަމް ކޮޅުންލީ ތޯއްޗެކެވެ. ދިވެހިންނަށް އޮތް ގޮތަކީ ގޯލްޑަން ޕާސްޕޯޓުގައި ބޭރުން މީހުން ހިޖުރަކުރުވުން ކަމަށް ވެއްޖެއެވެ. ސަރުކާރު އެއޮތީ ޕްރަޕަޓީވިއްކައިގެން ބޭރުމީހުން ވަޒަންވެރި ކުރުވަން އެއްރޮއްޖަށް ފޫގަޅައިގެންނެވެ. މުސްލިމަކަށް ނުވިޔަސް ދިވެހިބަސް ނޭގުނަސް ރާއްޖޭގެ ޕާސްޕޯޓުގައި އުދުހި ނަގަންވީއެވެ. ގޯލްޑަން ޕާސްޕޯޓްގެ އަހުލުންނަށް އެމީހުން ބޭނުންވާ ހުރިހާކަމެއް ކުރުމުގެ ފުރުސަތުނުދީއެއް ރާއްޖޭން ޕްރަޕަޓީ ގަނެގެން އޫލެންވީ ބޭނުމެއް އެމީހުންނަކަށް ނުއޮންނާނެއެވެ. 

އަލައްބާރުން ލައްވާ ބޭރު މީހުން ވަޒަންވެރި ކުރުވައިގެން ރާއްޖެ ސިންގަޕޫރާއި ދުބާއިއަށް ބަދަލުކޮށްލަނީ ޔޯލައެވެ. އެކަމަކު އަލައްބާރުންނަށް ބިން ދީގެނެއް ދިވެހިން ދިރިއުޅޭ ރައްތަަކާއި އެ ރަށްރަށުގެ ދިރިއުޅޭ އެންމެންގެ ގެދޮރާއި އުޅޭ ވެށީގެ ހާލަތު ރަނަގަޅުވާ ތަނެއް ނުފެނެއެވެ. ރާއްޖޭގައި ހުރި އާއްމު ރިސޯޓްތަކާ އެއް ފެންވަރަށް ވެސް އާއްމުން ދިރިއުޅޭ ހާލަތު ބަދަލުވެގެން ދާނެކަމުގެ އުންމީދެއް ނެތެވެ. 

އޭގެ ބަދަލުގައި އަލައްބާރުންގެ ސަބަބުން ދިވެހި ރާއްޖޭގެ ދިވެހިވަންތަކަން ގެއްލުވާލާ ބޭރު މީހުނަށް ރަށްވެހިކަން ހުޅުވާލެވޭނީއެވެ. ނަތީޖާއަކަށް ވާނީ އަމިއްލަ ގައުމުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލުވުމެވެ. އަޖައިބެއް ނުވާނެހެއްޔެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ދިވެހިރާއްޖެއަށް ވާން އުޅޭއިރު ރާއްޖެ މިއުޅެނީ ސިންގަޕޫރަށާއި ދުބާއީއަށް ވާށެވެ.